Advertisement

ހޯޕް އައިލެންޑުގައި ކުޑަކުދިންގެ ޖަލު އަޅަން އެމެރިކާ، ޗައިނާ އަދި މެލޭޝިއާ ކުންފުންޏެއްގެ ޝައުގުވެރިކަން

22 ޖޫން 2025 - 15:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޯޕް އައިލެންޑާއި ސެންޓްރަލް ޖެއިލް ކޮމްޕްލެކްސް ތަރައްގީކުރާ އުތުރުތިލަފަޅުގެ ބިން ހިއްކަނީ: ސަރުކާރުން ބުނަނީ ހުރިހާ ޖަލުތައް އެއް ތަނަކަށް ބަދަލުކުރުމުން ހަރަދުތައް ކުޑަކުރެވި، ބަލަހައްޓަން ފަސޭހަވާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހޯޕް އައިލެންޑުގައި ކުޑަކުދިންގެ ޖަލު އަޅަން އެމެރިކާ، ޗައިނާ އަދި މެލޭޝިއާ ކުންފުންޏެއްގެ ޝައުގުވެރިކަން

22 ޖޫން 2025 - 15:40 0

ކުށުގެ ވެށިގައި އުޅޭ ކުދިން ބަންދުކޮށްގެން ރިހެބިލިޓޭޓުކުރަން ތަރައްގީކުރާ "ހޯޕް އައިލެންޑް" މަޝްރޫއަށް ބޭނުންވާ ފައިސާ ދޭން ދިވެހި ކުންފުންޏަކާއި ބޭރުގެ ތިން ގައުމެއްގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯޕް އައިލެންޑް ތަރައްގީކުރަން ލިބިފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން އަދަދު އިން ސުވާލުކުރުމުން އިހުސާން ވިދާޅުވީ ކުޑަކުދިންގެ ޖަލު އެޅުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކަށް ޑީޓެއިލް ޕްރޮޕޯޒަލް ހުށަހަޅަން މި ހަފުތާގެ ނިޔަލަށް ފުރުސަތު ދީފައިވާ ކަމަށެވެ.

"ޖަލު އަޅައިދޭން ޝައުގުވެރިކަން ފާޅުކުރީ އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ރާއްޖޭގެ ކުންފުންޏަކުން. އިންފޮމޭޝަން ދީފައި އޮތީ. ދެން އޮތީ ޕްރޮޕޯޒަލް ސަބްމިޝަން ވިންޑޯ. އެ މުއްދަތު ދީފައި އޮތީ ޖޫން 25، ގެ ނިޔަލަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިހުސާން ވިދާޅުވީ ކުޑަކުދިންގެ ޖަލަށް ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށް ފަހު، އެ ޖަލު އެޅުމުގެ މަސައްކަތް ފަށައި، 2027 ގެ ނިޔަލަށް މަސައްކަތް ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 2027 ވަނަ އަހަރު ނިމެންވާއިރަށް މި ރަށް ގާއިމުކޮށް، ކުޑަ ކުދިންނަށް ލިބެން ޖެހޭ ހާއްސަ ފަރުވާ ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކުޑަކުދިންނަށް ހާއްސަ ޖަލެއް ގާއިމުކުރަނީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިން ދައުލުގެ ބެލުމުގެ ދަށަށް ގެނެސް، އެ ކުދިންނަށް އުންމީދެއް ހޯދައިދިނުމަށް ކަމަށެވެ.

މީގެ ކުރިން ދ. ވާނީގައި ތަރައްގީކުރަން ނިންމި ހޯޕް އައިލޭންޑް މިހާރު އެޅުމަށް ނިންމާފައި ވަނީ އުތުރުތިލަފަޅުގަ އެވެ. މި ބަދަލު ގެނައި، އިހުސާން ވިދާޅުވި ގޮތުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.

ހޯޕް އައިލެންޑްގެ އިތުރުން މައި ޖަލުގެ ގޮތުގައި ތަރައްގީކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ވެސް ހުންނަނީ އުތުރުތިލަފަޅުގަ އެވެ.

ހޯޕް އައިލެންޑަށް ފައިނޭންސް ކުރަން ސަރުކާާރުން ހުޅުވާލީ ކްރޮސް ސަބްސިޑީގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށް ޓަކައި ހިންގޭ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިގެންނެވެ. މި މަޝްރޫއަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15 މިލިއަން ޑޮލަރެވެ.