Advertisement

ޝަމްއާން ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދޭ: ވަކީލު

23 އޭޕްރީލް 2025 - 17:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު: ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ --- ފޮޓޯ: ހައިކޯޓު ޔޫޓިއުބް


ޝަމްއާން ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދޭ: ވަކީލު

23 އޭޕްރީލް 2025 - 17:42 0

ޖިނާއީ ތުހުމަތެއް ކުރުމަށްފަހު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައިގައި ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް ނުހުންނާނެ ކަމަށް އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެން ދެން ބަންދުކުރަން ކުރި އަމުރު އިސްތިއުނާފުކުރި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ނޫރުއްސަލާމް ވިދާޅުވީ ޝަމްއާންގެ މައްޗަށް ތުހުމަތުކޮށްގެން ފުލުހުން މިހާރު ބަލަމުންދާ މައްސަލައަކީ އޭސީސީގެ ބައިވެރިވުމެއް ނެތި ބަލާ ކޮރަޕްޝަންގެ މައްސަލައެއް ކަމަށެވެ.

"ޝަމްއާންގެ ފަރާތުން އިއްޒަތެރި ފަނޑިޔާރުންނަށް ޔަގީންކޮށް އަރުވަން މުހައްމަދު ޝަމްއާން ވަހީދު އޭނާގެ މައްޗަށް ތުހުމަތުކޮށްގެން ފުލުހުން މިހާރު ބަލަމުން މިދާ މައްސަލައިގައި އޭސީސީގެ ބައިވެރިވުމެއް ނެތި، މިއަދު މި މަޖިލީހުގައި ވެސް ބަލަމުން މިދާ ކޮރަޕްޝަންގެ މައްސަލައިގައި އިއްޒަތެރި ފަނޑިޔާރުން ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް ނުހުންނާނެ. ނުފޫޒު ފޯރުވައިގެން ބަދަލުކުރަން ޖެހޭ ހެއްކެއް ވެސް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބަލައި ޝަމްއާން ބަންދު ކޮށްފައިވާއިރު، ޝަމްއާންއާ ދެކޮޅަށް ހެކިބަސް ދިން މީހަކު އޭނާއަށް ވެސް ނޭނގޭ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

"މި މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވާނެ ކަމަށް މުހައްމަދު ޝަމްއާން ވަހީދު ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދައުލަތުން ވަކާލާތު ކުރައްވާއިރު މުހައްމަދު ޝަމްއާން ވަހީދުގެ ފަރާތުން އިއްޒަތްތެރި ފަނޑިޔާރުންނަށް ކަށަވަރުކޮށް އަރުވަން މި މައްސަލައިގައި ހެކިބަސް މުހައްމަދު ޝަމްއާން ވަހީދަށް ދީގެން އުޅެނީ ކޮން ބައެއް ކަމެއް ވެސް ޝަމްއާނަކަށް އެނގިވަޑައިގަންނަވަނީކީ ނޫން،" އޭނާ ވިދާޅުވި އެވެ.

މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު މީގެ ކުރިން ކުރެވިފައިވާ މީހުންނާއި މިހާރު ވެސް އެފަދަ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތުން މިސާލު ނަންގަވައި ނޫރުއްސަލާމް ފުރަތަމަ އަޑުއެހުމުގައި ވިދާޅުވީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކުރާ ނަމަ ކުރަނީ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ފަދަ ހާލަތެއް އޮތް ނަމަ އެކަނި ކަމަށެވެ.

ނަމަވެސް ޝަމްއާން ހައްޔަރު ކޮށްފައި ވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެންކަން އޭނާ އެ އަޑުއެހުމުގައި ފާހަގަކުރެއްވި އެވެ.

ހައި ކޯޓުގައި ކުރިއަށްދާ ޝަމްއާން ބަންދުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ނިންމައި، ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމުގެ މަޖިލީހެވެ. ނަމަވެސް މި އަޑުއެހުން ބާއްވާނެ ތާރީހެއް ކޯޓުން ނުބުނެ އެވެ.

ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ. ނަމަވެސް އެހެން ބުނާ ސަބަބުގެ އިތުރު ތަފުސީލެއް އޭނާ ނުދެ އެވެ.

ފުލުހުން ޝަމްއާން ހައްޔަރު ކުރީ މާޗް 22، ގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ.