Advertisement

އައިޖީއެމްއެޗްގެ ސިއްހީ ކަންކަން ބޮއްސުލުމުން މޭޔަރު އާޒިމްގެ ކަންބޮޑުވުން

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް:


އައިޖީއެމްއެޗްގެ ސިއްހީ ކަންކަން ބޮއްސުލުމުން މޭޔަރު އާޒިމްގެ ކަންބޮޑުވުން

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސިއްހީ ހިދުމަތުގެ ކަންކަން ބޮއްސުންލައިގެންދިޔުމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ނުރައްކާތެރި ޖަރާސީމެއް ފެތުރި ތުއްތު ކުދިންތަކެއް ވަރަށް ބޮޑަށް ބަލިވުމާ ގުޅިގެން އާޒިމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން ސިއްހީ ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލުގެ ސިއްހީ ހިދުމަތުގެ ކަންކަން ބޮއްސުންލައިގެންދިއުން ބަލައިނުގަނެވޭ ކަމަށެވެ.

"މާލެ ސިޓީގެ ރައްޔިތުން އަދި ރާއްޖޭގެ ގިނަ ރައްޔިތުން، ސިއްހީ ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލްގެ ސިއްހީ ހިދުމަތުގެ ކަންކަން މިހާ ދަށަށް ގޮސް، ބޮއްސުންލައި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއްނޫން،" އޭނާ ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެތައް ރައްޔިތުންނެއް ދަނީ ބޭސް ފަރުވާއަށް ސަލާމް ޖަހައި، ބޭސް ސިޓީއަށް ބޭސްނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުން ކަމަށެވެ.

މީގެއިތުރުން ސަރުކާރުގެ މުއައްސަސާތަކުން، ކުރާ ބޭކާރު ހަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ސިއްހީ ފަރުވާ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް އިސްކަންދިނުމަށް އާޒިމް ގޮވައިލި އެވެ.

އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރެއް ކަމަށްވާ ނަޒްލާ މުސްތަފާ އަދަދު އާ ވާހަކަ ދައްކަމުން މިއަދު ވިދާޅުވީ އެންއައިސީޔޫ ސާފު ކުރަން ބޭނުން ކުރަމުންދިޔައީ ޑިސްއިންފެކްޓަންޓް ވައިޕްސް ކަމަށެވެ.

ނަމަވެސް ބަލި ފެތުރުނު އިރު، ޑިސްއިންފެކްޓަންޓް ހުސްވެގެން ބޭނުން ކުރަމުންދިޔައީ ބްލީޗު ކަމަށް އޭނާ ވިދާޅުވި އެވެ.

އެންއައިސީޔޫ ފަދަ ނާޒުކު ތަނެއް ސާފު ކުރަން ބޭނުން ކުރަމުން އައި ޑިސްއިންފެކްޓަންޓު ހުސްވި ސަބަބު އޭނާއަށް އަދި އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެންއައިސީޔޫގައި ބަލި ފެތުރެން ފެށީ މާޗް 27، ގަ އެވެ. އެކަމަކު ހޮސްޕިޓަލުން ވަނީ އިއްޔެއާ ހަމައަށް އެކަން ސިއްރުކޮށްފަ އެވެ. ޖުމުލަ ފަސް ކުއްޖަކަށް ވަނީ އެ ނުރައްކާތެރި ބަލި ޖެހިފަ އެވެ.

ބަލި ޖެހުނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ފަސް ކުއްޖަކަށެވެ. އޭގެ ތެރެއިން ދެ ކުއްޖެއްގެ ހާލު ވަރަށް ދެރަ އެވެ.