11 ޑިސެންބަރު 2025 - 08:58 1
އަހުމަދު އާއިދު
މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތައް ---- ފޮޓޯ: އަދަދު
11 ޑިސެންބަރު 2025 - 08:58 1
ހުޅުމާލޭގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ފަހުކޮޅު ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ އެވެ.
ސްޓެލްކޯގެ މީޑިއާ ޓީމުން މައުލޫމާތު ދިން ގޮތުގައި އޭނާ ނިޔާވީ އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެދުނެވެ. އިތުރު ފަރުވާއަށް އޭނާ ތައިލެންޑަށް ގެންދިޔައީ ނޮވެމްބަރު 30، ގަ އެވެ.
ނޮވެމްބަރު 26، ގައި ހިނގި މި ހާދިސާގައި ފިހި، މިއަދު ނިޔާސީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުންދިޔަ އަހުމަދު އަޒްމީލް، 43، އެވެ.
ހާދިސާ ހިނގި ދުވަހު ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ ސްވިޗުގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. ސްވިޗުގިއަރަކީ ގްރިޑުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އެއީ އާންމު ގޭގެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބްރޭކަރު ފަދަ އެއްޗެކެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު، އެ ކުންފުނިންނާއި ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިހާތަނަށް މި ތަހުގީގުގެ އެއްވެސް ތަފުސީލެއް ފުލުހުން އަދި ސްޓެލްކޯ އިން ހާމަކޮށްފައެއް ނުވެ އެވެ.
Comment