Advertisement

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

12 އޭޕްރީލް 2025 - 14:06 4

ރަނާ ލަތީފް

ރަނާ ލަތީފް


ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

12 އޭޕްރީލް 2025 - 14:06 4

ފުރަތަމަ ބައި

ދަންވަރުގެ ހިމޭންކަމަށް މަރުހަބާ ކިޔަމުންދިޔަ ހުޅުމާލޭގެ އަނދިރި މަގެކެވެ. މަގުގެ ދެފަރާތުގައި ޖަހައިފައިވާ މަގުބައްތިތަކުގެ އޮރެންޖު އަލީގެ މައްޗަށް ގަދަވެގަނެފައި ވަނީ އެއްފަރާތުގައިވާ ފިތުރޯނު ގަސްތަކުން އެޅިފައިވާ ހިޔަނީގެ އަނދިރިކަމެވެ. ތޫފާނެއްގެ އިންޒާރުދެމުން ޖެހިލާ ވައިރޯޅިއާއެކު އެ ގަސްތައް ހެލިލާ އަޑު ފިޔަވައި ދެން އިވެނީ މަގުގެ އެއްފަރާތަށް ދާދި ދެންމެއަކު މަޑުކޮށްލި ބަހުގެ އަޑެވެ. ވަގުތުގެ ގޮތުން ބަސްހުއްޓީގައި މީހެއް ނެތެއް ކަމަކު ކަނޑައެޅިފައިވާ ވަކި ވަގުތެއް ހަމަވަންދެން ބަސް އެތަނުގައި މަޑުކޮށްލައިގެން އޮތެވެ. އެ ގޮތުގައި މިނެޓެއްހާއިރު ވެސް ފާއިތު ނުވަނީސް މާ ދުރުނޫން ހިސާބަކުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށި އެވެ. ވަރަށް ވެސް ފަނޑު އެހާމެ އަވަސް ފިޔަވަޅުތަކެކެވެ. ހިމަފޮދު ވާރޭގެ ސަބަބުން މަގުގެ ތާރުގަނޑު ތެންމާލެވިފައި ނުވިނަމަ އެ ފިޔަވަޅުތަކުގެ ހިލަމެއް މީހަކަށް ނުވާނޭކަން ކަށަވަރެވެ.

ބަސް ނައްޓާލަން ޖެހޭ ވަގުތު ކައިރިވަނީ އެވެ. އިންޖީނު އިސްޓާޓު ކޮށްލައިފި އެވެ. ލެއްޕެމުންދިޔަ ދެ އޮޓޮމެޓިކް ދޮރުފަތުގެ ދޭތެރެއިން ބަހުގެ ތެރެއަށް އެ ދެމިގަތީ ބާވީހަކަށް އަހަރުގެ ޒުވާނެކެވެ. ހަ ފޫޓުގެ އިސްކޮޅަކަށް ދެތިން އިންޗި މަދު ނަމަވެސް ހެޔޮވަރު އިސްކޮޅެއްގެ ވެރިއެކެވެ. ހިކިކޮށް ހުއްޓެއް ކަމަކު ހަށިގަނޑު އަބުއިވާހާ އަނަރޫފައެއްނޫނެވެ. އެ ޒުވާނާގެ ކަޅުކަންގަދަ ދެލޯ ހާސްކަމުން ބޮޑުކޮށްލެވިފައިވާއިރު ކައިރިން ޖެހުނު ގޮނޑިއެއްގައި އަތް އަޅުވައިލައިގެން އަވަސް ނޭވާތަކެއް ލަމުންދިޔައީ އެ ހާސްކަމުގެ ސަބަބުން ކަމެއް ނުވަތަ ދުވެފައި އައުމުން ހަށްޓަށް ލިބިފައިވި ވަރުބަލިކަމުގެ ސަބަބުން ކަމެއް ނޭނގެ އެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑުން ނިއްކުރިމައްޗަށް ފައިބައިފައިވާ ކުރު އިސްތަށިތައް މޫނުގައި ތަތްލާފައިވަނީ ވެސް އެ ހާސްކަމުން ހިލިފައިވާ ދާތިކިތަކުގެ ސަބަބުން ކަމެއް ނުވަތަ ވެހެމުންދިޔަ ހިމަފޮދު ވާރޭގެ ސަބަބުން ކަމެއް ޔަގީންކުރާކަށް ނޭނގުނެވެ. ދެން ފެނުނީ ފައި ދަމަމުން ކަހަލަ ގޮތަކަށް އެ ޒުވާނާ ބަހުގެ ތެރެއަށް ހިނގައިގަތްތަނެވެ. ހުސްފަޔާ ދުވެފައި އައުމުގެ ސަބަބުން އޭނާގެ ފައިތިލައިން ލޭ ކޮށިފައިވާކަން ބަހުގައި ތިބި ދެ މުވައްޒަފުންނާ ދެ ފަސިންޖަރުންނަށް އެނގުނީ އެ ހިސާބުންނެވެ.

"ހެލޯ؟ އެކްސްކިއުޒް" ޑްރައިވަރާ ޖެހިގެންހުރި ގޮނޑީގައި އިން އަންހެން މުވައްޒަފު ގޮވައިލި އަޑު އެ ޒުވާނާއަށް ނީވޭ ކަހަލަ އެވެ. "އެކްސްކިއުޒް..ކާޑު ޖައްސާލާ" ދެންވެސް އެ ޒުވާނާގެ ފިޔަވަޅުތައް ހުރީ ކުރިއަށެވެ. ބަހުގައި ތިބި ދެ ފަސިންޖަރުންގެ ތެރެއިން ބަހުގެ މެދެއްހާ ހިސާބެއްގައިހުރި ގޮނޑިއެއްގައި އިށީނދެއިން އަންހެންކުއްޖާ ހަރަކާތްކުރަން ފެށީ ދެނެވެ. ކަންފަތުގައި ހެޑްސެޓް ޖަހާލައިގެން އިން ނަމަވެސް އެ ޒުވާނާ ބަހަށް އެރީއްސުރެން އެ އަންހެންކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ އެ ޒުވާނާއަށެވެ. އެކުއްޖާ އެންމެ ފުރަތަމަ ކަމަކަށް ކަންފަތަށް ޖަހައިފައިވާ ހެޑްސެޓްގެ ވާގަނޑުގައި ހިފައި ދަމައިގަތެވެ. އޭރުވެސް ބަހުގެ މުވައްޒަފު އެ ޒުވާނާ ގާތު ފައިސާ ދެއްކުމަށް ބުނަމުންދިޔަ އެވެ. އޭނާގެ ގާތުން ފަސްދީފައިދިޔަ ޒުވާނާއަށް ޝައުގުވެރި ނަޒަރަކުން ބަލައިލުމަށް ފަހު އެ ކުއްޖާ ގޮނޑިން ތެދުވި އެވެ. ބަހުގެ މުވައްޒަފު އެވަރަށް ގޮވާ އިރުވެސް އެމީހަކަށް އެ އަޑު ނީވެނީބާ އެވެ. އަނެއްކާ އެއީ އަޑުއިވުމުގެ ނަސީބުން މަހުރޫމްވެފައިވާ މީހަކީ ހެއްޔެވެ؟

