Advertisement

އެމެރިކާގައި ފެންބޮޑުވުމުން ރައީސް މުއިއްޒު ހިތާމަފާޅު ކުރައްވައި، ޓްރަމްޕަށް ހަމްދަރުދީ ފޮނުއްވައިފި

7 ޖުލައި 2025 - 08:11 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


އެމެރިކާގައި ފެންބޮޑުވުމުން ރައީސް މުއިއްޒު ހިތާމަފާޅު ކުރައްވައި، ޓްރަމްޕަށް ހަމްދަރުދީ ފޮނުއްވައިފި

7 ޖުލައި 2025 - 08:11 1

އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވުމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހިތާމަފާޅުކުރައްވައި އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ޓްރަމްޕަށް ރައީސް ފޮނުއްވި މެސެޖުގައި، ފެންބޮވި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މެސެޖުގައި ރައީސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށާއި މީހުން ސަލާމަތް ކުރުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް، އެމީހުންގެ ކުރީގެ ދިރިއުޅުން އަވަސް މުސްތަގުބަލެއްގައި އަލުން އިއާދަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

ޓެކްސަސްގައި ފެންބޮޑުވުމުގެ ސަބަބުން މިހައިތަނަށް 67 މީހުން މަރުވެފައިވާ ކަމަށް ސީއެންއެންއިން ރިޕޯޓު ކޮށްފައިވެ އެވެ. އޭގެތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ސީއެންއެންއިން ރިޕޯޓު ކޮށްފައިވެ އެވެ.

ޓެކްސަސްގައި ފެންބޮޑުވީ ހުކުރު ދުވަހު ބޯކޮށް ވާރޭވެހި ގްވަޑަލޫޕޭ ކޯރު ބަންޑުންވުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އެމެރިކާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެމެރިކާގެ އިސް އޮފިޝަލުން ރާއްޖޭގެ އިސް އޮފިޝަލުންނާ 30 އަށް ވުރެ ގިނަ ފަހަރު ވަނީ ބައްދަލުކޮށްފަ އެވެ. އެމެރިކާގެ ނޭވީގެ ބައެއް އިސް ވެރިން ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ރާއްޖެއަށް ތިން އަސްކަރީ ޕެޓްރޯލް އުޅަނދަކާއި އަސްކަރީ މަތިންދާބޯޓެއް ހަދިޔާ ކުރަން ވެސް އެމެރިކާއިން ވަނީ ނިންމައިފަ އެވެ. އަދި ގާތްގަނޑަށް 12 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވެސް އެމެރިކާއިން ވަނީ ނިންމައިފަ އެވެ.