ސަހަރާގައި އެޅި ބައިބަލާ ކޯޓާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އުސްފަސްގަނޑުގައި ރައީސް ބައިބަލާ ކޯޓެއް އަޅައިދީފި

20 މާރިޗު 2025 - 04:29 0

މުހައްމަދު ޝަހްޒާން

މ

ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވައިގެން އުސްފަސްގަނޑުގައި އެޅި ބައިބަލާ ކޯޓު -- ފޮޓޯ: ސިޓީސް މިނިސްޓްރީ


ސަހަރާގައި އެޅި ބައިބަލާ ކޯޓާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އުސްފަސްގަނޑުގައި ރައީސް ބައިބަލާ ކޯޓެއް އަޅައިދީފި

20 މާރިޗު 2025 - 04:29 0

މާފަންނު ސަހަރާގެ ސާފުކޮށްފައި އޮތް ބިމުގައި ބަޔަކު ބައިބަލާ ކޯޓެއް އެޅުމުން އާންމުންގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އުސްފަސްގަނޑުގައި ބައިބަލާ ކޯޓެއް އަޅައިފި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސްގެ އެންގެވުމުގެ މަތިން އުސްފަސްގަނޑުގައި ބައިބަލާ ކޯޓު އެޅީ ލޯކަލް ގަވަމެންޓް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނީ ބައިބަލާ ކޯޓުގެ މަސައްކަތް އެ މިނިސްޓްރީން ކުރަން ފެށީ އިއްޔެ ހެނދުނު ކަމަށާއި ރޭގެ ނިޔަލަށް އެ ކޯޓުގައި ބައިބަލާ ކުޅެވޭ ވަރަށް އެ ތަނުގެ މަސައްކަތް ނިންމަފައި ވާނެ ކަމަށެވެ.

ސަހަރާގެ ސާފުކޮށްފައިވާ ބިމުގައި ބަޔަކު ބައިބަލާ ކޯޓެއް އެޅި މައްސަލަ ހޫނުވީ އެ ކޯޓުގެ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުންނެވެ. މާފަންނު ސަހަރާގައި ބައިބަލާ ކޯޓެއް ބަޔަކު އެޅިއިރު، އެ ތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލުންނެވެ.

އެކަމާ ގުޅިގެން އާންމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ މާލޭގެ މޭޔަރު، އާދަމް އާޒިމް އަށެވެ. ނަމަވެސް އެކަމާ ގުޅިގެން އަދަދު ނޫހުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން އެ ތަނުގައި ކުރަމުންދަނީ ސަހަރާ ސާފުކުރުމުގެ މަސައްކަތް ކަމަށެވެ. އެ ތަނުގައި ބައިބަލާ ކޯޓެއް އެޅުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަން އެނގުނު ހިސާބުން އެތަން ނަގާ ސާފުކޮށްފަ ވާނީ. ސިޓީ ކައުންސިލުން ހުއްދަ ދީގެން ކުރި ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

މާފަންނު ސަހަރާ ސާފުކުރަން ސިޓީ ކައުންސިލުން ނިންމީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރަން ޕާކިން ޒޯނެއް ހެދުމަށެވެ. ނަމަވެސް އާންމުންނާއި ތާރީހު ދިރާސާކުރާ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އަޑުއުފުލަމުންނެވެ.

މާފަންނު ސަހަރާގައި އެންމެ ފަހުން މީހުން ވަޅުލީ 90 ގެ ފަހު އަހަރުތަކުގެ އެވެ. އެ ތަނަކީ ތާރީހީ ގޮތުން ވެސް ހާއްސަ ތަނެކެވެ. ނޮވެމްބަރު 3، 1988، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން އެތަނުގައި ވަޅުލާފައިވެ އެވެ.