މިފަދަ ހިޔާލުތަކެއްގައި ހުރެ އެ ކުއްޖާ ގޮސް އަތުގައި އޮތް ކާޑު، މެޝިނުގައި ޖައްސައިލަމުން އެ ޒުވާނާގެ ދަތުރަށް ފައިސާ ކަނޑައިދިނެވެ. އެއާއެކު ބަސް ނައްޓައިލާކަށް ސިކުންތެއް ވެސް ނުނެގި އެވެ. ކުރިން އެ ތަނުގައި ތެދުވެހުރި މުވައްޒަފު ވެސް ގޮނޑީގައި ހަމަޖެހިލި އެވެ. އޭނާގެ ޒިންމާ ނިމުނީ އެވެ. އެރި ފަސިންޖަރަށްވާ ފައިސާ ހޯދިއްޖެ އެވެ. ފައިސާ ދެއްކީ ކާކުތޯ ބެލުން މުހިންމެއް ނޫނެވެ. ޒުވާނާގެ ދަތުރަށް ފައިސާ ކަނޑައިދިން ކުއްޖާ ވެސް ފަރުވާތެރިކަމާއެކު ދުއްވަމުންދިޔަ ބަހުގެ ތެރޭގައި ހިނގަމުން ގޮސް ގޮނޑިއެއްގައި އިށީނދެލައިފި އެވެ. ދެ ފަރާތަށް ކުރިމަތިލެވޭނެހެން ބަހުގައި ގޮނޑި ޖަހާފައި ހުރުމުން އެކުއްޖާ މި ފަހަރު އިށީނީ ދުރުގައި އިން ޒުވާނާގެ މޫނު ފެންނާނެހެން ހުރި ގޮނޑިއެއްގަ އެވެ. ފަޅި ސިކުންތަކަށް ދެ މީހުންގެ ހަތަރުކަޅި ހަމަވެލި ވަގުތު އެކުއްޖާ ހިނިތުންވެލި ނަމަވެސް އެ ޒުވާނާ އަވަސްއަވަހަށް އިސްޖަހައިލީ އެވެ. އެ ކުއްޖާއަށް ފޫހިގޮތަކަށް ތުންއަނބުރައިލެވުނެވެ. ފިސާރި ފޮނި ފިރިހެނެއް ތާއެވެ. ހިނިތުންވުމެއް ނުދިންތާ ޝުކުރުގެ ނަޒަރަކުން ބަލައިލުން ވާނީ ކީއްހެއްޔެވެ؟ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލިވަގުތު "މައި" ގެ ނަމުގައި ސޭވް ކޮށްފައިވާ ނަންބަރަކުން އައިސްފައިވާ މެސެޖުފެނި އެ ހުޅުވައިލި އެވެ.

"މަލްކޮ؟ އަދި ކިހާ އިރެއްތަ؟" މެސެޖުގައި އޮތެވެ.

"މިހާރު ބަހުގަ. ވަރަށް ކައިރީގައޭ" މަލަކް އެ މެސެޖު ފޮނުވައިލުމަށްފަހު ކަންފަތާ ވަކިކޮށްލި ހެޑްސެޓް އަލުން ގުޅައިލަމުން އަނެއްކާވެސް އިސްއުފުލައިލި އެވެ. އޭރު ދުރުގައި އިން ޒުވާނާގެ ނަޒަރު އޭނާއަށް ހުއްޓިފައި ވާތަން ފެނި މަލަކްއަށް ސިހުމެއް ލިބުނެވެ. އެހެނަސް މަލަކްގެ ދެލޮލާ ބައްދަލުވި ވަގުތު އަނެއްކާވެސް އެ ޒުވާނާ އަވަސްއަވަހަށް އެ ނަޒަރު ވަކިކޮށްލައި އިސްޖަހައިލިތަންފެނި ދެވަނަ ސިކުންތުގައި މަލަކްގެ ތުންފަތައް ވެރިވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގައި އިނދެ ބަހުގެ ބިއްލޫރިގަނޑުގައި ބޯ ޖައްސައިލަމުން ބޭރަށް ނަޒަރު ހުއްޓައިލިއިރު އިވެމުންދިޔަ ލަވައިގެ ތެރެއަށް އޭނާ ދިޔައީ ޢަރަގުވަމުންނެވެ.

ދެތިން މިނެޓުގެ ވަގުތުކޮޅަކަށް ފަހު އަނެއްކާވެސް ބަސް އެހެން ތަނަކަށް ހުއްޓައިލައިފި އެވެ. މަލަކް އަވަސްވެގަތީ ބަހުން ފޭބުމަށެވެ. މަގުގެ އަނެއްފަރާތުގައި ހުރި މާލޭގެ އެންމެ ނަން މަޝްހޫރު އިޓާލިއަން ރެސްޓޯރަންޓް ކަމަށްވާ "ލަ ކުޗީނާ ދި ނަޕޮލީ" ނުވަތަ އާންމު ނަމުންނަމަ ނޭޕަލްސް ކިޗަންގެ ރޫފްޓޮޕަށް އެރުމާއެކު އިންތިޒާރުގައިތިބި އެންމެންގެ ލޯތަށް އޭނާއާ ދިމާލަށް ހުއްޓިއްޖެއެވެ.

"ކޮބާ މި އައީނު މިގޭގެ ބޮޑުނުވި ބޭބީ. މަލް ނައިސްގެން މިހާރު ކޭކް ރަހަބަލާލަން ނުލިބިފަ މިތިބީ" މަލަކް ފެނުމުން އެންމެ ފުރަތަމަވެސް އެ ކުއްޖާއާ ދިމާކޮށްލީ އެތަނުގައި އިން މާއިޒެވެ. މަލަކް ފޫހިގޮތަކަށް ކަޅިއަނބުރައިލުމަށްފަހު މާއިޒްއާ ދިމާލަށް އެއްޗެއް ބުނަން އަނގަ ހުޅުވައިލި އެވެ. މިފަހަރު އެއަށްވުރެން ކުރިން މައިރާ އައިސް މަލަކްގެ އަތުގައި ހިފައިގެން ކޭކެއް ބަހައްޓައިފައިހުރި މޭޒާ ދިމާލަށް ހިނގައިގަތެވެ.

"އެ ތެދެއް.. މައި ހަމަ އެއްގޮތަކަށްވެސް ބޭނުމެއްނުވި މަލް ނުގެނެސް ކޭކް ފަޅާކަށް" ފޯނު ހިފައިގެން އެރޭގެ އެ ކުޑަ ހަފްލާގެ ފޮޓޯ ނަގަމުންދިޔަ ނަޝްވާ ވެސް މާއިޒްގެ ވާހަކައާ އެއްބައިވި އެވެ. އޮޅަލި ކުލައިގެ އޮމާން ހަންގަނޑަކާއި ރީތި ބުޅި އިސްތަށިގަނޑެއްގެވެރި ނަޝްވާއަކީ މާއިޒްގެ އަންހެނުންނެވެ. އަށްމަހުގެ ބޮޑު ބަނޑާއެކު ވެސް އުމުރުން ބައްތިރީސް އަހަރުގެ ނަޝްވާ ފެންނަނީ އަހަރެއްހާތަން ހަގު މާއިޒުއަށްވުރެން ވެސް ޒުވާންކޮށެވެ. މަޝްހޫރު މަޖައްލާތަކަށް މޮޑެލްކުރާ ކަޅު ނަސްލުގެ މޮޑެލްއަކަށް ނަޝްވާގެ ރީތިކަން ދޫ ނުކުރާނެކަން ގައިމެވެ.

"މަންމައާ ހެދި ލަސްވީ. މިހާ ލަސްކޮށްފަ ބުނީމަ ވަރަށް ނުފޮނުވާން ހުރެފަ އެންމެފަހުން ބައްޕަ ގާތު ބޮޑާހާކަން ފެށީމަ ފޮނުވީވެސް. ދެން ތިމީހުންނަށްވެސް އެނގޭދޯ އެހާ ލޭޓް ނައިޓް ޕްލޭންސް ހަދާއިރު މަލްއަކަށް މިކަހަލަ ގަޑިގަޑީ ނާދެވޭނެކަން" މަލަކް ޝަކުވާ ކުރި އެވެ.

"ކީއްކުރާނީ.. އެގާރަގަޑި ބައި ވަންދެންވެސް ކަސްޓަމަރުން ތިއްބޭ ދޯ ނަޝް؟ ދެން މިގޭ ބޭބީއަށް ލަހުން ނާދެވުނޭ ކިޔާފަ ކަސްޓަމާޒް ސެކްރިފައިސްއެއް ނުކުރެވޭނެއެއްނު" މާއިޒްއަށް ލިބޭ ކޮންމެ ފުރުސަތަކު މަލަކް ރުޅި އަރުވައިލައެވެ.

