Advertisement

ނަޝީދުގެ ވެރިކަން ބަދަލުކުރަން ހަރަކާތްތެރިވީ ތިން ބަތަލުން ކަމަށް ބުނާ ޕޯސްޓު އާދަމް އާޒިމް ޑިލީޓްކޮށްލައިފި

9 ޑިސެންބަރު 2025 - 21:50 0

އާދަމް އާޒިމް: ފާޑުކިޔުން އަމާޒުވުމުން އޭނާ މީގެ 13 އަހަރު ކުރިން ކުރެއްވި ޕޯސްޓެއް ވަނީ ޑިލީޓް ކުރައްވާފައި -- ފޮޓޯ: އަދަދު ފައިލް


ނަޝީދުގެ ވެރިކަން ބަދަލުކުރަން ހަރަކާތްތެރިވީ ތިން ބަތަލުން ކަމަށް ބުނާ ޕޯސްޓު އާދަމް އާޒިމް ޑިލީޓްކޮށްލައިފި

9 ޑިސެންބަރު 2025 - 21:50 0

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރަން އިސްކޮށް ހަރަކާތްތެރިވީ ތިން ބަތަލުން ކަމަށް ބުނެ ސެޕްޓެމްބަރު 9، 2012 ގައި ކޮށްފައިވާ ޕޯސްޓެއް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ޑިލީޓްކޮށްލައިފި އެވެ.

މީގެ 13 އަހަރު ކުރިން އާޒިމް އެކްސް ގައި ކުރި އެ ޕޯސްޓުގައި ވިދާޅުވީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިން ސަލާމަތްކުރީވެސް ތިން ބަތަލުން ކަމަށްވާއިރު، ތާރީހުގައި އޮތް ގޮތަށް އެކަން ތަކުރާރުވެ ގައްދާރުން އަތުން އަނެއްކާވެސް ރާއްޖެ ސަލާމަތްކުރީ ތިން ބަތަލުން ކަމަށެވެ.

"ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރީ ތިން ބަތަލުން. ތާރީހާ އެއްގޮތަށް އެކަން ތަކުރާރުވިކަމީ ހަގީގަތް. އަނެއްކާވެސް ގައްދާރުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރީ ތިން ބަތަލުން،" އާޒިމް އެކްސްގައި ކުރި އެ ޕޯސްޓުގައި ވިދާޅުވި އެވެ.

އާދަމް އާޒިމް ޑިލީޓްކުރި ޕޯސްޓު


ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޯފުޅު އާޒިމް ކުރެއްވި ޕޯސްޓުގައި ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ޓެގުވެސް ކުރައްވާފައިވެ އެވެ.

އާޒިމް އެ ޕޯސްޓު ޑިލީޓް ކުރުމުގެ ކުރިން މިއަދު އެ ޕޯސްޓު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. އެގޮތުން އެ ޕޯސްޓާ ގުޅިގެން ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އަދި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ އާޒިމަށް ފާޑުކިޔާފަ އެވެ.

އެ ޕޯސްޓު އާޒިމް ޑިލީޓްކުރި ސަބަބު ހޯދަން އަދަދު އިން އާޒިމަށް ގުޅުމުން މިހާތަނަށް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.