10 އޭޕްރީލް 2025 - 09:46 0
ލީވާން އަލީ ނާސިރު
ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ދިނުން: އެ ކުންފުނިން ހިދުމަތް ހޯދުމަށްފަހު 59 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން ވަނީ ހާމަވެފައި -- ފޮޓޯ: އަދަދު ފައިލް
10 އޭޕްރީލް 2025 - 09:46 0
މާލެ ސަރަހައްދުގައި ވެމްކޯއިން ދޭ ކުނީގެ ހިދުމަތާއި ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް ކުރާ ބިލް އެއްކޮށްލުމުގެ ކުރިން ވެމްކޯ އިން ހިދުމަތް ހޯދުމަށްފަހު 59.62 މިލިއަން ރުފިޔާ އެ ކުންފުންޏަށް ނުދައްކާ އޮތްކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދަކު ހުށަހެޅި އާރްޓީއައިއަކަށް ޖަވާބު ދެމުން ވެމްކޯ އިން ބުނީ ވެމްކޯގެ ބިލުތައް ސްޓެލްކޯގެ ބިލުތަކާއި އެއްކޮށްލުމުގެ ކުރިން ގޭބިސީތަކުން 49.88 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށެވެ.
ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުން ވެމްކޯއަށް އެ މުއްދަތާ ހަމައަށް 9.73 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް ވެސް ވެމްކޯ އިން ޖަވާބު ދިން އާރްޓީއައިގައި ވެމްކޯއިން ބުންޏެވެ.
ވެމްކޯއަށް ގޭބިސީތަކުން ދައްކަން ޖެހޭ ފައިސާ ހޯދުމަށް ބިލުތައް ދައްކަން ޖެހޭ މީހުންނަށް ސިޓީގެ ޒަރީޔާއިންނާއި ފޯނު ކޮށްގެން އަދި އެސްއެމްއެސް މެދުވެރިކޮށް ފައިސާ ދައްކާ ހަލާސް ކުރުމަށް އަންގާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން ބައެއް ތަންތަނުން ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ވެމްކޯ އިން ފާހަގަކުރެ އެވެ.
ނަމަވެސް ވެމްކޯއިން ބުނީ ފައިސާ ނުދައްކާ ހުރި ކޮމާޝަލް ތަންތަނަށް ފައިސާ ނުދައްކާ ހުރި އަދަދުތައް ދައްކާ ހަލާސް ކުރުމަށް ނޯޓިހާއި އެކު މުހުލަތެއް ދީފައިވާ ކަމަށެވެ.
އެގޮތުން މުހުލަތު ހަމަވުމަށްފަހު ވެމްކޯއިން ރަސްމީ ސިފައެއްގައި ކޯޓު މެދުވެރިކޮށް ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯގެ ކަރަންޓު ބިލާއި ވެމްކޯ ބިލު ކުނި އެއްކޮށްލަން މޭއި 28، 2023، ގައި އެއްބަސްވުމެއްގައި އެ ދެ ކުންފުނި ސޮއިކޮށް، ޖޫން 1، 2023، އިން ފެށިގެން ކަސްޓަމަރުންނަށް ފޮނުވާ ކަރަންޓު ބިލުގައި ކުނި ބިލު ހިމަނައިގެން ފޮނުވަން ފެށި އެވެ.
Comment