ނަޝްވާ އާއި މަލަކްގެ އިތުރުން މައިރާއަކީ ވެސް ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މުޖްތަބާއަށް ލިބިފައިވާ ތިންބެއިންގެ ތިން ދަރިންނެވެ. އެކުދިންގެ ތެރެއިން ނަޝްވާގެ އިތުރު ކޮއްކޮއަކާއި މައިރާގެ އިތުރު ބޭބެއެއް ހުރިކަމުގައި ވިޔަސް މަލަކްއަކީ އެކުދިންގެ ހަމައެކަނި ބޮޑުދައިތަ ކަމަށްވާ މާޒިޔާއަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. ހަމަ އެހެންމެ، އުމުރުން އެންމެ ނަވާރަ އަހަރުގެ މަލަކްއަކީ އެހުރިހާ ކުދިންގެ ތެރެއިން އުމުރުގެ ގޮތުން އެންމެ ހަގު ކުއްޖާ ވެސް މެއެވެ. އެކުދިންގެ ތެރެއިން އެންމެ ދޮށީ ނަޝްވާއެވެ. މިރޭ އެކުދިން އެތަނަށް އައިސް ތިބީ މައިރާ ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލް ކުރަންދާތީ މައިރާއަށް ކުޑަ 'ފެއަރވެލް' ޕަރޓީއެއް ދިނުމުގެ ގޮތުންނެވެ. އެއީ މައިރާ ނުހަނު ކުރީއްސުރެން އުއްމީދު ކުރަމުން އައިކަމެއް ކަމުގައި ވިޔަސް އެކަން ނުވެ އޮތީ އެކުދިންގެ ކާފަ އެކަމާ އެއްބަސް ނުވެފައި އޮތުމުންނެވެ. ކާފަގެ ބަހަނާއަކަށްވީ ނަޝްވާގެ ކޮއްކޮ ނަދާލް ރާއްޖެއިން ބޭރުގައި ކިޔަވަން ހުރުމެވެ. ނަދާލްއާއި މައިރާގެ އިތުރުން މަލަކްއަކީ ކާފަގެ ލޮލުގެ ނޫރު ކަމަށާއި އެއްކުއްޖެއް އައުމުން ނޫނީ އަނެއްކުއްޖެއް ދުރަށް ނުފޮނުވޭނެ ކަމުގެ ބަހަނާ އެވެ. އެއީ ކިހާ ދެކޮޅު ނުޖެހޭ ބަހަނާއެއް ކަމުގައި ވިޔަސް ކާފަގެ ނިންމުމަށް ބަސްކިޔާވަރު މީހަކު އެ ގޭގައި ނެތީތީ އެ ނިންމުމާ ދެކޮޅަށް މައިރާއަށް ކުރި ނުލިބުނީ އެވެ.

"ދެން ދޮންތީ ބަލާބަލަ ދޮންތިބެ. އަބަދު މަލްއާ ދިމާކުރަނީ" މަލަކްގެ ޝަކުވާއަށް ނަޝްވާ އަޅައިނުލުމުން ދެން މަލަކް ވާހަކަދެއްކީ އެތަނުގައިހުރި މައިރާއާއެވެ. “މައި ދިޔައިމަ ދެން މަލް ހާދަ ފޫއްސެއްވާނޭ. ނެޑްވެސް ނާންނަނީސް ތި ދަނީ. ބަޓް އައިމް ސޯ ހެޕީ ފޯރ ޔޫ” މައިރާގެ ގައިގައި ބައްދައިލަމުން މަލަކް ބުންޏެވެ.

"އަހަރެންވެސް ހެޕީ. އަދިވެސް ގަބޫލެއް ނުކުރެވޭ ކާފަ އެއްބަސްވިކަމެއް. އަދި އެވެސް ނަދާލްގަނޑު ނާންނަންދެން" މައިރާ ވެސް މަލަކްގެ ވާހަކައާ އެއްބަސްވި އެވެ.

"މައި އަށް ހީވޭތަ ކާފަ ހަމަ އަހަރެން ނާންނަންދެން މައި ފޮނުވަދޭނޭ" ކުއްލިއަކަށް ފަހަތުން އިވުނު އަޑާއެކު މައިރާގެ އިތުރުން މަލަކްއަށް ވެސް ލިބުނީ ސިހުމެކެވެ. ދެލޯ ބޮޑުކޮށްލަމުން ފަހަތް ބަލައިލިއިރު ބައްތިރީސް ދަތް އެކީ ފެންނަވަރުގެ ހިނިތުންވުމަކާއެކު ދެއަތް ފުޅާކޮށްލައިގެންހުރެ ކުރިއަށް އެ އަންނަނީ ނަދާލް ފިޔަވައި އިތުރު މީހެއްނޫނެވެ. މައިރާއާއި މަލަކްގެ މޫނު ވަގުތުން އުޖާލާވިއެވެ. ދެކުދިން އެކުގައި ދުވެފައިގޮސް ނަދާލްގެ ގައިގައި ބައްދައިލިގޮތުން ނަދާލްގެ ހަށިގަނޑު އަރި އަޅައިލިއެވެ. ތިންކުދިން އެކުގައި ބިންމައްޗަށް ނުވެއްޓި ސަލާމަތްވީ އެ ކަސްރަތީ ހަށިގަނޑުގައިވާ ބުންވަރުގެ ސަބަބުން ކަމާމެދަކު ޝައްކެއްނެތެވެ.

"ހާދަ ގޯހޭ ކޮންއިރަކު އައީ. މި ދޮންތަގަނޑަށް އެނގޭ ދޯ ނެޑް އައިކަންވެސް. އެކަކުވެސް ނުބުނީ ކީއްވެތަ؟" މައިރާއަކަށްވެސް މިފަހަރު މާއިޒްއާ ދިމާލަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.

"އަހަރެން ބުނަނީ ކީއްކުރަން. ނެޑް އަބަދުވެސް ތި ދެމީހުނާ މާ ގާތްދޯ؟ މިފަހަރުވެސް ބޭނުންވީ ތި ދެމީހުން ސަޕްރައިޒްކޮށްލަން. އިއްޔެ އައިގޮތަށް ގެއަށްވެސް ނުގޮސް ހޮޓެލްއެއްގަ އެ ހުންނަނީ.. ދެން ކޭކް ނުފަޅަނީތަ؟ މިހާރު މިހެން ހުރެހުރެ ފައި ދުޅަވާން ފަށައިފި" އަދިވެސް ފޯނު ހިފައިގެން ކޮޅަށްހުރި ނަޝްވާގެ ބުންޏެވެ.

"ދޮންތަބެ މީނީނު ހަމަޖެހިލާފަ ދޮންތައާ ހުރިހާ ކަމެއް ޖައްސައިގެން" މަލަކްއަށް ލިބުނު ފުރުސަތުގައި އަވަހަށް މާއިޒްއާ ދިމާކޮށްލި އެވެ.

"އަހަރެން ތިކަމާ އެއްޗެކޭ ބުނުމަކީވެސް ބޭކާރުކަމެއް! އަހަރެން ނަގާ އެއްވެސް ފޮޓޮއެއް ނަޝްއަށް ކަމުދާނީކީ ނޫން" މާއިޒް ބުންޏެވެ.

