10 ޑިސެންބަރު 2025 - 11:13 0
ލީވާން އަލީ ނާސިރު
ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު: އޭނާ ވަނީ ފަނޑިޔާރުކަމުން ރަސްމީކޮށް ރިޓަޔާކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް
10 ޑިސެންބަރު 2025 - 11:13 0
ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ފަނޑިޔާރު މުހައްމަދު ނިޔާޒު ރަސްމީކޮށް ފަނޑިޔާރުކަމުން އިއްޔެ ރިޓަޔާ ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދެވި ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައި މިވަނީ އޭނާ ހިމެނޭ ގޮތަށް ފަސް ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައި ވަނިކޮށެވެ.
ފަސް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ވަނީ ހާޒިރުވުމުގެ ނޯޓިސް ފޮނުވިކަން ވެސް ވަނީ އެނގިފަ އެވެ.
ޖޭއެސްސީގެ ނައިބު ރައީސަކަށް ކުރިން ހުންނެވި ނިޔާޒުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން މިދިޔަ އަހަރު ވެސް ބެލި އެވެ. އެނގިފައިވާ ގޮތުގައި އެފަހަރު ބެލީ ޝަރީއަތުގެ އަޑުއެހުމެއްގައި ޕަބްލިކް ޕްރޮސެކިއުޓަރުންނާ ފަނޑިޔާރު މުހާތަބު ކުރި ގޮތުގެ މައްސަލައަކާއި ބައެއް ޝަރީއަތްތަކުގައި ހާޒިރުވާ ވަކީލުންނާ މުހާތަބުކުރި ގޮތުގެ މައްސަލައެކެވެ.
ޖޭއެސްސީން ބަލަން ފަށާފައިވާ ފަސް ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްސަލަ ވެސް ޖޭއެސްސީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފެށުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭސީސީން ބަލަން ފެށީ ފައިސަލްއާ ގުޅޭ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތު އަމާޒުވެފައިވާ މައްސަލައެއްކަން އަދަދު އަށް ވަނީ އެނގިފަ އެވެ.
ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓު އެކުލަވާލެވިފައިވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. އޭގެ ތެރެއިން މިވަގުތު ދެ ފަނޑިޔާރެއްގެ މަގާމު ވަނީ ހުސްވެފަ އެވެ.
ބައެއް ފަނޑިޔާރުންނަށް ރިޓަޔާ ކުރުމަށް ޕްރެޝަރު ކުރިމަތި ކުރުވަމުން އަންނައިރު ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ.
ޖޭއެސްސީ މެދުވެރިކޮށް ކޯޓުތަކަށް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންނެވެ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް އަވަސްކޮށް ކުރިއަށްގެންދިޔުމުގައި އިސްކޮށް ހުންނެވި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވަނީ ޖޭއެސްސީގެ ރައީސްގެ މަގާމަށް ދާދިފަހުން އައްޔަނުކޮށްފަ އެވެ.
އޭނާގެ އިތުރުން އެ ކޮމިޝަނުގައި ހިމެނޭ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله، ބަންޑާރަ ނައިބު އަހްމަދު އުޝާމް، ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު އަދި އާންމުންގެ ތެރެއިން އައްޔަނުކޮށްފައިވާ އިދުރީސް ފައުޒީއަކީ މުއިއްޒުއަށް ވަފާތެރި މެންބަރުންނެވެ.
އޭގެ އިތުރުން، ފަނޑިޔާރު ޝަހީދުއަކީ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހައި ކޯޓުން ސުޕްރީމް ކޯޓަށް ޕްރޮމޯޓުވި ފަނޑިޔާރެކެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މުހައްމަދު މުޖުތާޒަކީ ވެސް މުއިއްޒު ބޭނުންވާ ބަޔަކަށް ކޮމިޝަންތަކުގެ ރައީސުންނަށް ތިބެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލުގެ ފަހުން ސިވިލް ސާވިސްއާ ހަވާލުވި މީހެކެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ މާއްދާއެއް ގާނޫނުއަސާސީއަށް އިތުރު ކުރި މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
މެއި 14، ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ އެ ދެ ބޭފުޅުންގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަންގާފައި އޮއްވަ އެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީ އިން ބަލަން ފެށި އެވެ. އެކަމަކު، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވީ އެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ހަތަރުު ފަނޑިޔާރުން އައްޔަނު ކުރެއްވީ މުއިއްޒު އެވެ.
Comment