Advertisement

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

29 ޖޫން 2025 - 09:39 6

ރަނާ ލަތީފް

ރަނާ ލަތީފް


ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

29 ޖޫން 2025 - 09:39 6

އެގާރަވަނަ ބަޔާ ގުޅޭ

"މިރޭ މުހިއްމުވެއްޖެ" އިވާންގެ ޖަވާބު ކުރެވެ. އެހެނަސް އެ ޖަވާބުން މިފަހަރުވެސް މައިރާގެ ދުލުގައި ތަޅުއެޅުވިއްޖެ އެވެ. ރީތި ރާގަކަށް ހިތުގައި ވިންދު ޖަހައިލި އެވެ. ބަހަކުން ބަހެއް ނުކިޔައި އިނދެ އިވާން އެދުނު ފަދައިން ފޯނަށް އެ އެޕްލިކޭޝަންތައް އިންސްޓޯލްކުރަމުން ދަނިކޮށް އިވާން އޭނާގެ އަތުގައި ހިފަހައްޓައިލި އެވެ. މައިރާ އެއްއަތުގެ އެހީގައި ފޯނު ހިފަހައްޓައިލަމުން އަނެއްއަތް އިވާން އެދޭގޮތަކަށް މިނިވަން ކޮށްދިނެވެ. އެއާއެކު އިވާންގެ އަތުގެ އިނގިލިތައް މައިރާގެ އަތުގެ އިނގިލިތަކުގެ ދޭތެރެއަށް މަހައިލި އެވެ. ގުޅިލާމެހިފައިވާ ދެއަތް އުފުލައިލާ މައިރާގެ އަތުގެ ބަނޑުފުށުގައި އިވާން ބޮސްދިނެވެ. އޭރުވެސް އޭނާގެ ދެލޯ ސީދާވެފައިވަނީ މަގުމައްޗަށެވެ. މައިރާއަށް ނޭވާ ހިފަހައްޓައިލަން މަޖުބޫރުވި އެވެ. ވެހިކަލް އައިސް ގޭގެ ކުރިމައްޗަށް ހުއްޓުމާ ހަމައަށް މައިރާއަށް އިނދެވުނީ ގުޑިލަންވެސް ނޭނގިފަ އެވެ.

"މި އާދެވުނީ.." އިވާންގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު މައިރާ އިވާންގެ ފޯނު ދިއްކޮށްލި އެވެ.

"މިއޮތީ ފޯނު. އެޕްތައް އިންސްޓޯލް ކޮށްފަ ހުންނާނީ. އިވާން އެކައުންޓެއް ހަދާފަ އަހަރެން އެޑް ކޮށްލާ" މައިރާ ދިން ފޯނުގައި އިވާން ހިފި އެވެ.

"ގުޑް.. އޯލްސޯ. ޔޫ އަރ ނޮޓް ހަރޓް ރައިޓް؟ އެއްވެސް ގެއްލުމެއްވިތަ؟ އެއްވެސް ތާކަށް ތަދުވޭތަ؟ ހޮސްޕިޓަލަށް ދާން ޖެހެންޏާ ބުނައްޗޭ." އިވާންގެ އަޑުގައިވަނީ ކަންބޮޑުވުމުގެ އަސަރެވެ.

"ނޯ.. ނޯ އައިމް ފައިން.. ރިއަލީ" މައިރާ ހިނިތުންވެލި އެވެ. އިވާން މައިރާގެ ވާހަކަ ގަބޫލުކުރަމޭ ބުނާ ފަދައަކުން ބޯ ޖަހައިލި އެވެ. "އޯކޭ. އެހެންވިއްޔާ ދެން އެންމެ ރަނގަޅު ދިޔަސް" އޭނާ ބުންޏެވެ.

"އިވާން އެކަމަކު—" މައިރާގެ ވާހަކަ ފެށުމާއެކު އިވާން ކިހިނެއްވީހޭ އަހައިލާފަދައަކުން މައިރާއަށް ބަލައިލި އެވެ. މައިރާއަށް އަނެއްކާ ގެއްލުމެއް ލިބިފައި ހުރީބާ އެވެ؟

"އިވާން.. މައި ހޭންޑް" މައިރާ ބުނަން ނުބުނަން އިނދެފައި ބުންޏެވެ. އެއާއެކު އިވާންއަށް ބިރެއް ފެނުނު ފަދައިން ކުއްލިއަކަށް މައިރާގެ އަތުން ދޫކޮށްލެވުނެވެ. އަވަސްއަވަހަށް ދުރު ބަލައިލިގޮތުން އިވާން އެކަމާމެދު ލަދުގެންފިކަން މައިރާއަށް ނަގައިގަނެވުނެވެ. އެހެންކަމުން އޭނާ ލަސްކުރުމެއްނެތި ވެހިކަލުން ފައިބައިގެން ގެއަށް ވަނުމަށްޓަކައި ދުއްވައިގަތެވެ.

"ޝިޓް" މައިރާ ދިޔުމާއެކު އިވާންއަށް ރަކިވިވަރުން މޫނުގައި އަތް އުނގުޅައިލެވުނެވެ. މިރޭ މައިރާ ފެނުނީއްސުރެން އޭނާގެ އަމަލުތައް ބެހެއްޓެމުންދިޔަ ގޮތާމެދު ވިސްނައިލެވުނެވެ. ހަގީގަތަކީ އެ އަމަލްތަކުގައި އޭނާގެ މާބޮޑު ކޮންޓްރޯލެއް ނެތްކަމެވެ. މައިރާއަށް ލިބިދާނެ ގެއްލުމަކާމެދު ހިތުގައި އުފެދުނު ބިރުވެރިކަން އޭނާގެ ހަމަބުއްދީގެ މައްޗަށް ކުރިހޯދީ އެވެ. އޭނާގާތު މައިރާ އިން އިރުވެސް ހީވީ ދެންމެ ދެންމެ މައިރާ ގެއްލިދާނެހެނެވެ. މައިރާގެ އަތް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލައިގެންވެސް އިނދެވުނީ އެހެންވެގެނެވެ. އިވާން މީގެ އިރުކޮޅެއް ކުރިން މައިރާ އިށީނދެލައިގެން އިން ސީޓަށް ބަލައިލި އެވެ. އެތަނުގައި މައިރާ ނެތުމުން އިހުސާސްކުރެވުނު ފަޅުކަމުން އޭނާގެ ހިތަށް އުނދަގޫވި އެވެ. ނަމަވެސް މައިރާ މިހާރު ހުރީ ހެޔޮހާލުގައިކަން އަމިއްލަ ހިތަށް ވިސްނައިދެމުން އިވާން ފުލުސްއޮފީހާ ދިމާލަށް މިސްރާބުޖެހީ މިހާރު ހުރިހާ އޮފިސަރުން ތިބޭނީ އޭނާ މުޅި ސްޓޭޝަން ސަމާލަށް ގެނައި ސަބަބާމެދު ފިކުރުބޮޑުވެފައިކަން އެނގި އެކަންތައް ހަމަޖެއްސުމަށް ހިތުލައިގެނެވެ.

----

ގެއަށް ވަނީއްސުރެން މައިރާއަށް ޖެހުނީ އައިލީންއާއި އާޒިމާގެ ލެކްޗަރުތައް އަޑު އަހާށެވެ. އޭނާގެ މުޅި ރޭ ހޭދަވީ އެކަމުގައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ރޭގަނޑުގެ ކެއުމަށްފަހު ނިދަން ކޮޓަރިއަށް އައި އިރުވެސް އައިލީންގެ ލެކްޗަރެއް ނުހުއްޓުނެވެ. އެހެންކަމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެންމެން ނިދައި ފައިހިލަވަޅު އޮބުމުންނެވެ. ނުނިދިފައި އޮއްވައި ނަދާލްގެ ކޯލެއް އައުމުން އޭނާ ކޮޓަރިން ނުކުތެވެ.

"ކޮންގްރެޓްސް ކަޒް. ޔޫ އާ އޯލްމޯސްޓް ދެއާ" ފޯނު ނެގުމާއެކު ނަދާލް ބުނި ވާހަކައި މައިރާގެ ދެބުމަ ގޮށްޖެހުނެވެ.

"ތިބުނީ؟" ލަސްފިޔަވަޅުތަކެއްގައި ސިޑިއާ ދިމާލަށް ހިނގައިގަންނަމުން މައިރާ އެއްސެވެ.

"ޒެފް ރޭގަ އަހަރެންނަށްވެސް ގުޅިއޭ.. އެމީހާގެ ފޮޓޮއެއްވެސް ފޮނުވި. އޭގަ އެއިނީ އެއްކަލަ މައި ފޮނުވި މަސްދަތުރުގެ ފޮޓޯތަކުގަ ހުރިތަނުން މީހެއްނު. އަހަރެން ހީކުރިވަރަށް ވުރެވެސް މައި ކުޅަދާނަ އެނގޭ. ހިއެއްނުކުރަން އެހާ އަވަހަށް ހުރިހާކަމެއް ފިގަރ އައުޓް ކޮށްލާނެ ކަމަކަށް" ނަދާލް މައިރާއަށް ތައުރީފުކުރި އެވެ.

"ނެޑް.. ތިވާހަކަ ދައްކާށޭ މި ގުޅީ.. އައި.. އައި ޑޯންޓް ތިންކް އިޓްސް ހިމް. ޒެފްއަށް އޮޅުނީ ކަންނޭނގެ" މައިރާ ސިޑިން ފޭބުމުގެ ކުރިން އޭނާގެ ފަހަތުން މީހަކު އާދޭތޯ ބެލުމަށް ވަށައިގެން ހޯދައިލި އެވެ.

"ކީއްވެ؟ އަހަރެންނަކަށް ހިއެއްނުވޭ ޒެފް އެވަރުކަމެއްގަ ފަރުވާކުޑަ ކޮށްލާނެހެން" ނަދާލް ބުންޏެވެ.

"އައި ނޯ އައި ޓްރަސްޓް ޒެފް ހުރިހާ ކަމެއްގަވެސް އެކަމަކު މިފަހަރު.. އިޓްސް ޖަސްޓް.. ނެޑް.. ޒެފް ފޮނުވި ފޮޓޯގަ އިން މީހާ އެއީ މަލްއަށްވުރެން 4 އަހަރު ބޮޑު މީހެއްނު؟ ޑޫ ޔޫ ރިއަލީ ތިންކް ޝީ ވުޑް ޑޭޓް ހިމް؟" މައިރާ ބުންޏެވެ.

"ވައި ނޮޓް؟ ލުކް މައި.. ބުނާތީ އިވޭ ލޯބިވަންޏާ އޭޖް އިޒް ޖަސްޓް އަ ނަމްބަރ އޭ. އަހަރުމެންގެ ޕޭރެންޓްސްގެ އޭޖް ގެޕްސްއަށް ބަލާބަ. އެންޑް ލުކް އެޓް ނަޝްދޮންތި އެންޑް ދޮންތިބެ. ގައިމުވެސް ނަޝްދޮންތި ދޮންތިބެއަށްވުރެ އަހަރެއްހާތަން އުމުރުން ދޮށިވާނެ. ތިބުނާ 4 އަހަރަކީ އަދި އެއްޗެއް ނޫނެއްނު.. މި ބުނަން އުޅޭ ވާހަކައަކީ.. އެމީހާ މަލްއަށް އޮޅުވާލިޔަސް މަލް އެމީހަކުދެކެ ވީ ހަގީގީ ލޯތްބޭ. އެކަން އަހަރުމެން އެންމެނަށްވެސް ޔަގީން ވެއެއްނު؟" ނަދާލް ވިސްނައިދިނެވެ.

"އޯކޭ.. ފައިން.. ޔޫ މޭ ބީ ރައިޓް. އޭނަގެ ކޮއްކޮ އަހަރެންގާތު ދެއްކި ވާހަކަތަކާ ޒެފްގެ ވާހަކަތަކަށް ބަލާއިރުވެސް ދެއަރ އިޒް އަ ހައި ޗާންސް ހީ ޑޭޓެޑް މަލް.. އެކަމަކު އޭގެ މާނައަކީ އޭނަ އަދި ގިލްޓީއެކޭ ނޫންދޯ؟" މައިރާ ބުންޏެވެ.

"އަހަރެންނަށް ޔަގީންވޭ އެރޭ މަލް ދިޔައީ މަލްގެ ބޯއިފްރެންޑާއެކު ކަން. އެންޑް އައިމް ޕްރިޓީ ޝުއަރ އިފް އެނީވަން އިޒް ގިލްޓީ.. އިޓްސް ހިމް." ނަދާލް ބުންޏެވެ.

"ޔޫ ކެނޮޓް ސޭ ދެޓް! އައި ނޯ ހިމް ނެޑް! އެއީ ތި ހީކުރާކަހަލަ މީހެއްނޫނޭ.. ޔެސް ހީ ކޭން ބީ އިންޓިމިޑޭޓިން އެޓް ޓައިމްސް ބަޓް ހީ އިޒް އަ ގުޑް މޭން. ހީ އިޒް ކައިންޑް އެންޑް ޖެންޓަލް.. އަހަރެންގެ ހިތެއް ނުބުނޭ" މައިރާ ގަބޫލުކުރާކަށް ބޭނުމެއްނުވި އެވެ.

"މައި؟ ޑޫ ޔޫ ލައިކް ހިމް" ނަދާލްއަށް މައިރާގެ ވާހަކަތަށް ދޭހަވިގޮތުން ސުވާލު އުފެއްދުނެވެ.

"ދެޓްސް ނޮޓް ދަ ޕޮއިންޓް ނެޑް—"

"މައި! އާންސާ މީ! ޑިޑް ޔޫ ފޯލް ފޯރ ދިސް ގައި" ނަދާލްގެ ސުވާލު ތަކުރާރުކޮށްލި އެވެ.

"ވަޓް؟ ނޯ! އެކަމަކު ގަބޫލުކޮށްބަލަ. އޭނައަކީ ތި ހީކުރާކަހަލަ—"

"ޔޫ ތިންކް ހީ އިޒް އަ ގުޑް މޭން މައި!! މައިއަށް ނުވިސްނޭތަ އެއީ ކިހާވަރެއްގެ ކަމެއްކަން! ޔޫ އާ އަ ސަޓިފައިޑް މޭން ހޭޓާ.. އަހަރެން ހިއެއް ނުކުރަން މައިގެ ދުލުން ރަނގަޅޭ ބުނާނެވަރު ފިރިހެނެއް މި އުޑުދަށުގަވެސް ހުރެދާނެ ކަމަކަށް.. އެކަމަކު އޭނަ ތިހިރީ މައިވެސް ހައްލާލާފަ ހުރި ވަރު.. ތިވަރުން އަހަރެންނަށް ޔަގީންވެއްޖެ އެއީ ހަމަ ހަގީގަތުގަވެސް އޭނަކަން. ޒެފްއަށް އޮޅުނީކީ ނޫންކަން. މައިގެ ސިކުނޑިއަށް އޮޅުވާލެވޭވަރު މީހަކަށް މަލްގެ ހިތަށްވެސް އޮޅުވާލެވޭނެ" ނަދާލް ޔަގީންކުރި އެވެ. މައިރާ ދިފާއުގައި ވާހަކަނުދެއްކީ އޭނާއަށް ބުނެވޭ އެއްޗަކުން ދެންވެސް ނަދާލްގެ ވާހަކައަށް ބާރުލިބިދާނެކަމުގެ ބިރުގަ އެވެ.

"މައި.. ދިސް ޕަރސަން.. އޭނަ ހޯދަން އަހަރުމެންނަށް ޕޮލިހުގެ ތެރެއިންވެސް ކިހާ މަސައްކަތެއް ކުރެވުނު.. މިހާރުވެސް ފުލުހުންނާ ދެކެވުނު ހުރިހާ ވާހަކައެއްގެ ހެކި އަހަރެންގެ އަތުގަ ހުންނާނެ. ހުރިހާ ކަމެއް ގޮސް ހުއްޓެނީ މަލްގެ ބޯއިފްރެންޑާ ހިސާބުން.. އޭނައާ ސުވާލު ކުރަން ގެނެވޭނޭ ބުނި އެކަމަކު އަހަރެން ކުރިންވެސް ބުނިހެން އިޓްސް ލައިކް ހީ ޖަސްޓް ޑިސަޕެއަރޑް. މިހާ ކުޑަކުޑަ ގައުމެއްގަ އެހެންވާނީ ކިހިނެއް؟ އަހަރެން އޭރުވެސް ބުނީމެއްނު އެމީހަކީ ފުދޭވަރަކަށް އަންޓަޗަބަލް މީހެކޭ.. ޒެފަން ރޭގަ ކިޔާދިން ވާހަކަތަކުން އަހަރެންނަށް ޔަގީންވެއްޖެ މިހާރު އެމީހަކީ މަލްގެ ބޯއިފްރެންޑްކަން.. އަދި އެމީހުންގެ ތެރެއިން މީހެއްވީމަކަން އެހިސާބުން ތަހުގީގު ކުރިއަށް ނުގޮސް އޮތީ.." ނަދާލްގެ ވާހަކަތައް މައިރާއަށްވެސް ގަބޫލު ކުރެވެންފެށި އެވެ.

"އެކަމަކު އަހަރެން އަދިވެސް ބޭނުން ހުރިހާ ކަމެއް ޔަގީންކުރަން. އަހަރެންނަށް ދެދުވަހުގެ މުއްދަތެއްދީ" މައިރާ ރައްދުގައި ބުންޏެވެ. އެއާއެކު ފޯނުގެ އަނެއްފަރާތުން ނަދާލް ފުންނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. "ފައިން.. ޓޫ ޑޭޒް އިޓް އިޒް" ނަދާލް ފޯނު ކަނޑައިލި އެވެ.

