Advertisement

ސްޓެލްކޯގެ ހުރިހާ މީޓަރެއް ސެޕްޓެމްބަރުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލުކުރަނީ

9 ޖުލައި 2025 - 13:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސްޓެލްކޯއިން ހަރުކުރާ ސްމާޓް މީޓަރު: ފޭސް 2 ގައި ހަރުކުރުމުގެ މަސައްކަތް ވަނީ ނިންމާފައި -- ފޮޓޯ: ސްޓެލްކޯ


ސްޓެލްކޯގެ ހުރިހާ މީޓަރެއް ސެޕްޓެމްބަރުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލުކުރަނީ

9 ޖުލައި 2025 - 13:41 0

ކަރަންޓު ބިލަށް އިތުރަށް ފައިސާ ނަގާކަމުގެ ތުހުމަތު އަމާޒުވާތީ، ސްޓެލްކޯގެ ހުރިހާ ކަރަންޓު މީޓަރެއް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ސްމާޓް މީޓަރަށް ބަދަލު ކުރުމުގެ މަސައްކަތްކޮށް ނިންމާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިން ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު އެނގޭ ސްމާޓް މީޓަރު ސެޕްޓެމްބަރަށް ނިންމައި، ސްމާޓް އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ހިދުމަތްތައް ޒަމާނީކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ކުރިއަށް ގެންދާ ސްމާޓް މީޓަރު ހަރު ކުރުމުގެ މަސައްކަތް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވަނީ ނިމިފަ އެވެ.

ފަހުމީ ވިދާޅުވީ ސްމާޓް މީޓަރާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދީ، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވިގެން ދިޔުން ކަމަށެވެ.

މީގެ އިތުރުން ސްމާޓް އެޕްލިކޭޝަން މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ސްޓެލްކޯ ކެއާ މެދުވެރިކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތުކުރުމުގެ ފުރުސަތު އެޕްލިކޭޝަނުން ލިބޭނެ އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދިނުން ކަމަށެވެ.

ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރަން ނިންމައި އެކަމަށް އެޕްލިކޭޝަނެއް ހަދަން ފަށާފައި މިވަނީ ކަރަންޓު ބިލުތައް ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.