ސީދާ ދެ ގޭމުން ލޮރެންޒޯ ބަލިކޮށް ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯދައިފި

7 އޭޕްރީލް 2025 - 07:41 0

މުހައްމަދު ޝަހްޒާން

މ


ސީދާ ދެ ގޭމުން ލޮރެންޒޯ ބަލިކޮށް ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯދައިފި

7 އޭޕްރީލް 2025 - 07:41 0

ސީދާ ދެ ގޭމުން ފައިނަލް މެޗު ކާމިޔާބުކޮށް ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ދި ފުޓްސަލް ޓައުން (ޓީއެފްޓީ) އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ޓީއެފްޓީން ޗެމްޕިއަންކަން ހޯދީ، ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި މި ފަަހަރު އެޅި ތަފާތު ބައިބަލާ ރިންގުގައި ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް މެޗުގެ ދެ ގޭމު ވެސް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ގޭމުގައި އެތެރެއިން ކުޅެން އަރައި ޓީއެފްޓީން ވަނީ ވަގުތު ހަމަވިއިރު، ނަތީޖާ ބޭރަށް އެނބުރުނަ ނުދީ ހިފަހައްޓައިފަ އެވެ.

ބައިބަލާގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ތިބި ލޮރެންޒޯ އަށް ފުރަތަމަ ގޭމުގެ ހަ މިނެޓު ތެރޭގައި ނުބައި ކުރެވުނީ ޓީއެފްޓީގެ އެންމެ ތިން ކުޅުންތެރިންނެވެ.

ދެ ވަނަ ގޭމުގައި ބޭރުން ކުޅެން އަރައި ޓީއެފްޓީން ވަނީ ތިން މިނެޓު 50 ސިކުންތު ބާކީ އޮއްވައި ލޮރެންޒޯގެ ފަސް ކުޅުންތެރިން ނުބައިކޮށްގެން ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ޓީއެފްޓީ ފައިނަލަށް ދަތުރު ކުރީ މިފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަކޮށް ނުކުތް، ކުލަބު ކާސިންޖީގެ މައްޗަށް ސެމީގައި ކުރި ހޯދައިގެންނެވެ. ލޮރެންޒޯ ފައިނަލަށް ދަތުރު ކުރީ މުބާރާތުގައި މުޅީން އަލަށް ވާދަކުރި ޒެޕޯގެ މައްޗަށް ގަދަ ހިފުމުން ކުރި ހޯދައިގެންނެވެ.

މި ފަހަރުގެ ބައިބަލާ ޗެލެންޖުގައި ޖުމްލަ އެކު، 29 ޓީމެއް ވާދަކުރި އެވެ.

ވިލިމާލެ އަށް ނިސްބަތްވާ، ޓީއެފްޓީ އަކީ، 1996 ވަނަ އަހަރުން ފެށިގެން، ފިތުރު އީދުގައި، ބައިބަލާ އެސޯސިއޭޝަނުން ބާއްވާ، ބައިބަލާ ޗެލެންޖް ކާމިޔާބު ކުރި ތަފާތު 11 ވަނަ ޓީމެވެ. އެ ޓީމުގެ މި ކާމިޔާބީ ހާއްސަަވަނީ ބައިވެރިވި ފުރަތަމަ ފަހަރު ވެސް ތަށި ހާސިލްކުރުމުންނެވެ.

މި ފަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަންކަން ހޯދި، ޓީއެފްޓީގެ ހަސަން ތައުހީދު (ތައު)ގެ އިތުރުން، އިޖާބަތު ލަތީފް، މުހައްމަދު ރިލްވާން (ބުޅާ މޯޑް)، އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި)، ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނިޝާން (އަބޯ)، އަހުމަދު ރަސްލާން (ރަސޭ)، ކުޑަހެންވޭރު ލަޔަންސްގެ މުހައްމަދު ނާސިހު އަސްޖަދު، މުހައްމަދު ޝަޔާމް އަލްސަން، ސީކޭގެ އަހުމަދު މުހައްމަދު (އަންމަޑޭ) އަދި ޒެޕޯގެ އަހުމަދު ރަނީން އެވެ.

މި އަހަރުގެ މިސްޓަ ބައިބަލާ އަށް ހޮވުނީ، މި މަގާމު ތިން ވަނަ ފަހަރަށް ހޯދި ލޮރެންޒޯގެ އަބޯ އެވެ. އަބޯ ވަނީ މީގެ ކުރިން، 2012 އާއި 2015 ވަނަ އަހަރު މިސްޓަ ބަައިބަލާގެ ޝަރަފް ހޯދައިފަ އެވެ.