ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި ބާކީ އޮތް މުބާރާތް، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މަޖުބޫރު ކަމަށް އެ ޓީމުގެ ކޯޗު، އަލީ ސުޒޭން ބުނެފި އެވެ.
މި އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އެނބުރި އައި، ނިއު އިން ދިވެހި ޕްރިމިއާ ލީގު ނިންމާލީ ތިން ވަނައިގައި އޮވެ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ނިއު ކެޓީ ޕެނަލްޓީ ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެގެންނެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، މާޒިޔާ ބަލިކޮށް ތަށި އުފުލާލީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އޮޑި ސްޕޯޓްސް ކްލަބުންނެވެ.
މާޒިޔާއާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅުނު މެޗަށް ފަހު ސުޒޭން ބުނީ، ކުޅުމަށް ބަލާއިރު މިހާރު ނިއު އިން ރަނގަޅު ކުޅުމެއް ދައްކާ ކަމަށާއި އުމުރަށް ބަލާއިރު، ސީނިއާ ގިނަ ކުޅުންތެރިންތަކެއް ލައިގެން ނިއުގެ ޓީމު ހަދާފައި އޮތް ނަމަވެސް އެ ކުޅުންތެރިން ވެސް ލިބޭ ވަގުތުތަކުގައި ތަފާތު ދައްކަމުން އަންނަ ކަމަށެވެ.
"މިހާރު އޭޖުގެ ގޮތުން ބަލާއިރު ވަރަށް މަތީގައި ހުރި ކުޅުންތެރިއެއް އަޝްފާގު ވެސް، އޭނަގެ ޓައިމްގައި، އެ ލިބޭ ޓައިމްގައި އަރައި ތަފާތު ކުޅުމެއް އެބަ ދައްކާ ކޮންމެ ދުވަހަކު ވެސް، އޭގެ މާނަ އަކީ މަޑުމަޑުން މީތި ހަމައަކަށް އެޅިފައޭ، އެކަމަކު ހަމަޔަކަށް އެޅުނުއިރު ސީޒަންގައި މި އޮތީ އެއްކޮށް ސީޒަން ނިމިފައި، އެހެން ނަމަވެސް ނިއު ރޭޑިއަންޓް މި ފަހު ދެތިން ހަތަރު މެޗުގައި މި ދެއްކި ކުޅުމަށް ބަލާއިރުގައި ރަނގަޅު ޓީމެއް ސެޓުވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ހަމަގައިމު ވެސް،" ސުޒޭން ބުންޏެވެ.
ސީޒަނުގައި ބާކީ އޮތް މުބާރާތް، އެފްއޭ ކަޕް ފަށަން ނިންމާފައިވަނީ ބޮޑު ބްރޭކަކަށް ފަހު އެވެ. އެއީ، އަންނަ އޭޕްރީލް މަހުގަ އެވެ. މާނަ އަކީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ބާކީ އޮތް މުބާރާތުގައި ކުޅެން ޖެހޭނީ މަހަކަށް ވުރެން ގިނަ ދުވަހަށް ފަހު އެވެ.
ސުޒޭން ބުނީ، އެފްއޭ ކަޕަށް އަމާޒެއް ހެދޭނީ ޕްރެކްޓިސް ފެށުމަށް ފަހު ދެން ހުރި ކަންކަމަށް ވެސް ބެލުމަށް ފަހު ކަމަށެވެ.
"ގައުމީ މުބާރާތުގެ ރިޒަލްޓް އަންނަ ގޮތުން ވެސް އެހެން ޓީމުތަކުގެ ވިސްނުން ވެސް ހުރި ގޮތެއް ނޭނގެ، ކޮންމެ ގޮތެއް ވިޔަސް އެފްއޭ ކަަޕަކީ މިހާރު ނިއު ރޭޑިއަންޓް ހޯދަން މަޖުބޫރު، އެހެންވީމަ، ނިއު ރޭޑިއަންޓް މެނޭޖްމަންޓް ވެސް ދެން އެންމެން ވިސްނާނެ، ނިއު ރޭޑިއަންޓަށް ތަށްޓެއް ހޯދަން ދެން ހުރި ކަންތައްތަކަށް، އަޅުގަނޑުމެން ކޯޗިން ޓީމުން ވެސް އެ އަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ،" ސުޒޭން ބުންޏެވެ.
މި ސީޒަނުގައި ނިއުގެ ހުރިހާ މެޗެއްގައި ވެސް ކުޅުންތެރިން ކުރި މަސައްކަތް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.
"ކުޅުންތެރިން އަދި، އެ މީހުންނާ މެދު ބުނާނެ އެއްޗެއް ވެސް ނެތް. ކޮންމެ މެޗެއްގައި ވަރަށް އެފަޓްލައިފި، މާޒިޔާއާ އެކު 2-0 ގެ ދެ މެޗު، ފަސޭހަކަމެއް ނޫން، މާޒިޔާއާ އެކު، 2-0 ގެ ފަހަތުގައި އޮވެފައި އައިސް އެއްވަރުކޮށްލުމަކީ، ކުޅުންތެރިންގެ އެފަޓް އެކަން އެ ކާމިޔާބުކުރީ،" ސުޒޭން ބުންޏެވެ.
މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ، ރާއްޖޭގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުނީ ދެ ފަހަރު އެވެ. އެއީ، 2017 ވަނަ އަހަރު ނިއު އިން އެ މުބާރާތް 12 ވަނަ ފަހަރު ކާމިޔާބުކުރި ފަހުން، 2022 ވަނަ އަހަރު ބޭއްވި ފަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ.
Comment