25 މޭ 2025 - 08:59 0
އަތޫފް އާތިފް
ނިއުގެ މެޗެއްގެ ތެރެއިން ސޮބާ އެ ޓީމަށް އިރުޝާދު ދެނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
25 މޭ 2025 - 08:59 0
އެފްއޭއެމް ލީގު ކަޕުގެ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ އެއީ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކްލަބެއް ކަމަށް ދެކިގެން، އެ ދޭން ޖެހޭ އިހުތިރާމް ދީގެން ކަމަށް ނިއުގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.
ލީގު ކަޕުގެ ލީގު ބުރުގައި ނިއު އިން ވަނީ އޮޑީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ.
ސޮބާ ބުނީ ސެމީ ފައިނަލުގެ ޖާގަ ލިބުނު ހިސާބުން ނިއުއިން ތައްޔާރުވަމުން އަންނަނީ ސެމީ ފައިނަލް މެޗަށް ކަމަށެވެ. ސެމީގެ ކުރިން މަހިބަދޫ މެޗުގައި ނިއުގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ނުކުޅެވުނުކަން ސޮބާ ވަނީ ފާހަގަ ކޮށްފަ އެވެ.
"ސެމީ ފައިނަލަށް ގޮސްފަ އޮތް ހިސާބުން އަޅުގަނޑުމެންގެ ހުރިހާ ފޯކަސްއެއް އޮތީ މި މެޗަށް. (ސެމީ ފައިނަލް މެޗަށް) އަދި އަޅުގަނޑުމެން ކުރީ މެޗުގައި މޮޅުވެފައި އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިހާރު އޮޑިއަކީ ފަސްޓް ޑިވިޝަން ޓީމަކަށްވެފަ، އެންމެ ރަނގަޅު ވަރުގަދަ ގިނަ ކުޅުންތެރިންތަކަކާއެކު އޮތް ޓީމެއް. އެހެންވެ އެ ނަތީޖާ އަށް އަޅުގަނޑުމެން އަށް ރިޕީޓްކުރަން އުނދަގޫވެދާނެ އެކަމަކު އަޅުގަނޑުމެންގެ ހުރިހާ ފޯކަސްއެއް އޮޑި މެޗަށް." ސޮބާހް ބުންޏެވެ.
ސޮބާ ބުނީ ފުރަތަމަ ޑިވިޝަން ޓީމުތައް އަތުން ނިއުއަށް މޮޅުތައް ލިބުނު ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އަދިވެސް ނިއުއަށް އެންމެ ހިތްހަމަ ޖެހޭ ކުޅުން ނުދެއްކޭ ކަމަށެވެ.
"އަސްލު މީގަ ބުންވަރުގެ ގޮތުން އެއް ހަމައެއްގައި ކުޅުންތެރިން ނެތީމަ ވަރަށް އުނދަގޫ އެޖެސްޓްމަންޓް ގެންނަން. އަޅުގަނޑުމެންގެ ބައެއް ސީނިއާ ޕްލޭޔަރުން ފެންނާނެ އެކްސްޕެކްޓް ކުރިވަރަށްވުރެ އެމީހުންގެ ޕާފޯމެންސް ވީކު ވީމަ. އަޅުގަނޑު ގަބޫލުކުރަނީ ވަގުތު އޮވެގެން ޕްރެކްޓިސް ކުރެވުނު ނަމަ އޭގެ ނަތީޖާ ފެނިގެންދާނެ." ސޮބާ ބުންޏެވެ.
ނިއު އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މިރޭ 09:00 ގަ އެވެ.
Comment