Advertisement

އާރުޑީސީން އިއްޔެ އިއުލާނުކުރި ވަޒީފާތަކަށް މުސާރައިގެ ގޮތުގައި މަހަކު 1.6 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭނެ


އާރުޑީސީން އިއްޔެ އިއުލާނުކުރި ވަޒީފާތަކަށް މުސާރައިގެ ގޮތުގައި މަހަކު 1.6 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭނެ

ދުނިިޔެ ބޮޑު ކާރިސާއެއްގައި އޮއްވައި އާރުޑީސީން އިއްޔެ އިއުލާނުކުރި ވަޒީފާތަކަށް މުސާރައިގެ ގޮތުގައި މަހަކު 1.6 މިލިއަން ހަރަދުވާނެކަން އެނގިއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮއްވައި ރާއްޖޭގެ ހަ ރަށެއްގައި ހުންނަ އާރުޑީސީގެ ސައިޓުތަކަށް ޖުމުލަ 142 މުވައްޒަފުން ނަގަން އިއްޔެ އެކަނިވެސް އިއުލާނުކުރި އެވެ.

އެއީ އއ. ރަސްދޫއަށް 42 މުވައްޒަފުންނަށް ހއ. އުލިގަމަށް 50 މުވައްޒަފުންނާއި ކ. ކާށިދޫއަށް 24 މުވައްޒަފުންނާއި ޅ. ނައިފަރަށް 12 މުވައްޒަފުންނާއި ތ. މަޑިފުއްޓަށް 13 މުވައްޒަފުން އަދި ޅ. ހިންނަވަރަށް އެއް މުވައްޒަފެވެ. އެ މުވައްޒަފުންގެ މުސާރައަށް މަހަކު 1.67 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރަންޖެހޭނެ އެވެ. އެއީ:

  • އުލިގަމަށް ނަގާ 50 މުވައްޒަފުންގެ މުސާރައަށް މަހަކު 499،400ރ.
  • ރަސްދޫއަށް ނަގާ 42 މުވައްޒަފުންގެ މުސާރައަށް މަހަކު 419،400ރ.
  • ކާށިދޫއަށް ނަގާ 24 މުވައްޒަފުންގެ މުސާރައަށް މަހަކު 217،000ރ.
  • ނައިފަރަށް ނަގާ 12 މުވައްޒަފުންގެ މުސާރައަށް މަހަކު 115،000ރ.
  • މަޑިފުށްޓަށް ނަގާ 13 މުވައްޒަފުންގެ މުސާރައަށް މަހަކު 105،000ރ.
  • މިލަދޫއަށް ނަގާ 32 މުވައްޒަފުންގެ މުސާރައަށް މަހަކު 310،000ރ.
  • ހިންނަވަރަށް ނަގާ މުވައްޒަފުގެ މަހު މުސާރައަށް މަހަކު 9000ރ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އާރުޑީސީއަށް 142 މުވައްޒަފުން ނަގަން އިއުލާނު ކުރިއިރު، އެ ކުންފުންޏަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113 މިލިއަން ރުފިޔާގެ ގެއްލުންވި ކުންފުންޏެކެވެ. އަދި 2024 ގައި އާރުޑީސީއަށް ޖުމުލަ 229 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އޭގެފަހުން އެ ކުންފުނީގެ މާލީ އެއްވެސް ރިޕޯޓެއް އާންމުކޮށްފައެއް ނުވެ އެވެ.

އާރުޑީސީއަކީ ސަރުކާރުގެ މޭޖާ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނި ހިންގަނީ ސަރުކާރުގެ ބަޖެޓު ސަޕޯޓުގަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހިމް ނަޒީމް އެވެ. އޭނާއަކީ މީގެ ކުރިން ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި، އޭގެން އެއް މައްސަލައިގައި ދައުވާ ވެސް އުފުލާފައިވާ މީހެކެވެ.

ނަޒީމްއަކީ މީގެ ކުރިން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ އެ މަގާމު ފުރުއްވި ދުވަސްވަރު ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭރު ބަލައި އެ މައްސަލަތަކުގައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ.

އޭގެތެރޭގައި އެ ކުންފުންޏަށް 5000 ޓަނުގެ ސިމެންތި ގަތުމުގެ މުއާމަލާތުގެ ތެރެއިން ހިންގި 10 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަން ވެސް ހިމެނެ އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަޒީމް އައްޔަނުކުރެއްވީ އެ މަގާމުގައި ހުންނެވި، އަހުމަދު ޒުހައިރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކުރުމަށްފަހު އެވެ. އޭގެ ކުރިން ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

އާރުޑީސީގެ އިތުރުން، ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ދަނީ ގިނަ އަދަދެއްގެ ވަޒީފާތައް އިއުލާނުކުރަމުންނެވެ. އެގޮތުން އޭޕްރިލް 4، ގައި ލޯކަލް ކައުންސިލް އިންތިހާބުގައި އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ފަހުން ފިއުލް ސަޕްލައި މޯލްޑިވްސްއަށް ވެސް 100 މުވައްޒަފުން ނަގަން ވަނީ އިއުލާނުކޮށްފަ އެވެ.