މައިރާގެ ކޭކުފެޅުން ކުރިއަށް ދިޔައިރު ނަދާލްއާއި މަލަކްވެސް އެކަމުގައި ބައިވެރިވިއެވެ. މަލަކްއަށްވުރެން ދެތިން އަހަރު ދޮށި ކަމުގައިވިޔަސް މައިރާއާއި ނަދާލްއަށް ވެސް ވީ އަދި އެންމެ ބާވީސް އަހަރެވެ. އުމުރުގެ ގާތްކަމުންނާއެކު އެ ތިންކުދިން އުޅެ ބޮޑުވީވެސް އެކީގަ އެވެ. އެ ދެމެދުގައި އޮންނަ ގުޅުމަކީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމަކާ އެއްވަރުގެ ގުޅުމެކެވެ. އެއީ އެކަކުއަނެކަކަށްޓަކައި ފުރާނައިން ގުރުބާންވާން ޖެހުނަސް އެކަންވެސް ކުރަން ތައްޔާރަށް ތިބޭނެ ތިން ކުދިންނޭ ބުނުމަކުން ދޮގަކަށްނުވާނެ އެވެ.

ކޭކާއި ފޮޓޯގެ ހުރިހާ ކަމެއް ނިމުމުން ނަދާލް އިރުކޮޅަކަށް މައިރާމެންނާ ދުރަށް ޖެހިލީ ނަޝްވާ އަދި މާއިޒާ ވާހަކަ ދައްކައިލުމަށެވެ. އެ ވަގުތު މަލަކުއަށް ވެސް މައިރާއާ ވަކިން ވާހަކަ ދައްކައިލާނެ ފުރުސަތެއް ލިބިގެންދިޔައެވެ.

"މައިގެ ދޮންބެ ނާދޭތަ؟" މައިރާގެ މޫނުމަތީގައިވި ހިނިތުންވުމުގެ ފަހަތުގައި ފަރުދާވެފައިވާ މާޔޫސްކަން މަލަކްގެ ލޮލަކަށް ސިއްރެއްނުވިއެވެ.

"ހްމްމް. ތިހެން އަހާއިރުވެސް މަލްއަށް އެނގެއެއްނު. މިހާރުވެސް އުޅެނީ ކޮންމެވެސް ކަމަކު ބައްޕައާ ދެމީހުން ރުޅިހަދާލައިގެން. ރެއިންސުރެން ގެއަށްވެސް އައީކީ ނޫން. އެކަމަކު މަންމައަކަށް ނުފެންނާނެ ދޮންބެގެ ފޯލްޓެއް ދުވަހަކުވެސް. ހުރިހާ ކަމަކަށް ބާރުދޭން ހުންނާނީ" މައިރާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށްނެތެވެ.

"އަޅެ ދޮންބެ އެހެން އުޅެން ހެޔޮވާނެތަ؟ ކަޒިންސް ގްރޫޕްގަވެސް ވާހަކައެއް ދައްކަނީކީ ނޫން.." މަލަކްއަށް ގޮތް ހުސްވިއެވެ. އެ ދެމެދުގައި ދެކެވެމުންދިޔައީ މައިރާގެ އެއްބަނޑު އެއްބަފާ ބޭބެ މައިޝާންގެ ވާހަކައެވެ. މައިޝާންގެ އުޅުން ކޮންމެ ގޮތަކަށް ހުރި ކަމުގައިވިޔަސް މައިރާއަށް އެހާ މުހިއްމު ރެއެއްގައި މައިޝާން ނައީތީ މަލަކްއަށް އެކަމާމެދު ވިސްނެމުންދިޔައެވެ. އެހެނަސް ދެން އިތުރަށް އެމައުލޫއަށް ވާހަކަ ދައްކާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ވާހަކައިގެ މިސްރާބު ބަދަލުކުރުމުގެ ގޮތުން އޭނާއަށް ބަހުން ދިމާވި ޒުވާނާގެ ވާހަކަ މަލަކް މައިރާއަށް ކިޔައިދިނެވެ. މައިރާގެ މޫނުމަތިން ފާޅުވީ މަލަކް އުއްމީދުކުރި ކަހަލަ ކުލަވަރުތަކެއް ނޫނެވެ.

"މަލްއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ ތިބުނީ އޭނަ ހުރިގޮތް. ދެފައިން ލޭކޮށިފަ. އަނެއްކާ ބަހަށް އައިސް އެރީވެސް ފިލަން ދުވާ ވަގެއްހެނޭ. ހީ މައިޓް ބީ އަ ކްރިމިނަލް މަލް. އެކަހަލަ މީހުންގެ ކަންކަމާ ނުވުން ރަނގަޅުވާނީ. ހިތާމައެއް ނޫނީ ނުލިބޭނެ" މައިރާ ކަންބޮޑުވި އެވެ.

"ހޫން ދެން އޯކޭއޭ މައި. އަހަރެންވެސް ވަކި އެއްޗެކޭ ހިތަށް އަރާފައެއްނޫނޭ އެހެން ހެލްޕްވީކީ. އެގަޑީގަ މައި ނަމަވެސް ވާނީ އެހެން. އެހެންނޫނަސް ދެން އަޅާނުލާ. ދެން އެކަންތައްވެސް އެ ނިމުނީނު. މިހާ ބައިބޯ ތަނެއްގަ އެހެން ދިމާވާ މީހަކާ ދެވަނަ ފަހަރަށް ދިމާވުމަކީވެސް ނާދިރުކަމެއްދޯ. ލައިކް ސީރިއަސްލީ ވަޓް އާ ދަ ޗާންސަސް؟" މަލަކްގެ ވާހަކަތަކުން މައިރާގެ ކަންބޮޑުވުމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. މައިރާއަށް އަމިއްލަ އަތުގެ ބަނޑުފުށްހާ ބޮޑަށް މަލަކްގެ ގޮތް އެނގެ އެވެ. މަލަކްއަކީ އާންމުކޮށް މީހުންގެ ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. ވީއިރު މިރޭ މަލަކް އެ ޒުވާނާގެ ވާހަކަ އެ ދެއްކީ މަލަކްގެ ކިހާބޮޑު ސަމާލުކަމެއް އެ ޒުވާނާއަށް ދެވިގެންކަން މައިރާއަށް އެނގެ އެވެ. އެހެނަސް އެވަގުތު ނަޝްވާ އެ ދެކުދިންނަށް ގޮވައިލުމުން މަލަކްއަށް އިތުރު ނަސޭހަތެއްދޭނެ ފުރުސަތެއް މައިރާއަކަށް ނުލިބުނެވެ. އުފާވެރި ވާހަކަތަކާއި މަޖަލާއި ސަކަރާތުގެ ތެރޭގައި އެރޭގެ ކުޑަކުޑަ 'ހަފްލާ' ނިންމައިލުމަށްފަހު އެންމެންވެސް ގެއަށް ދިޔައީ ހިތްހަމަޖެހިލައިގެނެވެ. މައިރާ ފިޔަވައެވެ. އޭނާގެ ހިތް މަލަކްއާމެދު ނުތަނަވަސްވަނީއެވެ. މަލަކްއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އެ ހިތުގެ ކަނަކުން ދެމުންދިޔައީ ކީއްވެކަމެއް މައިރާއަކަށް ނޭނގުނެވެ.

"ރިޔުނައިޓަޑް އާފްޓާ 4 އިޔާޒް" މައިޝާންގެ ސްނެޕްޗެޓަށް އައިސްފައިވާ ސްނެޕްތައް ބަލަމުންދިޔަ ކިއާރާއަށް މަލަކްގެ ސްނެޕް ފެނި ފޫހި ރާގެއްގައި ކިޔައިލި އެވެ. އެއީ އެރޭގެ ކުޑަ ކުޑަ ހަފްލާގައި މަލަކް އާއި މައިރާ އަދި ނަދާލް އެކުގައި ނަގައިފައިވާ ސެލްފީއެކެވެ. "އައީ ދޯ އެ ނަދާލްގަނޑު؟ މާދަމާ ނޫން ކަމެއް ނޭނގެ ބޯޑު މީޓިންގް ބާއްވާފަ އެ މާޖިދު ބުނާނީ ތިމަންނަ ސްޓެޕް އައުޓް ކުރަނީއޭ. ނަދާލޭ ދެން ޓޭކް އޯވަރ ކުރާނީ.. ދެންވެސް މައިޝާން ހުންނާތި ހައްޕު ކިޔައިގެން" ކިޔާރާގެ އަޑުން ހިތްހަމަނުޖެހުން ފާޅުވާން ހުއްޓެވެ.