ގޮތްހުސްވެފައިވާ މީހަކު ފަދައިން މައިރާ ހުރިހިސާބުން ސިޑިމަތީގައި އިށީނދެލި އެވެ. ފުންވިސްނުމަކަށް ގެއްލެމުން ދަނިކޮށް ގޭގެ ކޮންމެވެސް ދިމާލަކުން ދޮރެއްގެ ތަޅު ހުޅުވުނު އަޑު މައިރާއަށް އިވުނެވެ. ގޭތެރޭގައިވ މަރުފަދަ ހިމޭންކަމުގެ ސަބަބުން މައިރާއަށް އެ އަޑު އައީ ސިޑީގެ ތިރިން ކަން ޔަގީންކުރެވުނެވެ. އޭނާ ސިޑިން ފޭބިއިރު ސިޑި ދަށުގައި ނިވާވެފައި ހުންނަ ކޮޓަރިއެއްގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުއްޓާ ފެނުނެވެ. އެއީ ސީދާ ކޮން ތަނެއްކަން ނޭނގުނު ކަމުގައިވިޔަސް އެއީ އިވާން އެކަނި ބޭނުންކުރާ ތަނެއްކަން މައިރާއަށްވަނީ އެނގިފަ އެވެ. މައިރާ ސިއްރު ފިޔަވަޅުތަކެއްގައިގޮސް އެ ކޮޓަރީގެ ދޮރު ހުޅުވައިލީ އެތަނުން އޭނާއާ ބައްދަލުވާނީ އިވާން ކަމުގައި ހީކުރަމުންނެވެ. ނަމަވެސް ފެނުނު މަންޒަރުން މައިރާއަށް ލިބުނީ ހައިރާންކަމެވެ.

"ރޫމީ؟" މައިރާ ދުރު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި ބޮޑު އޮފީސް މޭޒުދޮށުގައިހުރި ރޫމީގާތު ހުއްޓުނެވެ. އެތަނަކީ އިވާން މަސައްކަތްކުރާ ކުޑަ އޮފީހެއްގެ ގޮތުގައި ބޭނުންކުރުމަށް ހަދައިފައިވާ ތަނެއްކަން މައިރާއަށް އެނގުނެވެ. މޭޒުމަތީގައިހުރި ފުލުހުންގެ ތައްގަނޑު ޖަހާފައިވާ ބައެއް ލިޔުންތައްވެސް އެކަމުގެ ހެއްކެއްގެ ގޮތުގައި ފުދެ އެވެ. އެ ލިޔުންތަކުގައިވާ "ސިއްރު" ތައްގަނޑު ފެނި މައިރާގެ ދެބުމަ ގޮށްޖެހުނެވެ. ދައުލަތުގެ އެންމެ މުހިއްމު އެއް މުއައްސަސާގެ ސިއްރު ލިޔުންތަކެއް ގެއަށް ގެނެސްގެން އިވާން މި ކުރަނީ ކީއްބާ އެވެ؟ ނަމަވެސް މިއީ އެކަމާމެދު ވިސްނަންވީ ވަގުތު ނޫންކަމަށް ބަލައި މައިރާގެ ސަމާލުކަން ރޫމީއަށް އަނބުރައިލި އެވެ.

"މިތާ ކީއް ތިކުރަނީ؟" ހިތުގައި އުފެދުނު ޝައްކަކީ ވަހުމަކަށް ވާނެކަމުގެ އުއްމީދުގައި މައިރާ އެއްސެވެ. ރޫމީއަކީ އާޒިމާއާއި އައިލީންގެ އިތުރުން އިވާންވެސް އާއިލާގެ ބޭރުން އެންމެ އިތުބާރުކުރާ މީހާކަން މައިރާއަށް އެނގެ އެވެ. އެމީހުން ރޫމީއާމެދު ދެކެނީ އާއިލާގެ މެންބަރެއްގެ ގޮތުގަ އެވެ. ބިދޭސީއަކަށް ވީތީއޭ ކިޔައި އިޚްތިރާމްކުޑަ އެންމެ ބަހެއްވެސް ރޫމީއާ ދިމާލަށް ބުނިއަޑެއް މައިރާގެ ކަންފަތަކަށް އަދި ނީވެ އެވެ. ވީއިރު ރޫމީ އެގެއިން ވައްކަން ކުރުމަކީ ނުވާނެ ކަމެއްކަން އެ އާއިލާއެކޭ އެއްފަދައިން މައިރާވެސް ގަބޫލުކުރަން ބޭނުންވި އެވެ. ނަމަވެސް ރޫމީގެ މޫނުމަތިން ވިދަމުންދިޔަ ހާސްކަމުގެ ދާތިކިތަކުންނާއި ހަށިގަނޑުގައިވާ މަޑު ތުރުތުރުލުން ބުނެދެމުން ދިޔައީ މުޅިން އެހެން ވާހަކައެކެވެ.

"މަ—މައި—" ރޫމީގެ އަޑުގައިވާ ޖެހިލުންވުމުން މައިރާއަށް ރޫމީ ވައްކަންކޮށްފިކަން ޔަގީން ކުރެވުނެވެ.

"ރޫމީ.. އަތް ދައްކާ.. އަވަސް.. ދައްކާ އަތް" މައިރާ ހަރުކަށިކަމާއެކު ފަހަތައްލައި ފޮރުވާފައި އޮތް ރޫމީގެ އަތް ކުރިމައްޗަށް ގެނަ އެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހުޅުވައިލި މުށުގެ ތެރޭގައިހުރި ފައިސާ ފެނުމުން މައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މާބޮޑު އަދަދެއް ނޫނެވެ. ފަސްސަތޭކަ ރުފިޔާގެ ދެ ނޫޓެވެ. އެންމެ އެއްހާސް ރުފިޔާ އެވެ. ނަމަވެސް ވަގަކަށް ހާސްދުވަސް އޮވެޔޭ ބުނާފަދައިން ރޫމީ އެތަނުން ވައްކަންކުރީ ކިތަށް ރޭކަން އެނގެނީ ކާކަށް ހެއްޔެވެ؟ މައިރާ ހަނދާންވީ އޭނާ މީގެ ދުވަސްކޮޅެއްކުރިން ދަންވަރުގަޑީގައި ތިރިއަށް ފޭބި ރެއަކު ރޫމީ އެ ސިޑިދަށުން ނުކުމެގެން ދިޔަ ހަނދާނެވެ. މަދު އަދަދުތަކުން ނެގީމައި މީހަކަށް ރޭކައިނުލާނެތީ ރޫމީ ފައިސާ އެ ނަގަނީ ގިނަ ރޭރެއަށް ބަހާލައިގެނެވެ.

"ކީއްވެ ރޫމީ؟ ކީއްވެ ވައްކަންކުރަންވީ؟ ރޫމީއަށް ކިހާވަރެއް އިވާން ޕެއި ކުރަނީ؟" މައިރާ އަހައިލި އެވެ.

"ފަސްސަތޭކަ ޑޮލަރު" ރޫމީއަށް ރޯން ފެށުނެވެ.

"އިވާންގެ މުސާރައިގެ ތިންބައިކޮށްފަ އެއްބައި އެ ދެނީ ރޫމީއަށް. ހުންނާނެ ތަނަކާއި ކެއުމާއި ދެންވެސް ރޫމީ ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސާދީފަ އެވަރު އެ ޕޭ ކުރަނީ. ރޫމީއަށް އެނގޭތަ ގިނަ ގޭގޭގަ އެހީތެރިންނަށް ތިވަރު ނުދޭކަން. ދެން ކީއްވެ؟" މައިރާގެ ސިކުނޑި ސުމަކަށްދިޔަ އެވެ.

"ސޮރީ މައިރާ ދައްތާ.. އަހަރެން މަންމަ އިތުރު ލާރި ބޭނުންވަނީމަ ނެގުނީ. ސޮރީ މައިރާ ދައްތާ ޕްލީޒް ނުބުނައްޗޭ އެއްވެސް ވެރިމީހާ ގާތު" ރޫމީ އާދޭސް ކުރަން ފެށި އެވެ.

"އަހަރެން ގާތަކު ނޫން ދޯ މާފަށް އެދެންވީ.. އެހެންނޫނަސް ރޫމީ އިތުރަށް ބޭނުންވެގެން ބުނިނަމަ އަހަރެންނަށް ޔަގީން އިވާން ދޭނެކަން. ކޮންތާކުން މި ނެގީ" މައިރާގެ އަޑުގައިވަނީ ރުންކުރުކަމެވެ. ވަތްގަނޑު ހުޅުވައިލުމަށްފަހު ރޫމީ ދެއްކީ އިވާން ބައެއްފަހަރު ރުފިޔާ ރައްކާކުރާ ބާ ވޮލެޓެކެވެ. އެ ރަށުގައި އޭޓީއެމްއެއް ނުހުންނާތީއާއެކު އެފަދަ ގޮތަކަށް ރުފިޔާ ރައްކާކުރުމަކީ އާންމު ކަމެކެވެ. ވިސްނުމަކާނުލައި އެ ވޮލެޓު ހުޅުވައިލި ވަގުތު މައިރާގެ ހަށިގަނޑު އެކީ ހުއްޓުމަކަށް އައެވެ. ސިހުން ލިބިފައި ބަލަހައްޓައިގެން ހުރެވުނީ އެ ވޮލެޓުގައިހުރި ފައިސާއަކަށް ނޫނެވެ. އެ ވޮލެޓުން އޭނާއަށް ފެނުނު އިވާންއާއި މަލަކް އެކުގައި ނަގާފައިވާ ފޮޓޯގަނޑަށެވެ. މިއަށްވުރެން ބޮޑު ހެއްކެއް އޭނާއަށް ދެން ފެންނާނެ ހެއްޔެވެ؟ ހަގީގަތަކީ ހިތި އެއްޗެކޭ ބުނާ އަޑު އޭނާވެސް އަހަ އެވެ. ނަމަވެސް ހަގީގަތެއްގެ ހިތިރަހަ އޭނާގެ އަރުގައި މިލީ ފުރަތަމަ ފަހަރަށެވެ.

