23 އޭޕްރީލް 2025 - 16:05 0
މުހައްމަދު ޝަހްޒާން
އެންވަޔަރަމެންޓު އަދި ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އޭނާ ވިދާޅުވީ ރާއްޖެ ބޮއިކޮޓު ކުރަން ގޮވާލައި ކެމްޕެއިނެއް ހިނގަމުންދާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
23 އޭޕްރީލް 2025 - 16:05 0
އިޒްރޭލު ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދަށް އަސަރެއް ކުރާކަން މިހައިތަނަށް ފާހަގަވެފައި ނުވާ ކަމަށް އެންވަރަމެންޓު އަދި ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޫސްވެެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ގުޅިގެން ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލައި ކެމްޕޭނެއް ކުރަމުންދާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ނަމަވެސް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ގުޅިގެން ރާއްޖެގެ ފަތުރުވެރިކަމަށް ގެެއްލުންތަކެއް ވެދާނެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާކަން ތޯރިގު ފާހަގަ ކުރެއްވި އެވެ. ހަމަ އެއާއެކު ރާއްޖެއިން އެޅި ފިޔަވަޅަށް ތައުރީފުކޮށް ވެސް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ކޮންމެ ދުވަހަކު ވެސް މޮނިޓަރު ކުރަމުން މިދަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޓޫރިސްޓުންގެ އަދަދަށް އެއްވެސް ކަހަލަ ޑިކްލައިނެއް އުޅޭތޯ، އިނގޭތޯ، އެހެންވީމަ އެކަހަލަ ކަންތައްތައް ބަލަމުންދާއިރު އަޅުގަނޑުމެންނަކަށް މޭޖާ އިމްޕެކްޓެއް ނުވަތަ ޓޫރިޒަމް، އަންނަ ފަތުރުވެރިންނެއް މަދުވެ އެކަހަލަ ކަމެއް ނެތް އަދިއެއް،" ތޯރިގު ވިދާޅުވި އެވެ.
"އެހެންވީމާ ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅައި ނޫނިއްޔާމުން ރާއްޖެ ނާންނަން ގޮވާލައި އެކަހަލަ ގޮތަކަށް ވެސް މާސް ކޮށެއް މި އަޅުގަނޑުމެންނަށް އެނގިފައެއް ނެތް،"
ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަނާކުރި ސަބަބު ރާއްޖެ އާއި ބޭރުގައި ހުންނަ އެކި ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަނާ ވެސް ހިއްސާ ކުރަމުންދާ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައީ މި މަހުގެ 15، ގަ އެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.
މިދިޔަ އަހަރު އޭނާ ހުށަހެޅުއްވި ބިލުގައި އޮތީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.
ނަމަވެސް އެ ބިލު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment