Advertisement

ކޮޗިން ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ކޮންޓޭނަރުތައް އޮޔާ ދަނީ، ރާއްޖެއަށް ނުރައްކަލެއް ނެތް

ކޮޗިން ކައިރިއަށް އަޑިއަށްދިޔަ ބޯޓު، އެ ބޯޓަކީ ލައިބީރިއާގެ ދިދަ ޖަހައިގެން ދުއްވަމުންދިޔަ މުދާ އުފުލާ ބޯޓެއް -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް


ކޮޗިން ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ކޮންޓޭނަރުތައް އޮޔާ ދަނީ، ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑިއާގެ ކޮޗިންގެ އައްސޭރިފަށުން 40 ނޯޓިކަލް މޭލު ދުރުން ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، އަޑިއަށްދިޔަ ބޯޓުން ގިނަ އަދަދެއްގެ ތެލާއި ކޮންޓޭނަރުތައް އޮޔާދިޔަ ނަމަވެސް އޭގެ ނުރައްކާ ރާއްޖެއަށް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮޗިން ކައިރިއަށް އަޑިއަށްދިޔަ ބޯޓުގެ ކަންކަން ސަރަހައްދީ ގައުމުތަކުގެ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"މި ދުވަސްވަރުގެ މޫސުމާއި އަދި އިރުދެކުނަށް އޮއިވަރު ހުރުމުގެ ސަބަބުން މި ބޯޓުން ކަނޑަށް އެޅިފައިވާ ތެޔޮ އަދި ނުރައްކާތެރި ތަކެތީގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު ކުޑަކަމުގައި ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.

ލައިބީރިއާގެ ބޯޓު، ދިޔަވެ އަޑިއަށް ދިޔައީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އިންޑިއާގެ ކޯސްޓު ގާޑާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެމްއެސްސީ އެލްސާ 3، ނަމަކަށް ކިޔާ އެ ބޯޓު އަޑިއަށް ދިޔައީ އެ ބޯޓުގެ އެއް ހޯލްޑަށް ފެން ވަދެ ދިޔަވުމާ ގުޅިގެންނެވެ.

އެ ބޯޓު އަޑިއަށްދިޔައިރު، އޭގައި 640 ކޮންޓޭނަރު ހުރި ކަމަށާއި އޭގެތެރެއިން 13 ކޮންޓޭނަރުގައި ނުރައްކާތެރި މުދާ އަދި 12 ކޮންޓޭނަރުގައި ވެލްޑިން ފަދަ ކަންކަމަށް ބޭނުންކުރާ ގޭސް އުފައްދާ، ކެލްސިއަމް ކާބައިޑް ހުރި ކަމަށް އިންޑިއާ ކޯސްޓު ގާޑާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ.

އެ ތަކެއްޗާއެކު، އެ ބޯޓުން ކަނޑަށް ތެޔޮ އެޅެމުން ދާތީ އިންޑިއާގެ ސަލާމަތާ ބެހޭ އިދާރާތަކުން ވަނީ ސަމާލުވުމަށް އިންޒާރުކޮށްފަ އެވެ. ނަމަވެސް މިވަގުތު އޮއި ހުރި ގޮތުން އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވެ އެވެ.