about 1 hour 0
about 1 hour 0
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވެ، އަލީ ސުޒޭން އެ ކްލަބްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ ހަވާލުވާން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މިރޭ ނިއު އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ނިއުގެ ކޯޗެއްގެ ގޮތުގައި ސުޒޭން ހުރި މުއްދަތުގައި އެ ކްލަބަށްޓަކައި ކޮށްދީފައިވާ ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
ނިއުގެ ކޯޗުކަމުން ސުޒޭން ވަކިވަނީ، އާއިލީ ކަމެއްގެ ސަބަބުން ކަމަށް ވެސް ނިއުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ނިއުގެ މުސްތަގުބަލަށްޓަކައި، އެ ކްލަބާ އެކު ގާތްކޮށް މަސައްކަތްކުރުމުުގެ ގޮތުން، އެ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި ސުޒޭން މަސައްކަތް ކުރާނެ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ފުރަތަމަ ޑިވިޝަނުން ވަކިވުމުން، އެ ޖާގަ އަށް ފުރަތަމަ ޑިވިޝަނަށް އައި ނިއު އިން، ސުޒޭންގެ ކޯޗުކަމުގައި ދިވެހި ޕްރިމިއާ ލީގު ނިންމާލީ ތިން ވަނައިގައި އޮވެ އެވެ. އެންމެ ފަހުން ކުރިއަށްދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ނިއު ކެޓީ ޕެނަލްޓީ ޖަހައިގެން މާޒިޔާ އަތުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ސުޒޭންގެ އިރުޝާދުގެ ދަށުން ނިއު އިން ޖުމްލަ އެކު ކުުޅުނު 20 މެޗުގެ ތެރެއިން 12 މެޗުން މޮޅުވިއިރު، ފަސް މެޗުން އެއްވަރު އަދި ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.
ނިއުގެ އެންމެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ކުރިން ހުރި ސުޒޭން ވަނީ ފުރަތަމަ ޑިވިޝަނުގައި، މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން، ތިނަދޫ ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ.
Comment