"މައިރާ ދައްތާ ޕްލީޒް" މިނެޓެއްހާއިރު ފަހުން މައިރާ އެ ވޮލެޓު އޮތްތާނގައި ބާއްވައިފައި ވަތްގަނޑު ލައްޕައިލީ ރޫމީ ގޮވައިލުމުންނެވެ.

"ޝޫޝް!" މައިރާ އަތުގެ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސައިލަމުން ރޫމީގާތު ވާހަކަ ނުދެއްކުމަށް ބުންޏެވެ. "ކޮބާ ތަޅުދަނޑި؟" މައިރާގެ ސުވާލާއެކު ރޫމީ އަވަސްއަވަހަށް އޭނާ ލައިގެންހުރި ހެދުމުގެ ޖީބުން އެ ކޮޓަރީގެ ތަޅުދަނޑި ނަގައި މައިރާއާ ހަވާލުކުރި އެވެ. "ދެން އަވަހަށް ހިނގާ މިތަނުން ނުކުންނަން" މައިރާ އިތުރަށް ބުނިހާވެސް އެއްޗަކީ އެއީ އެވެ. މައިރާގެ ފަހަތުން ހިނގައިގަތްއިރު ރޫމީގެ ހަށިގަނޑު ބިރުން ރޫރޫ އަޅަމުންދިޔައީ އެ ކަންތައް ފަޅާ އަރައިފިނަމަ ދެން ވެދާނެ ގޮތަކާމެދު ވިސްނެމުން ދިޔައީތީ އެވެ.

ކޮޓަރިއަށްވަދެ ދޮރު ލައްޕައިލުމަށްފަހު މައިރާ އަތުގައި އޮތް ތަޅުދަނޑިއަށް ބަލައިލި އެވެ. އޭނާ އަދިވެސް ހުރީ ދެންމެ ހިނގައިދިޔަ ކަންތައް ސިކުނޑިއަށް ނަގައިގަންނާނޭ ގޮތެއް ނޭނގިފަ އެވެ. ހުއްޓުމެއްނެތި އޭނާއަށް ވިސްނެމުންދިޔައީ އިވާންގެ ވޮލެޓުން ފެނުނު މަލަކްގެ ފޮޓޯގަނޑާ މެދުގަ އެވެ. ނަދާލްއާއެކު ދެއްކި ވާހަކަ ތަކަށްފަހު މިހާ އަވަހަށް އެމީހުން ހޯދަން އުޅުނު ކަންތަކުގެ މުހިއްމު ހެއްކެއް ފެނުމަކީ އޭނާއަށް އެކަންތަކުގައި ކުރިއަށްދާން ލިބުނު އިޝާރާތެއް ކަމުގައި މައިރާ ދެކުނެވެ. އެއާއެކު އެ ކޮޓަރިން ފެނުނު ސިއްރު ތައްގަނޑު ޖަހާފައިވާ ލިޔުންތަކުގެ މަތިންވެސް މައިރާ ހަނދާންވި އެވެ. މަލަކްގެ ހާދިސާއާ ގުޅޭ މުހިއްމު މައުލޫމާތު ތަކެއް އެ ލިޔުންތަކުގައި ހުރެދާނެކަން މައިރާގެ ހަވަނަ ހިއްސު ބުނަމުންދިޔަ އެވެ. ސިކުންތެއްވެސް ލަސްނުކޮށް އެ ލިޔުންތަކުގައިވާ މައުލޫމާތުތައް ދެނެގަތުމަށް މައިރާ ބޭނުންވި އެވެ. ނަމަވެސް އަދި ރޫމީ ހޭލައި އުޅޭނެ ކަމަށް ބަލައި އެވަގުތު އެ ކޮޓަރިން ނުކުތުމުގެ ހިޔާލު ދޫކޮށްލި އެވެ.

---

ޖެހިގެން އައި ދުވަހުގެ ކޮންމެ މިނެޓެއް މައިރާ ހޭދަކުރީ ބަޔަކަށް ނޭނގި އެ ކޮޓަރިއަށް ވަދެވޭނެ ފުރުސަތަކަށް ބަލަބަލަ އެވެ. އާޒިމާއަކީ ފަތިހުއްސުރެން ހޭލައި އުޅޭ މީހެއްކަން އެނގޭތީ ދުވާލުގެ ވަގުތު އެހާބޮޑު ކަމެއް ކުރާކަށް މައިރާއަކަށް ނުކެރުނެވެ. އާޒިމާ ނިދުމުން އެކަމާ އުޅެން ހިތުލައިގެން ހުރިނަމަވެސް އެރޭގެ ތާވަލު ރޭވިފައި އޮތްގޮތުން އޭނާއަކަށް އެ ފުރުސަތެއް ނުލިބުނެވެ. އެރޭގެ އިޝާ ނަމާދަށްފަހު އިވާންއާއި އައިލީންގެ ރައްޓެހިން އެގެއަށް އައިސް ކައްކައި ސަކަރާތްޖެހުމުގައި އުޅެންފެށީ އެތަނުން ދެމީހަކު ކައިވެނި ކުރުމަށް ތައްޔާރުވަމުންދާތީ އެކަމުގެ އުފާ ފާޅުކުރުމަށެވެ.

"މިރޭ ހަމްއާއި ޔައިއްޓެއާ އެނގޭ ކައްކަން ޖެހޭނީ.. އަހަރުމެން ހަމައެކަނި ކާނީ.. ދެން އަންބަކު ލިބުނީމަ ޔައިއްޓެ ކައްކާ މޮޅު ނޫޑުލިސްގަނޑުގެ ރަހަވެސް ލައްވާ ނުލާނެވިއްޔަ" ސޯފާގައި އިން އައިލީންއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީންނަމުން ޝާވިން ބުންޏެވެ.

"މައްސަލައެއްނެތް.. އެކަމަކު އަހަރުމެން ކައްކާގަޑީގަ އުނދަގޫކުރަން ބަދިގެއަށް ވަދެގެން ނުވާނެ" ޔައީޝް ޝަރުތަކާއެކު އެއްބަސްވި އެވެ.

"އޭ ތިއީ ދެން އެހެންޏާފަހެ އަރާމަގު ދޮންކަމަނަތަ؟ ތިއުޅެނީ ކޮންމެހެން ކައްކާކަށް ނޫން. މާދަމާރޭ އިނދެވެންދެން މަޑުން ތިބޭ" ޝާވިންގެ ރައްދާއެކު ދެން އިވުނީ އެތަނުގައި ތިބި އެންމެންގެ ހުނުމުގެ އަޑެވެ.

"ސާބަހޭ ޝޯންއަށް.. ނުބެހޭ ކަމެއްވެސް ނޯވޭ ދޯ. މީނަ މީހަކާ އިންނަ ދުވަހު ލަދުން ބޮލުގަ ފޮށާ އަޅާވަރު ކޮށްލަންވާނެ އެނގޭ ހަމް" އައިލީންއަށް މަޑަކުން ނީނދެވުނެވެ.

"އޭރުން އަހަރެންނާ އެއްވަރަށް ލީންވެސް ލަދު ގަންނާނެ" ޝޯން ހެވިފައި އިނދެ ބުންޏެވެ.

"އައްޗި! އަހަރެން ކޮންކަމަކާ ލަދު ގަންނަންވީ" އައިލީން ބުންޏެވެ. ބާކީތިބި މީހުން އެ ވާހަކައިގެ ތެރެއަށް ނުވަނީ އެމީހުނަށް ޝާވިން ނުސީދާކޮށް ދައްކަމުންދިޔަ ވާހަކަ ފަހުމުވީތީ އެވެ. އައިލީންއަށް އެކަމުގެ ހިލަމެއް ނުވި ނަމަވެސް އިތުރު މީހަކު އެއްޗެކޭ ނުބުނުމުން އޭނާވެސް އެ މައުޟޫއު ދޫކޮށްލި އެވެ. ހިމޭންވެގެން ދިޔަ މާހައުލުގައި ދެން ފެށިގެންދިޔައީ ފޯރިގަދަ ފީފާ މެޗެކެވެ.

"އަޅެ އިވާން ގޭގަވެސް ނެތީސް އެ ކޮޓަރިން ޕްލޭ ސްޓޭޝަން ނެރެގެން އައިސް މިތަނަށް އެ ގުޅީ.. އިވާން ރުޅި ނާންނާނެތަ؟" މައިރާ ވައިއަޑުން އައިލީންގާތު އަހައިލި އެވެ.

"ނާންނާނެ ނާންނާނެ. ޗިލް މައި! މައި ތި ހީކުރާވަރަށްވުރެ އިވާން ކޫލް ވާނޭ" އައިލީން ބުންޏެވެ.

"އޮފްކޯސް.. އިވާން ކޫލްވާނެ.. އަހަރެންދެކެ އެކަނި އޭނައަށް ރުޅި އަންނަން އެނގޭނީ" މައިރާ ފޫހިވެފައި އިނދެ ކަޅި އަނބުރައިލިއިރު އެބަސްތައް ވަނީ އޭނާގެ ހިތުގަ އެވެ. "އިވާން ކޮބާތަ؟ ނާދޭތަ؟" އޭނާއަށް އަހައިލެވުނެވެ.

