Advertisement

ހެންވޭރު ބައްދަލުވުމުގައި ވެސް ޓެކްސީ ޑްރައިވަރުންގެ ޝަކުވާ ބަންޑުންކޮށްލައިފި

ހެންވޭރު ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ރޭ ބޭއްވެވި ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ހެންވޭރު ބައްދަލުވުމުގައި ވެސް ޓެކްސީ ޑްރައިވަރުންގެ ޝަކުވާ ބަންޑުންކޮށްލައިފި

ކާރުބާރު ބޮޑު މާލޭގައި ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމުން މާލޭގެ ޓްރެފިކަށް އިތުރަށް ބާރުބޮޑު ވާނެ ކަމަށާއި އާންމު ރައްޔިތުންގެ ކާރުތައް ރެޖިސްޓްރީ ކުރުމަށް ގެންގުޅޭ އުސޫލުން މެނުއީ ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަ ކާރުތައް ވެސް ރެޖިސްޓްރީ ކުރެވިގެން ނުވާނެ ކަމަށް ހެންްވޭރު ރައްޔިތުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަދެއްކި ރައްޔިތަކު ވަނީ މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑުކަމުގެ ވާހަކަ މުއިއްޒު ދައްކަވާފައި އެކަމަށް ހައްލު ގެންނަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވުމަށްފަހު، ސަރުކާރުން ތައާރަފުކުރާ ޓެކްސީ ލައިނުގެ ކާރުތައް ދުއްވަނީ ކޮންތާކުތޯ ސުވާލު އުފައްދައިފަ އެވެ.

އޭނާ ބުނީ އެކިއެކި ބޭނުންތަކަށް އާންމު ރައްޔިތުން ގެނެސްފައި ހުރި ކާރުތައް ގަރާޖެއް ނެތިގެން ރެޖިސްޓްރީ ނުކުރެވިފައި އެބަހުރި ކަމަށެވެ. އެ ކާރުތައް އެހެން ހުއްޓައި ސަރުކާރުން ގެންނަ ކާރުތައް ގަރާޖެއް ނެތި ރެޖިސްޓްރީ ކުރެވިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ޓެކްސީ ޑްރައިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމުގެ މަތިން ލޯނު ދޫކޮށްގެން ޓެކްސީ ގެނެސްފައި އެބަހުރި، އެއްވެސް އެއްޗެއް ރެޖިސްޓްރީއެއް ނުކުރެވުނު ގަރާޖެއް ނެތީމާ، އެމްޓީސީސީން [ގެންނަ ކާރުތައް] ރެޖިސްޓްރީ ކޮށްދެނީ ގަރާޖަށްތޯ؟ އެ ނޫން ނަމަ، ގަރާޖަށް ނޫންގޮތަށް އެ ރެޖިސްޓްރީ ކޮށްދޭ ކަމަށްވާނަމަ ހުރިހާ ބޭފުޅުންގެ ކާރުތައް ވެސް ރެޖިސްޓްރީ ކޮށްދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އެ މީހާ ބުންޏެވެ.

"ޓްރާންސްޕޯޓު މިނިސްޓްރީން ވެސް ގަވާއިދާ ހިލާފަށް އެއްވެސް ކާރެއް ރެޖިސްޓްރީ ކޮށްދީފި ކަމަށްވަންޏާ އަޅުގަނޑުމެން މަގުމައްޗަށް ހަޅުތާލަށް ވެސް ނުކުންނާނަން، އެކަން ކޮށް ނުދެއްވާތި."

އެކަމާ ގުޅިގެން ހިޔާލުފާޅުކުރި އެހެން މީހަކު ބުނީ ސަރުކާރުން ތައާރަފުކުރަން އުޅޭ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފެށުމާއެކު މާލޭގެ މަގުތަކުގެ ޓްރެފިކަށް އިތުރަށް ބާރުބޮޑު ވެދާނެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"މާލޭގެ މަގުމަތި މިއޮތީ ވަރަށް ބޮޑަށް ޓްރެފިކްވެފައި، މި ޓްރެފިކަށް ހައްލެއް ނުގެނެސް ތި ނެރެން އުޅޭ ޓެކްސީ ލައިން ނެރުނީމާ އޭގެ ސަބަބުން ވާނީ އިތުރަށް ޓްރެފިކްތޯއޭ ނޫނީ އެއަށް ހައްލެއް އަންނާނެތޯއޭ،" އެ މީހާ ސުވާލުކުރި އެވެ.

އޭގެއިތުރުން ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރުމުން އަމިއްލަ ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ވާނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ވެސް އޭނާ ސުވާލުކުރި އެވެ.

އޭގެއިތުރުން ރޭގެ ބައްދަލުވުމުގައި ވާހަކަދެއްކި ރައްޔިތުން ވަނީ ޓެކްސީ ނަފާ ލޯނުގެ ދަށުން ކާރު ލިބުނު މީހުންގެ ކާރުތައް ރެޖިސްޓްރީ ކުރެވޭނެ ގޮތެއް ނެތުމުން އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި، އެ ކާރުތައް ރެޖިސްޓްރީ ކުރެވޭނެ ގޮތެއް ނެތުމުން، އެޗްޑީސީން ދެއްކި ބިމެއްގައި އެ ކާރުތައް ޕާކުކޮށްފައި ހުއްޓައި ހުސްވި ހަފުތާގެ ތެރޭގައި އެ އުޅަނދުތައް އެ ތަންތަނުން ނަގަން އެންގުމަށްފަހު، ފޯކުލިފްޓު ޖަހައިގެން އުޅަނދުތައް މަގުމައްޗަށް ނެރުނު ކަމަށް އޭނާ ބުންޏެވެ.

"އޭގެ ހަތަރު ދުވަސްފަހުން އިއުލާނެއް މި ކުރަނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ހުރި ހުރިހާ ކާރެއް ނަގައިގެން ތިލަފުށްޓަށް ގެންދަނީއޭ، ގަވާއިދާ އެއްގޮތަށް އެޗްޑީސީން ދިން ބިމެއްގައި،" އެ މީހާ ބުންޏެވެ.

"އެޗްޑީސީން ދިން ބިމެއްގައި ކާރުތައް ބަހައްޓާފައި ހުއްޓާ އެޗްޑީސީގެ މުވައްޒަފުން އެ ކާރުތައް ނަގައިގެން ގެންގޮސް މަގުމަތީ އަތުރާފައި އަނެއް ދުވަހު ފުލުހުން އައިސް އެ ކާރުތައް ނަގައިގެން ތިލަފުށްޓަށް، މިއީ އަޅުގަނޑު ގަބޫލެއް ނުކުރަން ޒިންމާދާރު ގޮތެއްގައި ކުރެވޭ ކަމެއް ކަމަކަށް."