Advertisement

ސާވިސް ޗާޖަށް ލިބޭ ބޭރު ފައިސާ ދިވެހި ރުފިޔާއަށް މާރު ކުރުން މަނާ ކުރަން އިސްލާހެއް

8 ޑިސެންބަރު 2025 - 15:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ފަތުރުވެރިންތަކަކާއެކު -- ފޮޓޯ: އަދަދު ފައިލް


ސާވިސް ޗާޖަށް ލިބޭ ބޭރު ފައިސާ ދިވެހި ރުފިޔާއަށް މާރު ކުރުން މަނާ ކުރަން އިސްލާހެއް

8 ޑިސެންބަރު 2025 - 15:08 0

ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ބޭރު ފައިސާ މުވައްޒަފުންނަށް ދިނުމުގެ ކުރިން ދިވެހި ރުފިޔާއަށް މާރުކުރުން ހުއްޓުވުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

މަޓޭ ހުށަހެޅުއްވި އިސްލާހުގައި، ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ ށ. ގެ ދެވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

އޭނާ ހުށަހަޅުއްވާފައިވާ ފުރަތަމަ ނަންބަރުގައި ހިމެނެނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމަށް، ވަޒީފާ ދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ.

އޭގެއިތުރުން އެ ނަންބަރުގައި އިތުރަށް ބުނެފައިވަނީ މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތަކުން ކަމަށެވެ.

ދެވަނަ ނަންބަރެއްގެ ގޮތުގައި މަޓޭ އިތުރުކުރެއްވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި، ސީދާ ގޮތުން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ.

މި އިސްލާހު ފާސްވެއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ލިބުމުގައި އޮތް ތަފާތުތައް ނައްތާލެވި، ސާވިސް ޗާޖު އެ ދޭ ބާވަތެއްގެ ފައިސާއަކުން މުވައްޒަފުންނަށް ދިނުމަށް ލާޒިމުވާނެ އެވެ.

މަޓޭ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސަންޓަށްވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ވަޒީފާ ދޭ ފަރާތުން ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެ ކަމަށް ބުނި ނަމަވެސް އެގޮތަށް އަމަލުނުކުރާ ކަމަށެވެ.

"ބައެއް ތަންތަނުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދިނުމުގެ ސަބަބުން، ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށް، ދެންނެވުނު ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަންފާ އެންމެ ފުރިހަމައަށް މުވައްޒަފުންނަށް ލިބުމަށް ހުރަސްއެޅޭ،" އޭނާ ވިދާޅުވި އެވެ.

ބިލު ހުށަހެޅުމުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާ ބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ސާވިސްޗާޖު ލިބުމުގެ ހައްގު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުން ކަމަށް ވެސް ރިސޯޓު މުވައްޒަފުންގެ ހައްގުތަކުގައި ވަކާލާތުކުރައްވާ މައުރޫފް ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމާ ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދެމުންދަނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ފަތުރުވެރިން އަތުން ނަގަނީ ޑޮލަރުންކަން ފާހަގަކުރެވެ އެވެ.