"ސްޓޭޝަންގަ ބިޒީވީ ކަމަށްވާނީ.. ނާއިލްވެސް ނެތެއްނު. އިވާން ނެތިވެސް މި މީހުން މިގޭގަ މިކަހަލަ ސަކަރާތްގަނޑު ގަންނާނެ. އަނެއްހެން މިގެހާ ބޮލަށް ފަސޭހައެއް ނުވާނެ އެހެން ގޭގެ. މާމަވެސް ވަރަށް ކޫލްއެއްނު. އަނެއްކާ އެހާ އަވަހަށް ނިދާނެ.." އައިލީން ކިޔައިދިނެވެ. "މައި އަނެއްކާ ކިހިނެއްވީ މާ ވަރަކަށް އިވާން ތި ހޯދަނީ؟ މާ ހާއްސަކަމެއް އޮތީތަ؟" އައިލީންގެ އަޑުގައި ލާނެތް ރާގެއް ހުއްޓެވެ. އެހެނަސް މައިރާއަށް އެކަން ފާހަގަ ނުވާކަމަށް ހެދެމުން "ހަމަ އަހާލީ" އޭ ބުނެ އެ ވާހަކަ ނިންމައިލި އެވެ.

އިރުކޮޅެއްފަހުން އިވާންއާއި ނާއިލް އެކުއެކީގައި އައިސް އެގެއަށް ވަނެވެ. ނާއިލްގޮސް އެކުވެރިންތަކުގެ ތެރޭގައި އިށީނުމުން އިވާންވެސް އެ އެކުވެރިންނަށް ދެތިން ބަހެއް ބުނެލުމަށްފަހު މައިރާއަށް އަވަސް ނަޒަރެއް ދީފައި ސިޑިން މައްޗަށް ދުއްވައިގަތެވެ. ވިއްސަކަށް މިނަޓުގެ ތެރޭގައި އޭނާ ފެންވަރައި ތާޒާ ވެލައިގެން އައިސް ސިޑީގެ އެންމެ ތިރީ ހަރުފަތްތަކުން ހަރުފަތެއްގައި އިށީނދެލީ އެވަގުތު އެނޫން ޖާގައެއް އެ ސިޓިންގްރޫމްގައި ނެތްކަމަށް އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުންނެވެ. އިވާން ހޯދަން އުޅުނު ޝާވިންއަށް އެ މަންޒަރު ފެނި އިވާންގާތަށްގޮސް އެތަނުގައި ދެން ހުރި ހަރުފަތުގައި އިށީން ނަމަވެސް އިވާންއަށް އެކަން ފާހަގަވިހެން ހިއެއްނުވެ އެވެ. އިވާންގެ ދެލޯ ޓީވީއިން ވަކިވާގޮތެއްނުވި އެވެ. ޝާވިން ތަންކޮޅެއް ރަނގަޅަށް އަދިވެސް އެ އިން ދިމާލުން ޓީވީއަށް ބަލައިލި އެވެ. އެއާއެކު އޭނާއަށް އިވާންގެ ނަޒަރު ހުއްޓިފައިވަނި ޓީވީއަށް ނޫންކަން އެނގުނެވެ. ތަޅުން މަތީގައި އިތް ހުސްޖާގައަށް ނުގޮސް އިވާން މިތަނުގައި މަޑުކޮށްގެން މީނީ މުޅިން ތަފާތު ސަބަބަކާއި ހުރެތާ އެވެ. އެމީހުން ތިބި ދިމާލުން ސޯފާގައި ތިބި އައިލީންއާއި މައިރާ ނުހަނު ސާފުކޮށް ފެނެ އެވެ. ޝާވިންއަށް ވީގޮތް ނަގައި ގަނެވުމުން ހެވިފައި އިނދެ ދެފަހަރަކު އިވާންގެ ލޯ ކުރިމަތިން އަތް ހޫރައިލި އެވެ.

"ސްޓޮޕް އިޓް.. ޝޯން" ޝާވިންގެ އަތް ދުރަށް ފޮޅައިލަމުން އިވާން ބުންޏެވެ.

"ހޫން.. ހިތްހަމަ ޖެހޭވަރަށް ބަލާ ނިމުނީމަ އާދޭ މެޗަކަށް އަރަން" ޝާވިންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

"އެލް ކްލެސިކޯ އެއްނު. ކިތަންމެ ގިނައިން ބެލިޔަސް ފޫއްސެއް ނުވާނެ" އިވާން ބުންޏެވެ.

"އެލް ކްލެސިކޯ ވިއްޔަ ތި ބަލަނީ" ޝާވިންއަށް މަޑުމަޑުން ބުނެވުނެވެ.

"ކީކޭ؟" އިވާންއަށް ޝާވިން ބުނި އެއްޗެއް ސާފެއް ނުވި އެވެ.

"އެއްޗެކޭ ނޫން.. ތަންކޮޅެއް ކައިރިން މެޗު ބަލަން ހިނގާށޭ އަހަރެން ބުނީ" ޝާވިން ހިނިއައިސްފައި އިނދެ ބުންޏެވެ.

"ނޫނޭ މިހިސާބު އޯކޭ.. ޖާގައެއް ނެތެއްނު" އިވާން ބުންޏެވެ.

"ޖާގައެއް ނެތޭ؟ އޭނަ ސިންގަލްއެއް ނޫންތަ؟" ޝާވިންއަށް އަހައިލެވުނެވެ.

"ވަޓް؟" އިވާންއަށް އެހެން އަހައިލެވުނު ވަގުތުވީ ޔައީޝްއާއި ހަމްނާ ކައްކައި ނިންމައިލުމަށްފަހު ނޫޑުލްސްތެއްޔާއި ތަށިތައް ހިފައިގެން ސިޓިންގްރޫމަށް ނުކުތް ވަގުތަށެވެ.

"އެއްޗެކޭ ނޫން ދެން ހިނގާ ކާން" އެހެން އެންމެނެކޭ އެއްފަދައިން ޝާވިންވެސް ތެދުވި އެވެ. އިވާންއާއެކު ގޮސް ކާއެއްޗެހި ބަހައްޓާފައިހުރި މޭޒުދޮށަށް ހުއްޓިލި ތަނާހެން މައިރާ ކާންއެޅި ތަށިން ރަހަ ބަލާލައިފައި ކުޅިވެގެން ޗޫސްދަމައިލި އަޑު އިވުނެވެ. ޝާވިން ވަގުތުން އެތަނުގައިހުރި ކޭހުން ކުޑަ ޖޫސްޕެކެޓެއް ނަގައި ހަމްނާގެ އަތަށް ދިއްކޮށްލި އެވެ.

"އަން މި ދީބަލަ އެލް ކްލެސިކޯއަށް" ޝާވިން ބުނި އެއްޗެއް ނޭނގިފައިހުރެ ހަމްނާއަށް ދެބުމަ ގޮށްޖަހައިލެވުނު އިރު އިވާންއަށް ސިހިފައި ޝާވިންއަށް ބަލައިލެވުނެވެ.

"އާން މިއީ ކީކޭތަ މި ބުނެވުނީ؟ މައިރާއަށް ދީބަލަ މި މައިރާއަށް" ޝާވިން ޒާތަކަށް ހިނިއައިސްފައިހުރެ ބުންޏެވެ. އިވާންއަށް ނިއްކުރީގައި ހިފަހައްޓައިލަމުން ދެފަރާތަށް ބޯ ހޫރައިލެވުނުއިރު ޝާވިންގެ ދިމާކުރުންތަކާ ކުރިމަތިލާންޖެހޭ އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު އޭނާގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. އޭނާ އެހާ ވަރަށް ފޮރުވައިގެން އުޅުމުންވެސް އޭނާގެ ސިއްރު އެކުވެރިޔާއަށް ފަޅާއެރީތާއޭ ހިތަށް އެރި އެވެ.

އެރޭގެ އުފާފާޅުކުރުން ނިންމައިލުމުގެ ގޮތުން އެންމެން ނިންމީ ކޮންމެވެސް މަޖާ ކުޅިވަރެއް ކުޅުމަށެވެ. އެގޮތުން އެންމެ ގިނަބައެއްގެ ތާއިދު ލިބުނީ ގޭގެ ވަށައިގެން އޮތް މަގުގައި ހިރި ކުޅުމަށެވެ.

"އަޅެ ރޭގަނޑެއް ނޫންތަ މިއީ.. ދެން އަހަރެން ބޭނުމެއްނޫން ކުޅޭކަށް" އައިލީން ހުރީ ސަކަރާތްޖަހާ ކަހަލަ މޫޑެއްގައެއް ނޫނެވެ.

"ކަމޯން ލީން.. ޑޯންޓް ބީ އަ ބަޒްކިލް މަޖާވާނޭ.. ކުރުސި ކިޔާލައިން ކުޅުނީމަ އޯކޭވާނެ" ނާއިލް ބުންޏެވެ. އެތަނުގައި އައިލީންގެ ހާލެއް ކިރިޔާވެސް އެނގޭ މީހަކަށްހުރީ ހަމްނާ ކަމުން އޭނާ އައިލީންއަށް ބަލައިލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.

"ޝޯން.. އެއީ ކިހިނެއް ކުޅޭ އެއްޗެއްތަ؟ އަހަރެންނަކަށް ނޭނގޭ އަދި" މައިރާ އަހައިލީ އެތަނުގައި ތިބި އެހެން މީހުނަށް ނީވޭނެހެނެވެ.