"ކަމޯން ކިޔާ!! ދެން އަބަދު ތިކަހަލަ ވާހަކަ ނުދައްކަބަލަ! ކިޔާ ހީކުރީ އަހަރެން ބައްޕައާ ތި ޒުވާބު ނުކޮށް ކަމަށްތަ މިރޭވެސް އައިސް މިއޮތީ؟ ބައްޕަގެ ޖަވާބު ވަރަށް ސިމްޕަލް. ބުނީ މިއީ ކާފައާ ބޮޑުބެއާ ދެމީހުންވެގެން ފެށި މަސައްކަތަކޯ. ބައްޕަ ކޮން ހައިސިއްޔަތަކުންހޯ ބަސްކިޔާނީ" މައިޝާން ބޯދަށުން ނެގި ބާލީސް އެނދުގެ ހެޑްބޯޑުގައި ލައްކޮށްލުމަށްފަހު އޭގައި ލެގިލިއެވެ.

"މައިޝާންގެ ކާފަގެ ހިއްސާއެއް އޮތިއްޔާ މައިޝާންގެ ބައްޕައަށްވެސް ތި ވިޔަފާރިން ހައްގު ވާނެއެއްނޫންތަ؟" ކިޔާރާގެ މެއާ ހަމައަށް އަޅައިފައި އޮތް ރަޖަލުގައި ހިފަހައްޓައިލަމުން ތެދުވެ މައިޝާންގެ މޭގައި ބޯ އަޅައިލިއެވެ.

"ބޮޑުބެގެ އަތްމަތީގަ ވިޔަފާރި އޮތްހާ ދުވަހު އަހަރެން ވެސް އެއްޗެކޭ ނުބުނަމެއްނު؟ އަހަރެންނަށް ވެސް އެނގެޔޭ ބޮޑުބެކަން ވިޔަފާރީގެ ގިނަ މަސައްކަތްތައް ކުރީ އަދި މިހާރުވެސް ކުރަނީ. ބޮޑުބެއަކީ ކާފަގެ ދޮށީދަރިވީމަ ވާނީވެސް އެހެންކަން އެނގެޔޭ އެކަމަކު.. އެކަމަކު ނަދާލްއަކީ ތި އާއިލާގެ ކުއްޖެއް ވެސް ނޫނެއްނު؟ މައިޝާން ހުއްޓާ ކީއްވެތަ ނަދާލް އެއްވެސް ކަމަކަށް އިސްވާންވީ؟" ކިޔާރާ އެއްސެވެ.

"ކިޔާ ކީއްވެތަ ހާސްވަނީ؟ މިހާރުވެސް އަހަރުމެންނަކަށް އެއްވެސް ކަމެއް ދައްޗެއް ނުވެއެއްނު؟" މައިޝާންގެ އާއިލީ ވިޔަފާރި ކިޔާރާއަށް އެހާ މުހިއްމުވެގެން އުޅޭ ސަބަބެއް މައިޝާންއަކަށް ނުވިސްނެއެވެ.

"އާން ދައްޗެއް ނުވޭ! ފުދިގެންނޭ ބުނެވިދާނެ! މައިޝާން ބޭނުންހާއިރަކު މައިޝާންގެ ހުރިހާ ބޭނުމެއް ފުދޭވިއްޔާ. އެހެންވެއެއްނު މައިޝާންއަށް ކައިވެނީގެ ވާހަކަވެސް ނުދެއްކިގެން ތިއުޅެނީ. ތިކަން ކާމިޔާބުވިއްޔާ އަހަރުމެން ކައިވެނި ކޮށްގެން އުޅޭނެ އުފާވެރި ދިރިއުޅުން މައިޝާންއަށް ހަމަ ސިފަ ނުކުރެވޭތަ؟" ކިޔާރާގެ ވާހަކަތަކުން މައިޝާން ބޯ ހާސްވާން ފެށިއެވެ. ހަގީގަތަކީ އޭނާ މަންމަމެންނާ ކައިވެނީގެ ވާހަކަ ނުދައްކާ އޮތީކީ ނޫންކަމެވެ. ކިޔާރާއާ ކައިވެނިކުރުމަކީ މަންމަމެން ނުރުހޭ ކަމެއްކަން ކިޔާރާއަށް އަންގާނެގޮތެއް ނޭނގެނީއެވެ.

"އަހަރެން ނަދާލްއަށް ހުރިހާކަމެއް ދޫކޮށްލާނޭ ކިޔާއަށް ހީވޭތަ؟ އަދި ޓައިމްކޮޅެއް ދީބަ ލޯބީ.. ކައިވެނީގެ ވާހަކަވެސް.. ވިޔަފާރީގެ ވާހަކަވެސް އަދި މަންމަމެންނާ ދައްކާނަން" ކިޔާރާގެ އަތުގައި ހިފައިލަމުން މައިޝާން ޔަގީންކަން ދިނެވެ.

"ޕްރޮމިސް؟" މައުސޫމުގޮތަކަށް ތުންކޮޅު އޫކޮށްލަމުން ކިޔާރާ އަހައިލިއެވެ.

"އޮން ގޯޑް" ކިޔާރާގެ ކޮލަށް ދޮނެއްދެމުން މައިޝާން ހިނިތުންވެލި އެވެ. ދެން އިވިގެންދިޔަ ކިޔާރާގެ ތުއި ހުނުމުގެ އަޑާއެކު ކިޔާރާގެ މެއާ ހިސާބަށް އޮޅައިލެވިފައިވި ރަޖާވެސް ގަޔާވަކިވެގެން ހިނގައްޖެ އެވެ.

ދެތިން ދުވަސް ފާއިތުވެދިޔައިރު މައިރާ ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިއްޖެއެވެ. މައިރާ ފުރުވުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕަރޗާ ގޭޓު ކައިރީގައި މައިރާގެ މައިންބަފައިންގެ އިތުރުން ނަދާލްއާއި މަލަކް އަދި އެކުދިންގެ ކާފަ މުޖުތަބާ މަޑުކޮށްލައިގެން ތިއްބެވެ. އެއިން ކޮންމެ މީހަކުވެސް މައިރާއަށް ލޯތްބާއެކު އަލްވަދާއު ކިޔަމުންދިޔައިރު މައިރާގެ ދެލޯވަނީ ފެންކަޅިވެފައެވެ. މަންމަ ޒީނިޔާއާއި ބައްޕަ މުރުޝިދުގެ ހެޔޮ ނަސޭހަތްތައް އަޑު އެހުމަށްފަހު މައިރާ ދެން ޖެހިލީ މަލަކްގެ ގާތަށެވެ.

"މަލްކޮ.." މައިރާގެ އަޑު ކުރެހުނެވެ.

"ކަމް ހިޔާ ސިސް.. އޯލް ދަ ބެސްޓް.. ބަލައިގެން އުޅެއްޗޭ" މައިރާގެ ގައިގައި ބައްދައިލަމުން މަލަކް ބުންޏެވެ.

"ޔެސް ޔޫ ޓޫ. ސްޓޭ އައުޓް އޮފް ޓްރަބަލް އިނގޭ" މަލަކްގެ ސިޔާސަކަން އެނގިހުރެ މަލަކްގެ ކޮނޑުގައި ފިރުމައިލަމުން މައިރާ ބުންޏެވެ. މަލަކްގެ ގައިން ދޫކޮށްލުމަށްފަހު މައިރާ ދެން ބަލައިލީ އެންމެނާ ދުރުގައި މަޑުކޮށްލައިގެންހުރި މައިޝާންއަށެވެ. ހަމަ ބަލައިލުމާއެކު މައިޝާން ހިނިތުންވެލައިފިއެވެ. ބަދަލުގައި މައިރާވެސް މައިޝާންއަށް ހިނިތުންވެލަމުން އޭނާގެ ކައިރިއަށް އައިސް ހުއްޓުނެވެ.

