16 މޭ 2025 - 11:06 1
އަތޫފް އާތިފް
16 މޭ 2025 - 11:06 1
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ އަލުން ހަވާލުވީ، އެ ޓީމާއެކު ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ފެށި މަސައްކަތް ނިންމައި، ނިއުގެ އަސްލު މަގާމަށް ޓީމު ގެނައުމަށް ކަމަށް ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.
މީގެ ކުރިން ތިން ފަހަރެއްގެ މަތިން ސޮބާ ވަނީ ނިއުގެ ކޯޗުކަން ކޮށްފަ އެވެ. އެންމެ ފަހުން ސޮބާ ނިއުއާ އެކު ކުރި މަސައްކަތަކީ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކުރި މަސައްކަތެވެ. އެކަމަކު، އެ ފަހަރު ސެމީ ފައިނަލުން ނިއު ބަލިވެ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތް ވަނީ ނުވެފަ އެވެ.
ދެ އަހަރަށް ފަހު ނިއުގެ ކޯޗުކަމާ ހަވާލުވެ، ސޮބާ ބެންޗުގައި ހުރެ އިރުޝާދުދިން ފުރަތަމަ މެޗުން ވަނީ ފުރަތަމަ މެޗުން އެފްއޭއެމް ލީގު ކަޕުގައި ޓީސީގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ.
އެ މެޗަށް ފަހު ވާހަކަ ދައްކަމުން ސޮބާ ބުނީ މިއީ ވަރަށް "ބޮޑު ޗެލެންޖެއް" ކަމަށެވެ. ހާއްސަކޮށް މި މުބާރާތައް ނިއުއިން ނުކުތީ، އެކަށީގެންވާ މިންވަަރަށް ފަރިތަކުރުންތަކެއް ކުރިއަށް ނުގެންދެވި ކަމަށާއި، އެހެންވެ، މެޗު ތެރެއިން "ޓެމްޕޯ ހިއްލާލަން" އުނދަގޫކަން ފާހަގަވާ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
"ފުޓްބޯޅައިގައި ޕްރެކްޓިސްތަކެއް ކުރުން އަސްލު ވަރަށް މުހިންމު ކަންނޭނގެ. ނަމުން ކިތަންމެ ބޮޑުވެފަ، ރަނގަޅު ކުޅުންތެރިންތަކެއް ތިބި ނަމަވެސް އަޅުގަނޑަށް ކޯޗެއްގެ ހައިސިއްޔަތުން އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއީ." ސޮބާ ފާހަގަކުރި އެވެ.
ސޮޮބާ ބުނީ ޓީސީ މެޗަށް ނިއުއިން ނުކުތް ޓާގެޓް ހާސިލްވި ކަމަށާއި، ނިއުއިން ލީގު ކަޕުގައި ކުޅޭނީ މެޗަކަށްފަހު މެޗަކަށް މަސައްކަތް ރަނގަޅުކޮށް މިސްރާބަކާ އެކު ކުރިއަށްދިއުމަށް ކަމަށެވެ. އަދި ނިއުއިން މި މުބާރާތުގައި ދެވެން އޮތް އެންމެ ދުރަށްދާން މަސައްކަތް ކުރާނެ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
ސޮބާ ބުނީ މި ފަހަރުވެސް ނިއު އަށް ފުރުސަތު ދިނުމުން އެ ޓީމުގެ މެނޭޖްމަންޓައް ޝުކުރުއަދާކޮށްފަ އެވެ. އަދި ނިއު ކަހަލަ ޓީމެއްގެ ކޯޗުކަން ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
"ނިއު ކަހަލަ ޓީމެއްގެ ކޯޗުކަން ކޮށްލަން ލިބުމަކީ އެއީ ފަސޭހަކަމެއް ނޫން. އަދި އޭތި ހޭންޑަލް ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން. އެހެންނަމަވެސް ފުރަތަމަ އަހަރު އަޅުގަނޑުމެން ސަސްޕެންޝަނުން އައިސް ފެށި މަސައްކަތް އިރާދަ ކުރެއްވިއްޔާ الله އިރާދަކުރެއްވިއްޔާ އެ ފުރުސަތާއެކު އަޅުގަނޑު ފެށި މަސައްކަތް ނިންމޭތޯ. ނިއުރޭޑިއަންތް އޮންނަންވާ ހިސާބައް ސެކަންޑުން ޕްރިމިއާ ލީގަށް." ސޮބާ ބުންޏެވެ.
ސޮބާ ބުނީ ނިއުގެ މެނޭޖްމަންޓް މި މަސައްކަތް ކުރުމަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، އެހެންވެ، ކުޅުންތެރިންނާ ކޯޗިންގް ސްޓާފުން މަސައްކަތް ކުރާނީ ނިއު އޮންނަން ޖެހޭ ހިސާބައް ގެނައުމަށް ކަމަށް ސޮބާ ބުންޏެވެ.
އެފްއޭއެމް ލީގު ކަޕްގައި ނިއު އިން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާ އެެވެ. އެ މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ.
Comment