27 މޭ 2025 - 14:54 0
މުހައްމަދު ޝަހްޒާން
ލ. މުންޑޫގެ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: ޓޫ ތައުޒަންޑް އައިލެންޑް
27 މޭ 2025 - 14:54 0
ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރު ނުވާ މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް، ފަސް މަސްދުވަސް ވަންދެން ސްކޫލުގެ މުސާރަ ޝީޓުގައި އޭނާގެ ނަން ހިމަނައި ފައިސާ ދޫކުރުމަށް އެދި އެޑިއުކޭޝަނަށް ފޮނުވި މައްސަލައިގައި އެ ސްކޫލުގެ އޭރުގެ ޑެޕިއުޓީ ޕްރިންސިޕަލް، އަލީ އާދަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މެއި 18، ގަ އެވެ. އޭސީސީން އެދިފައި ވަނީ އަލީ އާދަމްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ހ. ގެ ދަށުން، ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީން ވަނީ ދައުލަތަށް ގެއްލުންވި ކަމަށް ބެލެވޭ 28،317ރ. އަލީ އާދަމްގެ އަތުން އަނބުރާ ހޯދުމަށް ލ. މުންޑޫ ސްކޫލަށް އަންގައިފަ އެވެ.
އެ ކޮމިޝަނުން ބުނީ މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރު ނުވާ މުވައްޒަފެއްގެ ނަން މުސާރަ ޝީޓުގައި ހިމަނައި ޖުލައި 2015 އިން އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުއްދަ ދިން ފަރާތެއްގެ ގޮތުން އަލީ އާދަމް ސޮއިކޮށްފައިވާކަން ތަހުގީގަށް ހޯދި މައުލޫމާތުން އެނގޭ ކަމަށެވެ.
Comment