"ދޮންބޭ.. ޔޫ ކޭމް؟" މައިރާއަށް ގަބޫލުނުކުރެވިފައި އަހައިލިއެވެ.

"އޮފްކޯސް. މައިގެ ފެއާވެލް މިސްވިޔަސް ގުޑްބައި މިސްކޮށެއް ނުލާނެ ދޯ" މައިޝާން ދެއަތް ފުޅާކޮށްލަމުން މައިރާގެ ގައިގައި ބައްދައިލިއެވެ.

"އަހަހަ އޯކޭއި އޯކޭއި. އެކަމަކު ހާދަ ދުރުގައޭ ތި ހުންނަނީ.. އަދިވެސް ބައްޕައާ ރުޅި ހަދާފަތަ؟" މައިރާ އަހައިލިއެވެ.

"މައި ޕްލީޒް ޑޯންޓް ޕުޝް އިޓް. މި ކުޑަ ވަގުތުކޮޅުވެސް މައި ތި މަސައްކަތް ކުރަނީ އަހަރެންނާ އެމީހުންނާ އޮތް ގުޅުން ރަނގަޅުކުރަން. ނޮޓް ހެޕެނިންގް. އެމީހުންނަށް އަހަރެން މުހިއްމިއްޔާ އެނގޭނެ ކިޔާއަކީ އަހަރެންނަށް ކިހާ މުހިއްމު މީހެއްކަންވެސް" މައިޝާންގެ އަޑުގައިވަނީ ސާބިތުކަމެވެ.

"އައި ނޯ ދޮންބޭ އައި ނޯ.. އެނގޭ ދޮންބެ އެހާ ލޯބިވާ މީހެއް ޖަޖް ކުރުމުގެ ހައްގެއް މަންމަމެނަށް ނޯންނާނެކަންވެސް.. އެންޑް އަހަރެންނަކަށްވެސް ކިޔާ ގޯހެއްނޫނޭ އެކަމަކު.. މަންމަމެނަށް ކޮންމެވެސް ކަމެއް އެނގޭތީ ދޯ އެހާ ނުރުހޭނީ.. ސޯ ޕްލީޒް ވޮޗް އައުޓް..." މައިރާގެ ވާހަކަ ނިމުނުގޮތާމެދު މައިޝާން ހިތްހަމަނުޖެހުނު ނަމަވެސް އިތުރަށް މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލަން ޖެހުނީ މައިރާ ފުރަން އުޅޭ ވަގުތުގެ މަސްލަހަތައް ވިސްނައިލަމުންނެވެ. އެވަގުތު އެތަނަށް އައި ނަދާލް މައިރާއަށް ގޮވައިލުމަކީ މައިޝާންގެ ނަސީބުކަމުގައި އޭނާ ދެކުނެވެ.

"އަދި ގަޑިއެއްހާއިރު ލައުންޖްގަ މަޑުކުރަން ޖެހިދާނެ އެނގޭ. ދެއާ ވިލް ބީ ފުޑް" މައިރާއާއެކު ކުރިއަށް ހިނގައިގަންނަމުން ނަދާލް ބުންޏެވެ.

"އައިލް މިސް ޔޫ ޓޫ ނެޑް. އެކޮޅަށް ގޮއްސަ މަލްކޮއަށާ ދެމީހުންނަށް ގުޅާނަން އެނގޭ. ބައި ކާފާ!" ޑިޕަރޗަރ ކިޔުއާ ދިމާލަށް ހިނގައިގަންނަމުން މައިރާ ބުންޏެވެ. އެންމެނަށް ހަނާއަޅައިލުމަށްފަހު ގޭޓުން އެތެރެއަށްވަނެވެ. މަލަކްއާއި ނަދާލް އެކުއެކީގައި މުޖްތަބާ އިށީނދެއިން ގޮނޑިއާ ދިމާލަށް ހިނގައިގަތްތަން ފެނި މައިޝާން ހަލުވި ފިޔަވަޅުތަކެއްގައިގޮސް އެދެމީހުންނަށްވުރެން ކުރިން އެ ގޮނޑީގެ ކައިރިއަށް ހުއްޓުނެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުޖެހިލީ ގޮނޑި ކުރިއަށް ދުއްވައިލި ވަގުތު މުޖްތަބާ އަތް ހިއްލައިލައި އެކަން މަނާ ކުރުމުންނެވެ.

"ނަދާލް.. ދަރިފުޅާ.." މުޖުތަބާ ގޮވައިލުމާއެކު ނަދާލް މަޑުމަޑުން އެ ގޮނޑީގެ އަތްގަނޑުގައި ހިފެހެއްޓިއެވެ. މައިޝާންއަށް ޖެހުނީ ފަހަތަށް ޖެހިލާށެވެ. އޭނާއާއި ނަދާލްއާ ދެމެދު ވާހަކަ ނުދެކެވުނު ނަމަވެސް ކާފަ ބޭނުންވާގޮތް ދެމީހުންނަށްވެސް އެނގުނެވެ. މައިޝާންއަށް ހިތްހަމަނުޖެހިފައި ބަލައިލެވުނީ އެތަނުގައި ތިބި ޒީނިޔާއާއި މުރުޝިދަށެވެ. އެމީހުންގެ މޫނުމަތިންވެސް މާޔޫސްކަމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. ނަދާލްމެން ކާރުގައި ނައްޓައިލުމުން ޒީނިޔާއާއި މުރުޝިދުވެސް ގެއަށް ދިޔުމަށްޓަކައި މައިޝާންއާއެކު ކާރަށް އެރިއެވެ.

"ނެޑް މަޑުކޮށްބަ!! މަލްއަށް ޑްރޮޕްއެއް ދޭނަން ދޯ ކޮލެޖްއަށ" މަލަކްވެސް ނަދާލްގެ ފަހަތުން ދުއްވައިގަތެވެ.

"މަންމައަށް ފެނުނުދޯ ކާފަ ހެދިގޮތް؟ އަހަރެންނަށްވުރެން ކޮންގޮތަކުންތަ ނަދާލް ކާފައާ ގާތްވާނީ؟ ބައްޕައަކަށް އަދިވެސް ނުފެންނާނެ އެއްވެސް މައްސަލައެއް!" މައިޝާންގެ ޝަކުވާތައް ފަހަތު ސީޓުގައިތިބި ޒީނިޔާއާއި މުރުޝިދަށް އިއްވައިލިއެވެ. މުރުޝިދު ވަކި ޖަވާބެއް ނުދީ އިން ނަމަވެސް ޒީނިޔާ ލޯ އަޅައިލުމުން އެއްޗެކޭ ބުނަން މަޖުބޫރުވިއެވެ.

"ކާފަ ކަންތައްކުރަނީ އިންސާފަށް ނޫންކަން އަހަރުމެންނަށްވެސް އެނގޭ. އެކަމަކު މައިޝާންއަށް ނަދާލްއޭ ކިޔާފަ އެ ޝަކުވާ ކުރެވެން އެބައޮތްތަ؟ ނަދާލް އެ އުޅެނީ ކުޑަ އިރުއްސުރެން ކާފަ ބުނާހާ ބަހެއް އަހައިގެން. ކާފަ ބުނި އެއްޗެއް ކިޔަވައިގެން ބުނި މަސައްކަތެއްކުރަން ތައްޔާރުވެގެން. އިންނަންވެސް އެ އުޅެނީ ކާފަ ރުހި ގަބޫލުވި ކުއްޖާއާ.. އެހެނޭ ކިޔާފަ މައިޝާން ކުރީ ކީއް؟ ވިޔާނުދާ އަންހެނަކާ ހިތާވެގެން—"

"ސްޓޮޕް އިޓް ޑޭޑް. ކާފަގެ ލޯތްބާއި އިތުބާރު ހޯދާށޭ ކިޔާފަ އަހަރެންނަކަށް ކާފަގެ އަޅަކަށް ވެގެން ނޫޅެވޭނެ. އެންޑް ކިޔާއަކީ ތި ހީކުރާކަހަލަ ކުއްޖެއް ނޫނޭ.. އަހަރެންނަށް އެނގެޔޭ ހުރިހާވެސް މައްސަލައަކީ ނަދާލްގެ ގަރލްފްރެންޑާ އެއްވަރަށް ކިޔާ ރިޗް ނޫންވީމަކަން!" މުރުޝިދުގެ ވާހަކަ މެދުކަނޑައިލަމުން މައިޝާން އަވަސްވެގަތީ ކިޔާރާ ދިފާއުކުރުމަށެވެ.