"ވަރަށް މަޖާވާނެ. ދެ ޓީމަކަށް ބަހައިގެން ކުޅޭނީ.. ވެލިގަނޑުގަ ކޮށްޓެއް ކުރަހާފަ.. ދެން އަހަރެން ކިޔާދޭނަން.. އެއްބަޔަކު ކޮށި ގާޑްކުރަން މީހަކު ބަހައްޓާފަ ފިލަން ދިޔަ މީހުން ހޯދަން ޖެހޭނީ... ދެން ފިލަން ދާ ޓީމުން މީހަކު ޖެހޭނީ ގާޑަކަށް ހުންނަ މީހާއަށް ނޭނގިހުއްޓާ ގޮސް ކޮށްޓަށް ވަދެފަ ހިރިއޯ ގޮވަން.. އަހަރުމެން ޓީމުގަ އަބަދުވެސް އިވާން ބަހައްޓަނީ ގާޑަކަށް. އިވާން ވަރަށް ހުށިޔާރުވާނެ. ހީ ޑަޒަންޓް މިސް އެނީތިން" ޝާވިން ބުންޏެވެ.

"އޭ ޕިސް.. މިފަހަރުވެސް އަހަރެންތަ ކޮށި ބަލަހައްޓަން" އިވާންއަށް އެދެމެދުގައި ދެކެވުނު ވާހަކަ އިވި ޗޮކެއް ކަނޑައިލެވުނެވެ.

"އޭ އާން.. އެކަމަކާ އެއްވެސް ދެބަސްވުމެއް ނޯންނާނެ އެނގޭ" ޝާވިން ބުންޏެވެ.

ހިރި ކުޅުމަށް ޓީމު ބެހިގެން ދިޔައިރު ޝާވިންއާއި އިވާން ދިޔައީ ދެ ޓީމަކަށެވެ. މައިރާވެސް އިވާންގެ ޓީމުގައި ލައްވައިނުލައި ދިޔައީ ޝާވިންގެ ޓީމަށެވެ. އިވާން އާދައިގެ މަތިން ކޮށި ބެލެހެއްޓުމާއި ހަވާލުވި އެވެ. އެ ޓީމުގެ އެންމެންވެސް އިވާންއަށް އެކަމުގައި ކުރާ އިތުބާރު ވަރަށް ބޮޑެވެ. ހުރިހާ އެންމެން ގޮސް ލޯމަތިން ގެއްލުމުން އިވާން ފޫހިވެފައިހުރެ ނަމަވެސް ފަރުވާތެރިކަމާއެކު ކޮށި ބަލަހައްޓަމުން ދިޔަ އެވެ. އިވާންއަށް ނުފެނި އެ ދިމާލުން ބުޅަލެއް، ބޮނޑެއް ނުވަތަ ހިކަންޖަކަށްވެސް ދަތުރެއް ނުކުރެވެ އެވެ. އެހެން ހުއްޓައި ކުއްލިއަކަށް އިވާންގެ ވައަތް ފަރާތުން ކޮށްޓާ ނުހަނު ގާތުން ކަޅު ހިޔަންޏެއްގެ ހިލަމެއް ވެލައިފި އެވެ. އެމީހަކު ދުވެފައި އައިސް ކޮށީގެ ތެރެއަށް ވަންނަނިކޮށް އިވާން ފަސޭހަކަމާއެކު އެ މީހެއްގެ އަތުގައި ހިފައި ކޮށިން ބޭރަށް ދަމައިގަތެވެ. އެމީހަކު އައިސް އިވާންގެ ގައިގައި ޖެހި މަތަވުމާއެކު އިސްއުފުލައި އިވާންއަށް ބަލާލައިފިއެވެ. ހަތަރުކަޅި ހަމަވިހިނދު ދެމީހުނަށްވެސް ހަރަކާތެއް ކޮށްލަން ނޭނގުނު ތަނުގައި ދުލުން ބަހެއްވެސް ބުނެލަން ނޭނގި ހުއްޓުން އަރާފައި ހުރެވުނީއެވެ. އާނއެކެވެ. ސިހުން ލިބިފައިވާ ދެލޮލުން އިވާންއަށް ބަލަހައްޓައިގެން ހުރީ މައިރާ ފިޔަވައި ދެވަނަ މީހެއްނޫނެވެ. އެއްފަރާތުގައިހުރި ގަސްތަކުގެ ސަބަބުން އެމަގަށް އެޅިފައިވާ ކޮކާހަނދުވަރުގެ ރިހި އަލިން ވިދަމުންދިޔަ މައިރާގެ ރީތި ކަޅިރަވައިގެ ޖާދޫގައިޖެހި އިވާންއަށް އޭނާއާ ހަވާލުވެވިފައިވާ ޒިންމާގެ މަތިން ހަނދާން ނައްތައިލެވުނެވެ. އޭރު ކޮށީގެ އަނެއްފަރާތުން އައި ޝާވިންއަށްވެސް އެ މަންޒަރު ފެނިއްޖެ އެވެ. ކޮށްޓަށް ވަނުމުގެ ފުރުސަތު އޮއްވައިވެސް މިދެމީހުން ހަދާގޮތެއް ބަލަން ހުންނާނީއޭ ހިތައި އޭނާގެ ފިޔަވަޅުތައް މަޑުޖައްސައިލި އެވެ. ދެން ޝާވިންއަށް ފެނިގެންދިޔައީ އޭނާ ދަންނަ "އެއްވެސް ކަމެއްގައި މޮޅުވުން ނޫންގޮތެއް ނޯންނާނެ" ކަމަށް ގަބޫލުކުރާ ވާދަވެރި އެކުވެރިޔާގެ ފަރާތުން އޭނާއަށް ދުވަހަކުވެސް ފެންނާނެކަމަށް އުއްމީދުކުރި މަންޒަރެއް ނޫނެވެ.

ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު އިވާންގެ ހިތުގެ ތެޅުން އިހުނަށްވުރެން ބާރުވަމުންދިޔަ އެވެ. މައިރާގެ ހާލަކީވެސް ހަމަ އެއީއެވެ. އެ ބެލުމުގައިވަނީ ދައުވަތެކެވެ. އެ ދައުވަތަށް އިޖާބަދޭން އިވާންއަށް މައިރާގެ މޫނާއި މޫނު ގާތްކޮށްލެވުނީ ބޭއިޙްތިޔާރުގަ އެވެ. ހަމަ އެހިނދު އެ އިޙްތިޔާރުގެ ލަގަނާއި އަލުން ހަވާލުވުމަށް އޭނާގެ ސިކުނޑިން ދޭން ފަށައިފި އެވެ. ބޭޒާރެއްނުވެ، ހެދެން މި އުޅޭ ގޯހުން ސަލާމަތްވާން އޭނާއަށް އޮތީ ހަމަ އެންމެ ގޮތެކެވެ. އިވާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މައިރާގެ ގައިން ދޫކޮށްލާފައި ފަހަތައް ފިޔަވަޅެއް އަޅައިލި އެވެ. އެއާއެކު މައިރާ ކޮށީގެ ތެރެއަށްވަދެ އެންމެނަށް އިވޭވަރަށް ކާމިޔާބު އިއުލާން ކޮށްލާކަށް ސުކުންތެއްވެސް ނުނެގިއެވެ. އެންމެ ފުރަތަމަވެސް ފިލައި އޮތް ތަނުން ނުކުމެގެން އައީ ޝާވިންއެވެ. އޭނާ އެއްފަހަރު އިވާންއަށް އަނެއްފަހަރު މައިރާއަށް ބަލައިލިއިރު އަދިވެސް އެ ދެމީހުންގެ ނަޒަރު އެކަކު އަނެކަކާ ވަކި ނުވާތަން ފެނި ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ފަހަރަކު މީހެއް ކޮށްޓާއި ދިމާލަށް އަންނަން ފެށުމުން އިވާން ހިނގައިގަތީ ދުރަށެވެ. އޭނާ ގޭގެ ދޮރާށިން ވަންނަނިކޮށް ޝާވިން ދުވެފައި އައިސް އޭނާއާ އެއްވަރުކޮށްލި އެވެ.

"އައި ސޯ ދެޓް" އިވާންގެ ކޮނޑުގައި ޖަހައިލަމުން ޝާވިން ބުންޏެވެ.

"ލީވް މީ އެލޯން ޝޯން. އައިމް ވެރީ ކޮންފިއުޒްޑް" އިވާންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. މައިރާއަކީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއްކަން އެނގިހުރެވެސް އޭނާގެ ބަސްނާހާ ހިތުގައި މައިރާއަށްޓަކައި އުފަންވަމުންދިޔަ އިހުސާސްތަކުގެ ސަބަބުން އިވާންއަށް ހުރީ އުނދަގޫވެފަ އެވެ.

"އޯކޭ ބްރޯ.. ވެނެވަރ ޔޫ ވޯންޓް ޓު ޓޯކް. އާދޭ މެޗަކަށް އަރާލަން" އިވާންއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ޝާވިން ސޯފާމަތީގައި އޮތް ޕްލޭ ސްޓޭޝަނުގެ ދެ އަތްގަނޑުން އެއް އަތްގަނޑު ނަގައި އިވާންއާ ދިމާލަށް ހޫރައިލި އެވެ. އިވާންވެސް އެކަމާ އެއްބަސްވީ އެރޭގަ ބާކީބައި އެކަނިއޮވެ ހިތްނޭދޭ ހިޔާލުތަކެއްގައި ހުސްކޮށްލުމަށްވުރެން ޝާވިންގެ ހުށަހެޅުން ރަނގަޅުކަމަށް ގަބޫލު ކުރެވޭތީ އެވެ.

