Advertisement

ކޯޓު އަމުރެއް ނެތި ގިނަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގޭންގު ބިލު ފާސްކޮށްފި

15 މޭ 2025 - 16:45 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފުލުހުން މާލޭގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން. ގޭންގު ބިލުގައި ވަނީ ކޯޓުގެ ބައިވެރިވުމެއް ނެތި ގިނަ ބާރުތަކެއް ފުލުހުންނަށް ދޭން ހިމަނާފައި ---- ފޮޓޯ: މިރާޝް/އަދަދު


ކޯޓު އަމުރެއް ނެތި ގިނަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގޭންގު ބިލު ފާސްކޮށްފި

15 މޭ 2025 - 16:45 4

ކޯޓު އަމުރެއް ނެތި ގިނަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސްކޮށް، ގެނައި އިސްލާހުތަކާ އެކު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރުން ވޯޓު ދެއްވާފައި ނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 11 މެންބަރުން ތިއްބެވި އެވެ.

ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމަށާއި، ހައްޔަރު ކުރުމަށާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމަށް ހާއްސަ ބާރުތަކެއް މި ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން، އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް މި ބިލުން ވަނީ ދީފަ އެވެ.

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ކުށް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ބިލުގައި ހިމަނާފައިވާ އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް

  • މަސްތުވާތަކެތި ޓްރެފިކް ކުރުން
  • މީހުން ޓްރެފިކް ކުރުން
  • ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރި ކުރުން
  • އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން (ކައުންޓަފީޓް ކުރުން)
  • ނުރައްކާތެރި ކުށް
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދު ކުރުމުގެ އަދަބު ކަނޑައަޅާފައިވާ އެންމެހާ ކުށްތައް

ބިލުގައި ހިމަނާފައިވާ ނުރައްކާތެރި ކުށްތައް

  • މީހަކު މަރާލުން
  • މީހާކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން
  • މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން
  • މީހަކު ކިޑްނެޕް ކުރުން
  • މީހަކަށް ބިރު ދެއްކުން

ގޭންގަކަށް ނިސްބަތްވާ މީހުން އެ ގާނޫނުގެ ދަށުން ކަނޑައަޅާނީ ޝަރުއީ ކޯޓަކުންނެވެ. ގޭންގަކަށް ނިސްބަތްވާކަން ކަނޑައަޅާނީ:

  • ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ބޭނުން ތުހުމަތު ކުރެވޭ މީހާ ބޭނުން ކުރުން
  • ގޭންގެއް އުފެއްދުމުގައި ނުވަތަ ހިންގުމުގައި ހަރަކާތްތެރިވި ނުވަތަ ހަރަކާތްތެެރިވާ އެއްވެސް މީހަކާއެކު ނުވަތަ ގޭންގެއްގެ އެ ނޫންވެސް މެންބަރަކާއެކު ބޮޑު ގުޅުމެއް ބޭއްވުން
  • ގޭންގެއްގެ ފަރާތުން ބޮޑު މަންފާއެއް ތުހުމަތު ކުރެވޭ މީހާއަށް ލިބުން
  • ގޭންގެއް އުފެއްދުމުގައި ނުވަތަ ހިންގުމުގައި ހަރަކާތްތެރިވި ނުވަތަ ހަރަކާތްތެެރިވާ އެއްވެސް މީހެއްގެ އިރުޝާދުގެ ދަށުން އެ ގޭންގަކުން ހިންގާ ހަރަކާތްތަކުގައި ތުހުމަތު ކުރެވޭ މީހާ ބައިވެރިވުން

އެއްވެސް ގޭންގަކަށް ނިސްބަތްވާކަން ދެއްކުމުގެ ގޮތުން ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ކުރެހުމެއް ގައިގެ އެއްވެސް ތަނެއްގައި ނުވަތަ އެމީހަކު އާންމުކޮށް ގެންގުޅޭ އެއްޗެއްގައި ޖަހައި ބޭނުން ކުރުމަކީ ވެސް އެ ބިލުގައި ވާގޮތުން މަނާ ކަމެކެވެ.

އެ ކަންކަމުގެ އިތުރަށް ގޭންގު ކުށް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެމީހުންގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެފަދަ ކުށެއްގައި މީހަކު ހައްޔަރު ކުރާތާ 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ހައްގުން މަހުރޫމު ކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.