Advertisement

ފޭކު ޕްރިންސްގެ މައްސަލައިގައި ފޮރިން މިނިސްޓަރާ ސުވާލު ކުރަނީ

2 ޖޫން 2025 - 12:41 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފޮރިން މިނިސްޓަރު ހަލީލު، ސައުދީ އަރަބިއްޔާގެ ފޭކު ޕްރިންސް އާއި ރައީސް މުއިއްޒު: ފޭކު ޕްރިންސްގެ ހަބަރުތައް ނަގަން ސައުދީ ސަރުކާރުން ރަސްމީކޮށް އެންގި -- ފޮޓޯ: ރައީސް އޮފީސް


ފޭކު ޕްރިންސްގެ މައްސަލައިގައި ފޮރިން މިނިސްޓަރާ ސުވާލު ކުރަނީ

2 ޖޫން 2025 - 12:41 1

ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ބައްދަލުކުރެއްވީ ސައުދީ ޝާހީ އާއިލާގެ އަމީރަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލުއާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫންކަމަށް އޭރު ވެސް ނޫސްތަކުން ބުންޏެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވީ ފަހުދު އަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ މީހެއްތޯ ބެލުމަށެވެ. އޭގެ އިތުރުން، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިނުވީ ކީއްވެގެންތޯ އާއި އެ ކަމުގެ ސަބަބުން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރޭތޯ ބެލުމަށް މީކާއިލް ވަނީ ސުވާލު ކޮށްފަ އެވެ.

އެ ކަމުގެ މައުލޫމާތު އެނގޭ އިސް އޮފިޝަލަކު އަދަދު އާ ވާހަކަ ދައްކަމުން ބުނީ، އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ މައްސަލައިގައި އެ ގައުމުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރި ކަމަށެވެ. އަދި އެކަން އިސްލާހުނުކޮށް، މައާފަށް ވެސް އެދިފައިނުވާތީ ސައުދީ ސަރުކާރުން މައްސަލަ ޖެއްސި ކަމަށްވެ އެވެ.

"ސައުދީ ސަރުކާރުން ހަމަ ރަސްމީކޮށް އެންގީ ހަބަރާއި ފޮޓޯ ހިމެނޭ ގޮތަށް އެކަމާ ގުޅޭ ހުރިހާ އެއްޗެއް ނަގަން،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ އޮފިޝަލް ވިދާޅުވި އެވެ.

ސައުދީގެ ފޭކު ޕްރިންސް ރާއްޖެ އަންނަ ހަބަރު ދިވެހި ސަރުކާރުން އޮތީ ސިއްރުކޮށްފަ އެވެ. ފޭކު ޕްރިންސް އައުމާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންދިޔައީ ސިއްރު ސިޓީތަކެއް މެދުވެރިކޮށެވެ. ފޭކު ޕްރިންސް ރާއްޖެ ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވީ ދެ ވަޒީރެއް ކަމަށްވެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އެ އާޓިކަލްއަށް ދީފައިވާ ރިފަރެންސް ނަންބަރަކީ 405-2025:Ref އެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓަށް ވަދެ އެ ރިފަރެންސް ނަންބަރު ޖެހުމުން މިހާރު ދައްކަނީ އެ ހަބަރު ވެބްސައިޓުގައި ނެތް ކަމަށެވެ.

ސައުދީ "ޕްރިންސް" އާ ރައީސް ބައްދަލު ކުރެއްވި ހަބަރުގެ އާޓިކަލް ނަންބަރަކީ 33647 އެވެ. އެ އާޓިކަލް މިހާރު ޑިލީޓު ކޮށްފައިވާކަން ސާބިތުވަނީ އޭގެ ކުރިން 33646 ވަނަ ނަންބަރުގައި ޝާއިއު ކޮށްފައިވާ ހަބަރާއި 33648 ވަނަ ނަންބަރުގައި ޝާއިއު ކޮށްފައިވާ ހަބަރު މިހާރު ވެސް ވެބްސައިޓުން ފެންނަން އޮތުމުންނެވެ. 33646 ވަނަ ހަބަރުގެ ރެފަރެންސް ނަންބަރަކީ 404-2025:Ref އެކެވެ. 33648 ގެ ރިފަރެންސް ނަންބަރަކީ 406-2025:Ref އެވެ.