"އެއީއެއް ނޫނޭ މައްސަލައަކީ ދަރިފުޅާ މައިޝާން.. މަންމައަކަށްވެސް ކާފަ ކަންތައްކުރާގޮތެއް ކަމަކުނުދޭ. އެކަމަކު ބައްޕަ ކިޔާރާއޭ ކިޔައިގެން އެ ދައްކަނީ ދޮގު ވާހަކައެއްނޫނެއްނު؟ ކުރީ ދުވަހުއެއްނޫންތަ މައިޝާން އުޅުނީ ކިޔާރާ ޑްރަގާއެއްކޮށް ބަންދުކޮށްގެން އޭނަ އެކަންތައްގަނޑުން ނެރެން ބޮޑުބޭބެ ކައިރިއަށްގޮސް" މައިޝާން ކިތަންމެ ދޮންފުތުކޮށްފައި އުޅުނަސް ޒީނިޔާއަކަށްވެސް ކިޔާރާގެ އުޅުން ކަމަކުނުދެއެވެ.

"މޯމް ޕްލީޒް.. އެއީ ކިޔާގެ ކަމެއް ނޫނޭ. ކިޔާގެ ފްރެންޑްސް ބުނީމަ ކިޔާ އެ ޕަރޓީއަށް ދިޔައީ. އެކަހަލަ ކަމެއް ވާނެކަމަށް ވިސްނާފައެއް ނޫންދޯ ދާނީވެސް. އެހެންނޫނަސް ކިޔާ ޑްރަގްސްއަށް ޕޮޒިޓިވްއެއްވެސް ނުވެއެއްނު" މައިޝާން ރައްދުދިނެވެ.

"މައިޝާނަކަށް ދުވަހަކުވެސް ކިޔާރާގެ އުނިސިފައެއް ނުފެންނާނެ. އެރޭ ނަސީބު ކަންދިމާކުރިގޮތުން އޭނައަށް އެ އެއްޗެއް ބޭނުން ނުކުރެވުނަސް އޭނައަކީ ތިބުނާހާ ރަނގަޅު ކުއްޖެއްނަމަ އެކަހަލަ ރައްޓެހިން ތިބޭނެތަ؟ މައިޝާންގެ ތިހުންނަނީ ސިކުނޑިއެއްތަ ނޫނީ މީދާ ކެއި އުނބެއްތަ؟" މުރުޝިދުގެ އަޑަށް ރުންކުރުކަން ވެރިވާންފެށިއެވެ. މައިޝާން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިޔާލު ދޫކޮށްލުމަށްފަހު ކުއްލިއަކަށް ކާރުގެ ދުވެލި މަޑުޖައްސައިލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ބްރިޖުން ފައިބައިގެން މާލޭގެ ބޮޑުތަކުރުފާނުމަގަށް އާދެވިފައެވެ. ކާރޫބާރޫބޮޑު އެ މަގަށް އެއްވެސް އިންޒާރަކާނުލައި ހުއްޓައިލި ކާރުން މައިޝާން ފޭބީ މުރުޝިދާއި ޒީނިޔާ ގޮވަގޮވައި އޮއްވައެވެ. އެއީ މައިޝާން އަބަދުވެސް ކަންކުރާ ގޮތެވެ. ކިޔާރާގެ ކަމަކާ ދެބަސްވާ ކޮންމެފަހަރަކު ގެއިން ނުކުމެގެންދާ އުސޫލުން މިފަހަރު ކާރުންވެސް ނުކުމެގެން ދިޔައީއެވެ. މާލޭގެ ހާލަތު ހުންނަގޮތުން ކާރުގެ ފަހަތަށް ދުއްވާއެއްޗެހިތައް ޖަމާވާން މާ އިރެއް ނުނަގާނެކަން އެނގި މުރުޝިދު ހިތާހިތުން މައިޝާންއަށް ކުދިކިޔަމުންގޮސް މައިޝާން ދޫކޮށްލާފައިދިޔަ ޑްރައިވަރު ސީޓަށް އަރައި ކާރު ދުއްވައިލިއެވެ.

"ޒީނިޔާއަށް ފެނޭދޯ އެބަ އޭނަގެ ކަންތައްތައް ގޮސްފަ ހުރި ހިސާބު؟ އަބަދުވެސް އެހެންމީހުންގެ ގޯސް ފެންނާނީ؟ ކާފަ ނޫނީ ބައްޕަ ނުކޮށްދީފަ އޮތް ކަމެއް! މީ ހަމަ ޒީނިޔާ ކުރާ ކަންތައްތަކޭ! ކުޑަ އިރުއްސުރެން އޭނަ ހިތު ހުރިހާ ގޮތަކަށް ކަންތައްވާން ދޫކޮށްލީ. ފާސްނުވީމަ ޓީޗަރު ގޯސްކޮށްފަ! ކިޔަވަންދާން ބޭނުން ނުވީމަ އޭނައަށް ވިސްނެން ވަގުތު ދޭނީއޭ ކިޔާފަ އެކަމަށްވެސް ދިނީ ތަރުހީބު! ނޫންތަ؟ އެއްކަމެއްވެސް ކުރަން ބޭނުންނުވެގެން އެ އުޅެނީ ހަމަ އެ ކިޔާރާގެ ފޫބުޑުން ދުރަށް ޖެހިލަން ޖެހިދާނެތީ!" މުރުޝިދު ހުރިހާ ކަމެއްގައި ޒީނިޔާ ކުށްވެރިކުރަމުންދިޔައެވެ. ޒީނިޔާ އިޚްތިޔާރުކުރީ ހިމޭންކަމެވެ. އޭނާ ލޯބިން މައިޝާން ހަލާކު ކުރަނީ ކަމަށް އެބުނާ ބަސްތަކަކީ މައިޝާންގެ އުމުރުން މިވީ ފަންސަވީސް އަހަރުގެ ތެރޭގައި އޭނާއަށް މުރުޝިދުގެ ފަރާތުން އިވިއިވި ބާވެފައިވާ ބަސްތަކެކެވެ.

ހަވީރުގެ ހަލަބޮލި ވަގުތެވެ. ސަފަޔަރ މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ކުރިމައްޗަށް ހުއްޓައިލި އަޅިކުލައިގެ ކާރުން މަލަކް ފޭބިއިރު އޭނާ ދިޔައީ ކަންފަތުގައި ޖަހައިގެންހުރި ފޯނުން މައިރާއާ ވާހަކަ ދައްކަމުންނެވެ. ޑްރައިވަރު ސީޓުގައި އިން ނަދާލްއަށް ހަނާ އަޅައިލުމަށްފަހު ކޮލެޖަށް ވަނުމަށްޓަކައިހުރި ހަރުފަތްތައް ގިރާކުރަން ފެށިއިރުވެސް އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ފޯނުން ދައްކަމުންދިޔަ ވާހަކައަށެވެ.