"ކޮބާ އެލް ކްލެސިކޯއެއްތަ؟" ހިނިގަނޑެއް ޖަހައިލަމުން ޝާވިން އަހައިލިއެވެ. އިވާންއަށް ޖެއްސުންކޮށްނުލައި ހުރުމަކީ އޭނާއަށް ހާދަހާވާ އުނދަގޫ ކަމެކެވެ.

"ޝަޓަޕް. އައިމް ޓޭކިން މެން-ޔޫ" އިވާން ޕްލޭ ސްޓޭޝަން ހުޅުވައިލިއެވެ. ނަމަވެސް އޭނާގެ ހިޔާލުތައްވީ ކުޅެމުންދިޔަ މެޗާ މާ ދުރުގަ އެވެ. ނަތީޖާއަކަށްވީ އޭނާ ޝާވިންގެ އަތުން ބޮޑުކޮށް ބަލިވުމެވެ. އިވާން ނިދި އައީ ކަމަށްބުނެ ބަހަނާއެއް ދެއްކުމަށްފަހު ޝާވިން އެ ގެއިން ފޮނުވައިލީއެވެ. ކޮޓަރިއަށްގޮސް ކަންނެތްކަމާއެކު އެނދުމައްޗަށް ވެއްޓިގަންނަމުން އޭނާ ދެލޯ މަރައިލި އެވެ. އެހެން ރޭރެއެކޭވެސް އެއްފަދައިން މިރޭވެސް މައިރާގެ ތަސްވީރު ލޯމައްޗަށް ސިފަވުމާއެކު އިވާންއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ތަފާތަކީ އެހެން ރޭރެއާ ހިލާފަށް މިރޭ އެ ހިނިތުންވުން ފޮހެލަން އިވާން މަސައްކަތް ނުކުރި ކަމެވެ. ދެލޯ ހުޅުވާލައި މައިރާގެ ހިޔާލުތަކުން ދުރަށްދާން މަސައްކަތް ނުކުރިކަމެވެ. ހިތް ފުރެންދެން ހިޔާލުގައިވި މައިރާގެ ތަސްވީރަށް ބަލަން ދެލޯ މަރާލައިގެން އޮތްކަމެވެ.

---

"އައްދޭ މިއަދު ޔުނީފޯމުގަ ނުކުމެގެން އުޅޭ ދުވަހެއްތަ؟ އަނެއްކާ ކުށެއް ކޮށްގެން އަހަރެން ހާޒިރުކުރެވުނީތަ މިއީ؟" ފުލުސް އޮފީހާ މާ ދުރުނޫން ހިސާބެއްގައިހުރި ކެފޭއެއްގެ މޭޒުދޮށުގައި އިށީންނަމުން ޝާވިން ވާހަކަ ދެއްކީ އެތަނުގައި އިން އިވާންއާ އެވެ.

"ހާޒިރުކުރާ ވަރުގެ ކުށެއް ކުރެވުނީމަތަ ތިހެން ތި އަހަނީ؟" އިވާންވެސް ޝާވިންގެ ވާހަކައާއި ވިއްދާފައި އަހައިލި އެވެ.

"ހޫން ދެން ތިއެއްނޫނޭ. ކޮންކަމަކު އަންނަން ބުނީ؟ ކޮޓަރީގަ ކުލަލާން އުޅެފައޭ މިއައީ" ޝާވިން ޝަކުވާކުރި އެވެ.

"އިހަށް ދުވަހު ނޫންތަ ތި ގޭގަ ކުލަލީ؟" އިވާންގެ ބުމަ ގޮށްޖެހުނެވެ.

"ހޫން ތިއީ އެހެން ކަމެއްނު. އަސްލު މިއީ.. އަނެއް.. މި އުޅެނީ ލީންއަށް ޕްރޮޕޯޒް ކުރަން.. ދެން ކުޑަ އިރުއްސުރެން އެކީގަތާ މި އުޅެ ބޮޑުވީ.. އެހެންވެ އަހަރެން ބޭނުމެއްނޫން ރައްޓެހިވެގެން މާ ގިނަ ދުވަހު އުޅޭކަށް. އަނެއްކޮޅުން މިރަށު މީހަކު ލީންއަށް ނިސްބަތްކޮށް ހުތުރު އަޑެއް އަރުވާކަށް އަހަރެން ބޭނުމެއްނޫން.. ސޯ ސީދާ އިންނަން އަހަންކަމަށް މި އުޅެނީ." ޝާވިން ކުޑަކޮށް ރަކިވެފައި އިނދެ ބޯ ކަހައިލި އެވެ.

"އޯހް.. ލީންއަށް މިހާރު ތިކަމުގެ އިޝާރާތެއް ކޮށްލައިފިންތަ؟ ޒާތެއްގެ ކުއްޖެއް އެނގޭ އެއީ. އެހާ އަވަހަށް ރުހޭނެހެން ހިއެއްނުވޭ" އިވާން ބުންޏެވެ.

"ދެން އަވަހަކަސް ފަހަކަސް.. އިރާދަކުރެއްވިއްޔާ އަހަރެން ހުއްޓާލާނީ ލީން ކާމިޔާބުކޮށްފަ.. އެހެންވެ ލީންއާ މެރީ ކުރަންވާއިރަށް ކޮޓަރިއާ އެއްޗެހި އާ ކޮށްލަނީ މި" ޝާވިން ހުރީ އައިލީން މިލްކުވާނޭކަމަށް ނިންމައިގެން ކަހަލަ އެވެ.

"ސާބަހޭ ދަރިޔާ.. އަދި ލީން ލިބޭނެކަންވެސް ޔަގީން ވަނީކީ ނޫން. ތިއަށް ކިޔާ އުޅެނީ ނެތް އޮޑިއަކަށް ހަޅަނގުވެށުން" އިވާން ދިމާކޮށްލި އެވެ.

"ހޫން ދެން ތި ފާޑު ފާޑުގެ މޮޅުބަސް ނޭއްލިޔަކަސް ހެވޭ މުސްކުޅި ބެއްޔާގަނޑު. ކޮންކަމަކުއޯ އަހަރެންނަށް ގުޅީ؟" ޝާވިން ބޭނުންވީ ސީދާ މައުލޫއަށް ދާށެވެ.

"މިއީ.. ތިކަހަލަ ފާޑެއްގެ ކަމެއް ވެގެނޭ މި އުޅެނީ.. ނޭނގެ މަށަކަށްވެސް.. ރަށު މީހުން އަޅުވާ ކިޔާވަރުން އިސްތިރިއެއް ޖެހުނީ ކަންނޭނގެ" ބޮލުގައި އަޅާފައި އޮތް ތޮފި ނަގައި މޭޒުމަތީގައި ބާއްވައިލުމަށްފަހު އިވާންގެ ނިއްކުރިމައްޗަށް ފައިބައިފައިވާ ކުރު އިސްތަށިތައް ރީތިކޮށްލިއެވެ.

"އެހެހެހެ. މައިރާއަށް ހިތްކީތަ؟" ޝާވިންގެ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. އޭނާ އެކަމާމެދު ހައިރާންވިހެނެއް ހިއެއްނުވެއެވެ.

"ޝޯންއަށް ކިހިނެއްތަ އެހާ ފަސޭހައިން އެނގެނީ؟" އިވާން ކޮށްލި ސުވާލާއެކު ޝާވިން އުފާވެފައިހުރެ މޭޒުމައްޗަށް އަތުގެ ހަމަލާއެއް ވިއްލައިލަމުން ތިމަންނާ "ރޭގަވެސް ބުނީމެއްނޫންހޭ" ބުނެލައިފިއެވެ. އެވަގުތުވީ އެމީހުންގެ އޯޑަރުނަގަން އެތަނުގައި އުޅޭ ބިދޭސީ ވެއިޓަރަކު އައި ވަގުތަށެވެ. އެމީހާ އައިސްފައި ބޭނުންވަނީ ކޮންވައްތަރެއްގެ ކޮފީއެއްތޯ ސުވާލުކުރުމުން ޝާވިން ދިން ޖަވާބު މުޅިން ތަފާތެވެ.

"ބުނަން ދޮންކަލޯ ކޮފީއޭ ކިޔާނެ ކަމެއްނެތް ކޮފީ ބަހައްޓާ މިއަދު މިއޮތީ މީނައަތުން ސައި އަތުލަން ޖެހިފަ ސައި. އަވަހަށް ގެނޭ ސައިތައްޓަކާ މިތާ ހުރި ކޮންމެ ވައްތަރަކުން ދެ ހެދިކާއާ. އަވަސް ދޮންކަލޯ" ޝާވިން އުޅޭގޮތުން އިވާން ފާޑަކަށް ހެވިފައި އިނދެ ދެފަރާތަށް ބޯ ހޫރައިލި އެވެ.

"ސާބަސް އެނގޭ އަދި ސައި ދޭ ހިސާބަށްދާނީ އަހަރެން މައިރާގާތު އެއްޗެކޭ އަހަންޏާ އަހައިގެން މައިރާވެސް އެކަމަކާ އެއްބަސްވިއްޔާ ދޯ" އިވާން ބުންޏެވެ.

