Advertisement

ތިން މިނިސްޓްރީ އަނދައި ހުލިވި ހާދިސާގެ ތަހުގީގުގެ އަޕްޑޭޓެއް ފުލުހުން ނުދިން!

11 ޖޫން 2025 - 22:08 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހައުސިން މިިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި އަލިފާން ރޯވެ އަނދައި ހުލިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ތިން މިނިސްޓްރީ އަނދައި ހުލިވި ހާދިސާގެ ތަހުގީގުގެ އަޕްޑޭޓެއް ފުލުހުން ނުދިން!

11 ޖޫން 2025 - 22:08 2

މިދިޔަ އަހަރުގެ ޑިސެމްބަރު، 12 ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާ ގުޅިގެން ފުލުހުން ކުރަން ފެށި ތަހުގީގުގެ އަދާހަމަ ހޯދުމަށް ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރުމުން ވެސް ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގާއި އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ހޯދި ހޯދުންތަކާ ގުޅޭގޮތުން ފާއިތުވި މަސްދުވަސް ތެރޭގައި އަދަދު ގެ އެކި ނޫސްވެރިން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ދީފައެއް ނުވެ އެވެ. ކޮންމެފަހަރަކު ވެސް ފުލުހުންގެ މީޑިއާ ޓީމުން ދޭ ޖަވާބަކީ "އެކަމުގެ އަޕްޑޭޓެއް ބަލާލާނަން،" ކަމަށެވެ. އެއަށްފަހު އިތުރު ޖަވާބެއް ފުލުހުން ނުދެ އެވެ.

ތިން މިނިސްޓްރީ އަނދައި އަޅިއަށްވި ހާދިސާ ހިނގި ގޮތް ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފެށީ އަލިފާން ރޯވި ދުވަހު އެވެ. އެ ތަހުގީގާ ގުޅިގެން ޑިސެމްބަރު 14، ގައި އޭރުގެ ޕޮލިސް ކޮމިޝަނަރު "އަދަދު" އަށް ވިދާޅުވެފައި ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު އެހައިތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

"މައްސަލަ ތަހުގީގު ކުރަމުންދަނީ. އެތަނުގައި ފޮރެންސިކުން ވެސް ތަހުލީލުތައް އެބަ ކުރޭ. މިހާތަނަށް ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވިފައެއް ނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން ޑިސެމްބަރު 17، ގައި ފުލުހުން އިއުލާނު ކުރި އެވެ. އެ ދުވަހު ފުލުހުން އެދުނީ ތިން މިނިސްޓްރީ އެނދި އަލިފާނުގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ.

އޭގެފަހުން، އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ޑިސެމްބަރު 20، ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ސުޖާއު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ ޓީމު މެދުވެރިކޮށް އެދުވަހު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ސުޖާއު ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވޭ ތަހުގީގުގައި އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

ފުލުހުންގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން އައި އިންޑިއާގެ ޓީމު ރާއްޖޭގައި ދެ ދުވަހު ހަރަކާތްތެރިވުމަށްފަހު ފުރައިގެން ދިޔައީ ޑިސެމްބަރު 22، ގަ އެވެ. އެކަން ފުލުހުން ހާމަކުރީ ޑިސެމްބަރު 27، ގަ އެވެ. ނަމަވެސް އެހާ އަވަހަށް އެ ޓީމު ފުރައިގެންދިޔައީ ކީއްވެގެން ކަމެއް ފުލުހުން އެ ދުވަހު ހާމައެއް ނުކުރެ އެވެ.

އޭގެ އަނެއް ދުވަހު ފުލުހުން ބުނީ އިންޑިއާ ތަޖުރިބާކާރުންގެ ޓީމު ރާއްޖެއިން ފުރައިގެން ދިޔައީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައި ކަމަށެވެ.

"[އެ ޓީމު ފުރައިގެން ދިޔައީ] ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައި، މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރެވިފައިވާނެ އެވެ. ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށް ފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ،" ޑިސެމްބަރު 28، ގައި ފުލުހުން ބުންޏެވެ.

ފުލުހުން އެހެން ބުނިއިރު، އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމު ރާއްޖެއަށް އައި ކަމަށް ފުލުހުން ބުނި ތާރީހުގެ ކުރިން ތިން މިނިސްޓްރީ ހިންގި ދެ އިމާރާތާއި އެ ސަރަހައްދުގެ ބޮޑު ބައެއް އޮތީ ސާފުކުރަން ފަށައިފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ.

އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފަ އެވެ.