"މަންމަ ބޭނުމެއްނުވޭ އަހަރެން ގެއިން ބޭރަށްވެސް ޖެހިލާކަށް. ދެން ކިހިނެއް މައި ކައިރިއަށް ކިޔަވަންދާނީ؟ އެހެންނޫނަސް މިކޮޅުގެ ސަފަޔަރ ކަހަލަ ޔުނިވަރސިޓީތަކުގެ ބިޒްނަސް ސްކޫލްތައްވެސް މިހާރު ފެންވަރުދަށެއް ނޫނޭ. އޯކޭ މައި.. މިހާރު މި އާދެވުނީ ކްލާހަށް ދެން ބާއް"

މަލަކްގެ ވާހަކަ މެދުކެނޑުނީ ކޮލެޖްގެ މައިދޮރުން ނުކުމެގެން އައި މީހަކު ވަރަށް ބާރަށް އޭނާގެ ކޮނޑުގައި ޖެހިގަތުމުންނެވެ. އެއާއެކު އެއްކޮނޑުގައި އަޅުވައިފައި އޮތް ދަބަހާއި ކަންފަތުގައި ޖަހައިގެންހުރި ފޯނުވެސް އޭނާގެ އަތުން ދޫވެގެން ވެއްޓުނެވެ. މަލަކް ފަސްއެނބުރި ބަލައިލިއިރު މަލަކްގެ ދަބަހާއި ފޯނު ބިންމަތިން ނަގައިދިނުމަށްޓަކައި އެ ޒުވާނާ ކުޑަކަކޫމައްޗަށް ތިރިވެލަނީ އެވެ. މަލަކްއަށް ހުރެވުނީ އެ ޒުވާނާއަށްވުރެން ދެތިން ހަރުފަތުގެ މަތީގައިކަމުން އެ އެއްޗެހި ހިފައިގެން ތެދުވި އިރުވެސް މަލަކްއަށް އެޒުވާނާގެ މޫނު ފެންނަގޮތެއް ނުވި އެވެ. ނަމަވެސް ކުއްލިއަކަށް އެ ޒުވާނާ އިސްއުފުލައިލައި މަލަކްއާ ހަތަރުކަޅި ހަމަކޮށްލުމުން ހަމަރަނގަޅަށްވެސް މަލަކް ސިހުނެވެ. ދެލޯ ބޮޑުކޮށްލައިގެންހުރެ އެ ޒުވާނާއަށް ބަލަމުންދިޔަގޮތުން އެއީ އޭނާ ދަންނަމީހެއްކަން އެނގެ އެވެ. އޭނާ ފެނުމާއެކު އެ ޒުވާނާގެ ދެބުމަ ގޮށްޖެހިގެން ދިޔަގޮތުން މަލަކްގެ މޫނަކީ އެ ޒުވާނާއަށްވެސް ބީރައްޓެހި މޫނެއްނޫންކަން ސާފުވިއެވެ. އަވަސްހަރަކާތަކާއެކު އެ ޒުވާނާގެ އަތުގައި އޮތް ދަބަހާއި ފޯނު މަލަކްގެ އަތަށް ލައިދިނުމަށްފަހު އޭނާ މަލަކްއަށް ފަސްދީ ހިނގައިގަތެވެ. މަލަކްވެސް ފާޑަކަށް ދެކޮނޑު އަރުވައިލުމަށްފަހު ކޮލެޖަށް ވަނުމަށް ހިނގައިގަތެވެ.

ސިޑީގެ އެންމެ ތިރީ ހަރުފަތާ ހިސާބަށް ދެވުނު އިރު އިދާން މަޑުމަޑުން އޭނާގެ ބޮލުގައި ދެފަހަރަކު ޖަހައިލި އެވެ. ދުރު ހަނދާނެއް ކުރަން އުޅޭ ފަދައަކުން ދެލޯ މަރައިލި އެވެ. އެ ކުއްޖާއާ ބައްދަލުވެފައިވަނީ ކޮންތާކުން ކަމާމެދު ވިސްނައިލާކަށް އިދާންއަކަށް މާ ގިނަވަގުތެއް ނުނެގި އެވެ. އޭނާ ހޯދަމުން އެ ދާ ތަސްވީރު ސިކުނޑީގައި ކުރެހިއްޖެ އެވެ. އާނއެކެވެ. އެއީ ހަމަ އެ މޫނެވެ. އެ ފުން ދެލޮލާއި ޖަންބުކުލަ އަރާ ކޯތާފަތާއި ލަދުރަކި ހިނިތުންވުމެވެ. ކަނދުރާއާ ހަމައަށް ކޮށާލެވިފައިވާ ފަށުވިކޮޅެއްހާ ފަން އިސްތަށިގަނޑެވެ. އެފަދަ ފަތްމިންޏެއްގެ ތަސްވީރު އެހާ ފަސޭހައިން ސިކުނޑިން ފޮހެވިގެންދާނީ ކިހިނެއް ހެއްޔެވެ؟ އިދާންއަށް އޭނާގެ ފިޔަވަޅުތައް ހުއްޓައިލެވުނެވެ. ބޭއިހުތިޔާރުގައި ފަސްއެނބުރި މަލަކްއާ ދިމާލަށް ހިނގައިގަނެވުނުއިރު މަލަކް ވެސް އަނބުރާލާފައި އަންނަނީ އެވެ.

"ހާއި" "ހޭއި" ސިޑިބަރީގެ މެދެއްހާ ހިސާބުން ބައްދަލުވިހިނދު ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ.

"ކުރީރޭ ބަހުން.." ދެންވެސް ދެމީހުންނަށް ވާހަކަދެކެވުނީ އެކުއެކީގައެވެ. ދެމީހުންގެ ފަރާތުންވެސް ލުއި ހުނުމެއްގެ އަޑުއިވުނެވެ.

"ޔޫ ގޯ ފަސްޓް" މަލަކް އިޝާރާތްކުރި އެވެ.

"ތޭންކްސް ފޯ ދެޓް.. ބަހުގަ ވީ ކަންތައް އެންޑް... އެންޑް ސޮރީ ފޯ ޓުޑޭ.. މިބުނީ ދެންމެ ވީ ކަންތައް" އިދާން ޖެހިލުންވެފައިހުރެ ވާހަކަ ދެއްކި އެވެ. މަލަކްއާ ހަތަރުކަޅި ހަމަނުކުރަން އުޅޭގޮތުން ހީވީ ދެންމެ ދެންމެ އޭނާ އެ ހުރިތަނަށް ލަދުން ވިރިދާނެހެނެވެ. މަލަކްއަށް ޝައުގުވެރިކަމާއެކު އިދާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. މިއީ ހަމަ ކުރީ ރޭ އޭނާއާ އެ ބަހުން ދިމާވި "ނުރައްކާތެރި" ޒުވާނާ ހެއްޔެވެ؟ މާލެފަދަ ބައިބޯ ތަނެއްގައި އެހާއަވަހަށް މި ޒުވާނާއާ ދެވަނަ ފަހަރަށް ބައްދަލުވުމަކީ ހަމަ އިއްތިފާގެއް ބާއެވެ؟

"އެއީ އެހާވަރު ކަމެއްނޫން މަލަކް ހިޔަ" މަލަކް ހިނިތުންވެފައިހުރެ އެ ޒުވާނާއަށް ސަލާމުގެ އަތެއް ދިއްކޮށްލިއެވެ.

"އިދާން" މަލަކްގެ ސަލާމާއި ހިނިތުންވުން ރައްދުކޮށްލި ވަގުތު އިދާންގެ ކޯތާފަތަށް އެޅިގެންދިޔަ އަޑިކޮޅު މަލަކްގެ ލޮލުގައި އަޅައިގަތެވެ. އެ ހިތްގައިމު ހިނިތުންވުން މަލަކްގެ ހިތުގެ ކަނެއްގައި ރައްކާކުރެވިއްޖެއެވެ. އިދާން މަލަކްއަށް ވަދާއުގެ ހަނާ އަޅައިލުމަށްފަހު ސިޑިބަރިން ފައިބައިގެން ދިޔައިރުވެސް މަލަކްއަށް ހުރެވުނީ ގެއްލިފައެވެ.

ދެ އަހަރު ފަސް