Advertisement

ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ އޮތީ މާޔޫސްކަމުގެ ރަޖާ ލައިގެން ކަމަށް ބުނުމުން އާޒިމަށް ފާޑުކިޔުން އަމާޒުވެއްޖެ

މާލޭގެ މޭޔަރު އާދަމް އާޒިމް: ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ އޮތީ ރަޖާ ލައިގެން ކަމަށް ބުނުމުން އާޒިމަށް ފާޑުކިޔުން އަމާޒުވެއްޖެ --- ފޮޓޯ: އަދަދު


ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ އޮތީ މާޔޫސްކަމުގެ ރަޖާ ލައިގެން ކަމަށް ބުނުމުން އާޒިމަށް ފާޑުކިޔުން އަމާޒުވެއްޖެ

މީގެ ދެ އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތި ނާކާމިޔާބީއަށްފަހު އެމްޑީޕީ އޮތީ ރަޖާ ލައިގެން ކަމަށް، މާލެ ސިޓީގެ މޭޔަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވުމުން އެ ޕާޓީގެ މެންބަރުން އޭނާއަށް ފާޑުކިޔައިފި އެވެ.

ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ އޮތީ މާޔޫސްކަމުގެ ރަޖައެއް ލައިގެން ކަމަށާއި އެ ހާލަތުގައި ޕާޓީ އޮއްވައި މޭޔަރުގެ ބައި އިލެކްޝަން ކާމިޔާބުކޮށްދިނީ އޭނާ ނުކުމެ ކަމަށް އާޒިމް ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

"މި އާދަމް އާޒިމް އަކީ ވެރިކަން ގެއްލި، ޕާޓީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮތް ވަގުތު، އެއްކަލަ ރަޖާގަނޑު ދޮށުން ނުކުމެ ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށް، ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމެއް،" ކެމްޕޭނު ޖަލްސާގައި ވާހަަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އާޒިމްގެ ވާހަކައިގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު އެވެ. އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ އެމްޑީޕީގެ އާންމު މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ބުނެ "މަވެތިކަން ދައްކަން" އާޒިމް ދެއްކެވީ ހުތުރު ވާހަކައެއް ކަމަށެވެ.

ޝާފިއުގެ ޕޯސްޓު ޝެއާކޮށް މިހާތަނަށް އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން އާޒިމް އަށް ފާޑުވިދާޅުވެފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އެވެ. މާރިޔާ ވިދާޅުވީ މިހާތަނަށް އޭނާ ހުރީ މޭޔަރުގެ ޕްރައިމަރީގައި ވަކި ކޮޅަކަށް ނާރާ ކަމަށާއި ނަމަވެސް އާޒިމްގެ މި ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަގާވާތަކުން ބަދަލުކުރުމުން އަދި 2013 ރިޔާސީ އިންތިހާބުން ބަލިވުމުން އެމްޑީޕީގެ އާންމު މެންބަރުން އިދިކޮޅުގައި ތިބެ ދެއްކި ހިތްވަރާއި ކުރިމަތިލި އަނިޔާތައް ފާހަގަކޮށް މާރިޔާ ވަނީ އެމްޑީޕީގެ އާންމު މެންބަރުންނަކީ ރަޖާ ލައިގެން ތިބޭނެ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރަށް ނިސްބަތް ކުރައްވާ، އެމްޑީޕީ ރަޖާލައި، ހުން އައިސް ފިލާ ތިއްބާ ނެރުނީ ތިމާ ކަމަށް ވިދާޅުވެ އެ ދެއްކެވި ވާހަކަފުޅަށް، މަނިކުފާނު، އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރުގެ ކިބައިން މައާފަށް އެދި ވަޑައިގަންނަވަން ޖެހޭނެ،" މާރިޔާ އެކްސްގައި ލިޔުއްވާފައިވެ އެވެ.

މާރިޔާގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން އަދި ކާކުކަން ނޭނގޭ ގޮތަށް ހިންގާ ގިނަ އެކައުންޓުތަކުން ވެސް މިކަމާ ގުޅިގެން އާޒިމް އަށް ވަނީ ފާޑުކިޔައިފަ އެވެ.

އެގޮތުން، އެކަކު ބުނެފައިވާ ގޮތުގައި އެންމެ ލަދުވެތީ އަމިއްލަ މީހާއަށް އަމާޒުކޮށް އާޒިމް މި ވާހަކަ ދައްކަން ޖެހުން ކަމަށެވެ. އެހެން އެކައުންޓަކުން ވަނީ އާޒިމް އަކީ ފިނޑިއެއް ކަމަށާއި އޭނާ ދެކޭ ގޮތަށް އެމްޑީޕީ އަކީ އާޒިމް ކަހަލަ ޕާޓީއެއް ނޫން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އެމްޑީޕީގައި އަބަދުވެސް ގަދަވާނީ ޕާޓީގެ އާންމު މެމްބަރުންގެ ބާރު ކަމަށާއި ޕާޓީ ނިކަމަތިވާ ދުވަހާއި ވެރިކަމުގައި ތިބޭ ދުވަހު ވެސް ޕާޓީ، ޕާޓީގެ ގޮތުގައި ކޮނޑުއަޅާ ހިފަހައްޓައިދޭ ބަޔަކީ ޕާޓީގެ އާންމު މެމްބަރުން ކަމަށް ލިޔުއްވާފައިވެ އެވެ. އާޒިމް ދެއްކީ ވަރަށް ދެރަވަރުގެ ވާހަކައެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މާލޭގެ މޭޔަރު ކަމަށް އާދަމް އާޒިމްއާ ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.