"ކީއްވެ ތި ލަސްކުރަނީ. ކޮން އިރަކުން ދެން އަހަން ތި އުޅެނީ؟" ޝާވިން އަހައިލިއެވެ.

"ނޫޅެން އަހާކަށް.." އިވާން ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

"އޭން؟ އެ ކީއްވެ؟ ނުބުނާތި ތިމަންނަގެ ކުރިއެރުމާއި ވަޒީފާއަށް ޑިސްޓްރެކްޝަނަކަށް ވެދާނެތީއޭ" އިވާންގެ ގޮތް އެނގިހުރެ ޝާވިން ބުންޏެވެ.

"ތިކަންތައްވެސް އޮތީ ތިހެން. އެހެންނޫނަސް މައިއަށް އަދި އަހަރެން ކަމުދާނެ ކަމެއްވެސް ނޭނގެއެއްނު؟" އިވާން ބުންޏެވެ.

"ޕްފްފްޓް. ދައްކާ ވާހަކަ. އިވާން ރިޖެކްޓްކުރާވަރު އަންހެންކުއްޖަކު ހުންނާނެހެން ހިއެއްނުވޭ. ތިއީ ދެން ކީކޭ ބުނާނީ.. މިރަށު ހުރިހާ އެންމެންވެސް މިސާލަކަށް ނަގައިއުޅޭ ނަމޫނާ ފިރިހެނެއްގެ ބްލޫޕްރިންޓެއްނު" ޝާވިންއަށް ލިބޭ ކޮންމެ ފުރުސަތެއްގައި އިވާންއާ ދިމާކޮށްލައެވެ.

"އެކަމަކު މައި ތަފާތެއްނު؟ މިރަށު ކުދިންނަށް އަހަރެން ކަމުދިޔަސް މައިގެ ގޮތެއް ނޭނގެއޭ" އިވާން ބުންޏެވެ.

"ކަމުދޭތޯ ނުދޭތޯވެސް އެނގޭނީ އެހީމަ ދޯ؟ އަހަރެންނަށް ޔަގީން މައިއަކީ އަސްލު ވަރަށް ޒަމާނަށް ލޯ ހުޅުވިފަހުރި ތަންދޮރު އެނގޭ ކުއްޖެއްކަން. އަނެއްކާ މާލޭގެ ރަނގަޅު އާއިލާއެއްގެ ކުއްޖެއް.. ދެން އަދި މުސްތަގްބަލަށްބެލިޔަސް.. މައިގެ ކޯހުގެ ނުނިމި އޮތްބައި ކިޔަވަން އަދި ބޭރަށްދާން ޖެހޭނެ. އެދުވަސްކޮޅު ތެރޭގަ ތި ކުރާ ކަމެއް ކޮން ނިންމަން އިވާންއަށްވެސް އެ ލިބެނީ ވަރަށް ވަގުތު. އެހެންވީމަ މައި ކަހަލަ ކުއްޖަކީ އިވާންގެ ކެރިއަރަށްވެސް ތި ބުނާވަރުގެ ޑިސްޓްރެކްޝަނަކަށް ވާނެހެން އަހަރެންނަކަށް ހިއެއްނުވޭ.." ޝާވިންވެސް ސީރިއަސްވެލާފައި ވާހަކައިގެ ތެރެއަށްވަނެވެ. "ސުވާލަކީ މައިއާ ގުޅެން ބޭނުންވާވަރަށް އިވާންއަށް މައި ކަމުދޭހޭ؟" ޝާވިން އަހައިލިއެވެ.

"އަހަރެންނަށް މައި ވަރަށް ކަމުދޭ.. އެކަމާ ދެބަސްވާކަން ނެތިން.. ކުރީ ރޭގަ އަހަރެންނަށް އެކަން ޔަގީން ކުރެވިއްޖެ.. މިބުނީ މައިއަކީ އަހަރެންނަށް ކިހާ މުހިއްމު މީހެއްކަން އިޚުސާސްކުރެވިއްޖެއޭ އެރޭ ކުޑަ ހިނދުކޮޅަކަށް މައި ގެއްލުނީމަވެސް.. ވިސްނާނުލާ މުޅި ސްޓޭޝަންވެސް އެލަރޓަށް ގެނެވުނު.." އިވާންގެ ވާހަކަ މެދުކަނޑައިލީ އެމީހުންގެ އޯޑަރާއެކު އެތަނަށް އައިސް ހުއްޓިލި ވެއިޓަރު ފެނުމުންނެވެ. "އަހަރެންކަހަލަ މީހަކު ދެން މިކަހަލަ ވާހަކަތަކެއް ދެއްކީމަ ޝޯންގާތަށް ހިނި އަންނާނީ.. އެނގޭތަ މައިއާ ފުރަތަމަ ދިމާވި ދުވަހުވެސް.. އައި ފެލްޓް ސަމްތިންގް.. ފާޑަކަށް ހުއްޓުން އަރާފަ ހުރެވުނީ.. އެކްސިޑެންޓެއްވެގެން މައި ސްޓޭޝަނަށް ގެނައި ދުވަހެއް އެއީ.. އެއަށްފަހުވެސް.. ފެންނަ ކޮންމެ ފަހަރަކު ހިތް އަވަސްވާކަހަލަ ގޮތެއްވޭ... މަށަކަށްވެސް ފުރަތަމަ ރޭކާއެއްނުލާ ކިހިނެއްކަމެއް މި ވަނީކީ… ހީކުރީ ދެން ކުއްލިއަކަށް މައި އަހަރެންގެ ބޮލަށް ޖަހާފަ ލީން ރަށުން ބޭރަށް ދިޔައިމަ އަހަރެންނަށް މައިގެ ސަލާމަތާ ދޭތެރޭ ވިސްނެނީކަމަށް.. ދެން އެކަމާ އައިސްފަހުރި ރުޅިގަނޑުވެސް ދެތިން ދުވަހު މައިއަށް ބޭލުނު.. ވަރަށް މަސައްކަތްކުރިން މައިގެ ގޯސް ސިފަތަށް ހޯދަން.. އެކަން ކާމިޔާބުވެސްވި. ފުރަތަމަ އަހަރެންނަކަށް މައިގެ އެއްވެސް ކަހަލަ ކަމުދާ ސިފައެއް ނުފެނުނު. އެކަމަކު މާމަ ބަލިވިދުވަހު މައިގެ ފަރާތުން ފެނުނު އިހުސާންތެރިކަން އަހަރެންގެ އެ ނަޒަރިއްޔާތު އެއްކޮށް ބަދަލުކޮށްލީ. އެއަށްފަހު ދެން ފެންނަންފެށީ ހުސް މައިގެ ކަމުދާ ސިފަތައް" އިވާންގެ ދޫ ހަރަކާތްކުރަމުންދިޔައީ އޭނާގެ އަމިއްލަ އިޙްތިޔާރަކު ނޫނެވެ.

"އެންމެފަހުން ކުރީރޭ.. ހުވާ މިކުރީ ޝޯން.. އެރޭ އަހަރެންނަށް ހީވީ ހަމަ ހަތަރު އުދަރެސް ފެނުޖެހުނުހެން. އިއްޔެ ހެނދުނު ސައިކަލު ނަގަން ދިޔައިމެއްނު ކުޅި ކައިރިއަށް. އެތަނުން މައި ފެނުނީ.. ޝޯންއަށްވެސް އެނގޭނެ އެ ސަރަހައްދާ ބެހޭގޮތުން މުސްކުޅިވެރިން ދައްކާ އުޅެނީ ތޯތޯ ވާހަކައެއް ނޫންކަން. ކިތަށް ކުދިން އެތަނުން މޮޔަވެ ނުހިފެހެއްޓިގެން ފުލުހުންގެ އެހީވެސް ހޯދަން ގުޅަނީ؟ދެނަމާދު ދޭތެރޭގަ.. އިންސިއެއްތޯ ޖިންނިއެއްތޯވެސް ނުބަލާ އަހަރެން ރޭގަ އެތަނުން މައިރާ ސަލާމަތްކުރީ.. އެއީ މައިރާއަށް ނުވެދާނެކަމުގެ ބޮޑު ފުރުސަތެއް އޮއްވާވެސް.. އެއީ މައިރާއަށް ވެދާނެކަމުގެ ކުޑަކުޑަ އުއްމީދުގަ ހިފަން ބޭނުންވީ.. މިވަރުން ދެން އަހަރެންގެ އަމިއްލަ ނަފްސަށްވެސް އޮޅުވާލާނީ ކިހިނެއް؟" އިވާން ސައިތަށި މޭޒުމަތީގައި ބަހައްޓައިލުމަށްފަހު އިސްއުފުލައިލަމުން ޝާވިންއަށް ބަލައިލި އެވެ. އޭރު ޝާވިން އިނީ ބިރެއްފެނުނު ފަދައިން ގޮނޑީގެ ފަހަތަށް ޖެހިލައިގެން އިވާންއަށް ބަލާށެވެ.

"ބްރޯ؟ މައިރާއަށްތަ ނޫނީ ތިގޮލާއަށްތަ އެތަނުން ޖިންނި އަވަލީ؟ ތި ހަމަ އިވާންތަ؟"

- ނުނިމޭ -