އެފްއެސްއެމް އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ ކުންފުންޏެވެ. އެފްއެސްއެމްގެ ހިއްސާދާރުންނަކީ އެސްޓީއޯ އާއި އެލައިޑް އިންޝުއަރެންސެވެ. އެލައިޑަކީ ވެސް އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ.

އެފްއެސްއެމްގެ ޗެއާމަންގެ މަގާމުގައި މިވަގުތު ހުންނެވީ އަލީ ނަބީހު އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފާތިމަތު އާޝާން އެވެ.

އޭގެ އިތުރުން، ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ވެސް އެކި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން އަންނަނީ އިންތިހާބާ ދިމާކޮށް އެތަކެއް ވަޒީފާއެއް އިއުލާނު ކުރަމުންނެވެ.

ސަރުކާރުގެ ގިނަ އެސްއޯއީތަކަކަށް މުވައްޒަފުން ނަގަމުންދާއިރު، ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ހޯދައިދިނުމަށް ސަރުކާރުގެ ނުފޫޒު ބޭނުންކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން އެތައް ހާސް ވަޒީފާއެއް ބަހާނެ ކަމަށާއި އިންތިހާބު ހަމަ ނިމުމާއެކު އެ މުވައްޒަފުން ވަޒީފާއިން ކަނޑާލާނެ ކަމަށް ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބަޔަކަށް ވަޒީފާ ދިނުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ނަމަވެސް އެ ވަޒީފާތައް ދެމެހެއްޓޭނެ ކަމާމެދު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ. އަދި، އެހާ ގިނަ ސަރުކާރުގެ ވަޒީފާއަށް މީހުން ނެގުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެވަރަށް ރާއްޖެއަށް ފައިސާ ނުވަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކައުންސިލް އިންތިހާބު ނިމި މި މީހުން ބޭނުންވާ ނަތީޖާ ނުނުކުތީމާ އަލަށް ވަޒީފާތަކުގައި ތިބި މީހުން މަގާމުން ކަނޑާލާއި އުކާލާނެ ހެއްޔޭ؟ މިވަރުގެ ބަޔަކު އެކަން ކުރާކަށް ފަހަކަށް ނުޖެހޭނެ، އެ ކަން ކުރުމަކީ އެކަށީގެންވާ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތައް ވަޒީފާއެއް އިއުލާނު ކުރަމުންދާއިރު، އެފަދަ އެއްވެސް މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ ނޫން ކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

އިންތިހާބާ ދިމާކޮށް މުވައްޒަފުން ނެގުމަށް ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާއިރު، އިރާންއާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ދަނީ ވަރަށް ބޮޑަށް އޭގެ އަސަރު ކުރަމުންނެވެ. އެގޮތުން، ތެލުގެ އަގުތައް މި ފާއިތުވި ދުވަސްތަކުގައި ވަނީ އާދަޔާހިލާފަށް އުފުލިފަ އެވެ.

އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ދިވެހިރާއްޖެއިން އަދި ހަރަދު ކުޑަ ކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވާކަން އިއުލާނެއް ނުކުރެ އެވެ.

އެ ހަނގުރާމައާ ގުޅިގެން ސަރުކާރުން މިހައިތަނަށް އެޅި ހަމައެކަނި ފިޔަވަޅަކީ ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވްސް ގޭސް އިން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މިއަދުން ފެށިގެން މަދު ކުރުމެވެ.

މޯލްޑިވްސް ގޭސްއަށް އަދަދު އިން ގުޅުމުން ބުނީ ކައްކާ ގޭހުގެ 10 ކިލޯގެ ގޭސް ފުޅިއަށް ފަސް ކިލޯގެ ގޭސް އަޅައިގެން މިއަދުން ފެށިގެން ވިއްކަން ފަށާފައިވާ ކަމަށެވެ. އޭގެއިތުރުން، މިވަގުތު މޯލްޑިވްސް ގޭސް އިން އައު ކަސްޓަމަރުން ނެގުން ވެސް ވަނީ ހުއްޓާލާފަ އެވެ.

"10 ކިލޯ ފުޅީގައި ފަސް ކިލޯ އަޅާފައި އިންނާނީ 100ރ. އަށް،" އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ގޭސް އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި މި ނޫހުން ގުޅުމުން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.