about 2 hours 0
ލީވާން އަލީ ނާސިރު
އައިޖީއެމްއެޗް ހޮސްޕިޓަލް: ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވިގެން އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން -- ފޮޓޯ: އަދަދު
about 2 hours 0
ހަމަކުން ޑީސަލް ނަގަންވެގެން އެއަށް ހޮޅިއެއް ލައި އަނގަޖަހައި ދަމާލި ވަގުތު ގދ. ދިޔަދޫގެ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް ޑީސަލް ބޮވިގެން ހާލު ދެރަވެ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި އިއްޔެ ފަރުވާދޭން ފަށައިފި އެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލް ޝުއާއު ހަނީފް އަދަދު އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ޑީސަލް ހުރި ހަމުން އެއްޗަކަށް ތެޔޮ އަޅަންވެގެން ހަމަށް ހޮޅި ލައްވައި ދަމާލި ވަގުތު ޑީސަލް ބޮވިގެން ކަމަށެވެ. އެ މުވައްޒަފަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާލެ ގެނައީ ހާލު ދެރަވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މުވައްޒަފު އަމިއްލައަށް އެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ހޮޅީގައި އަނގަޖަހާލި ގަޑީގައި އެތެރެއަށް ތެޔޮ ގޮސްގެން ގެއްލުން ލިބިފައިވަނީ. އެހެންވެ ހާލު ދެރަވެގެން ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާލެ ގެނެސް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުންދަނީ،" އޭނާ ވިދާޅުވި އެވެ.
ޝުއާއު ވިދާޅުވީ ވެމްކޯގެ ސައިޓުތަކުގައި މަސައްކަތް ކުރުމަށް ކޮންމެހެން ބޭނުންވާ ސާމާނުތައް އަބަދުވެސް ހުންނާނެ ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވީ މުވައްޒަފުގެ މަސައްކަތް އަވަސް ކުރުމަށް އަމިއްލައަށް ކުރި ކަމަކުން ކަމަށެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވާ މުވައްޒަފުގެ އާއިލާ މީހުން ވެސް މާލެ ގެނެސް މުވައްޒަފުގެ ފަރުވާއަށް ހިނގާ ހުރިހާ ހަރަދެއް ވެމްކޯއިން ކުރަމުން ގެންދާ ކަމަށް ޝުއާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުވައްޒަފުގެ ހުރިހާ ކަމެއް ވަރަށް ގާތުން ވެމްކޯއިން ބަލަމުންދާ ކަމަށެވެ.
Comment