about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
ބަލިމީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވާން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް އިތުރުވެފައިވާއިރު، އޭގެތެރެއިން ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށެވެ.
ސްކޭމަރުން އިންޓަނެޓުންނާއި ރާއްޖެއިން ބޭރުގެ ވެބްސައިޓުތަކުން ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
ސްކޭމް ޕޯސްޓްތަކުގައިވާ ނަންބަރުތަކަށް ގުޅުމުން ފޯނު ނެގުމުގެ ބަދަލުގައި މެސެޖުތަކަށް ޖަވާބުދޭކަން އެ ސެންޓަރުން ފާހަގަކުރި އެވެ.
މިގޮތުން ބަލިމީހުންގެ ނަމުގައި ކުރާ ޕޯސްޓަކާ ގުޅިގެން ފައިސާ ފޮނުވުމުގެ ކުރިން ދީފައިވާ ނަންބަރަށް ގުޅައި އެކަން ކަށަވަރު ކުރުމަށާއި ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ވެސް ބެލުމަށް އިލްތިމާސްކުރި އެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ ސްކޭމް ޕޯސްޓެއް ކަމަށް ހީވާ އެއްވެސް ޕޯސްޓެއް ޝެއާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެގޮތަށް ޝެއާކުރުމުން އިތުރު ބަޔަކު އެ މަޅީގައި ޖެހުމުގެ ބިރު އޮންނާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި އެކި ޕޯސްޓްތައް ކޮށްގެންނާއި ސޯޝަލް މީޑިއާ އެކައުންޓްތައް އަދި އެހެނިހެން އެކައުންޓްތައް ވެސް ހެކްކޮށްގެން ވެސް ރާއްޖޭގައި ސްކޭމް ހިންގުން ދަނީ އިތުރުވަމުންނެވެ.
Comment