4 އޭޕްރީލް 2025 - 21:03 0
މުހައްމަދު ޝަހްޒާން
ބައިބަލާ ޗެލެންޖުގައި މިރޭ ޓީއެފްޓީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން/ ފޭސްބުކް
4 އޭޕްރީލް 2025 - 21:03 0
އީދު ބައިބަލާ ޗެލެންޖުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ޓީއެފްޓީ، ލޮރެންޒޯ، ކާސިންޖީ އަދި މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ޒެޕޯ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސެމީގެ ފުރަތަމަ ޖާގަ ޓީއެފްޓީ ހޯދީ ބައިބަލާގައި ވަރުގަދަ ނަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީސީ ސްޕޯޓްސް ކުލަބު ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ގުރު ދިމާވެގެން ފުރަތަމަ ބޭރުން ކުޅުނީ ޓީއެފްޓީ އެވެ.
މެޗުގެ ފުރަތަމަ ގޭމުގެ ނަތީޖާ ޓީއެފްޓީން އަނބުރާލީ ގޭމު ނިމެން ބާކީ އަށް ސިކުންތަށް ވެފައި ހުއްޓަ އެވެ. ދެވަނަ ގޭމު ޓީއެފްޓީން ކާމިޔާބު ކުރީ ޓީސީގެ ނުވަ ކުޅުންތެރިން ނުބައިކޮށްގެންނެވެ.
ސެމީގެ ދެވަނަ ޖާގަ ލޮރެންޒޯ ސްޕޯޓްސް ކުލަބުން ހޯދީ ފަސޭހަ ކަމާއެކު އެލްޓީ ސްޕޯޓްސް ކުލަބު ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. ފުރަތަމަ ގޭމު ލޮރެންޒޯއިން ކާމިޔާބު ކުރީ ބޭރުން ކުޅުނު އެލްޓީގެ ހުރިހާ ކުޅުންތެރިން ހަތަރު މިނެޓު ތެރޭގައި ނުބައިކޮށްގެނެވެ. ދެވަނަ ގޭމުގެ ދޮޅު މިނެޓު ބާކީ ހުއްޓައި ނަތީޖާ ހަމަހަމަވުމުން އެތެރެއިން ކުޅުނު އެލްޓީން ދޫކޮށްލީ އެވެ.
މިރޭގެ އެންމެ ފޯރިގަދަ މެޗުގައި ބައިބަލާގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީގެ ތިންވަނަ ޖާގަ ކަށަވަރު ކުރީ މިދިޔަ އަހަރުގެ ރަނާއަޕް، ކުލަބު ކާސިންޖީ އެވެ. އެ މެޗުގެ ފުރަތަމަ ދެ ގޭމު ނިމުނީ ކޮޅަކަށް ގޭމެއް ލިބިގެންނެވެ. ނަތީޖާ ނެރުނީ ގަދަ ހިފުމުގެ ފަހު ހިފުމަކަށް ގޮސްގެންނެވެ.
މިރޭގެ އެންމެ ފަހު މެޗުގައި ކުޑަހެންވޭރު ލަޔަންސްއާ ދެކޮޅަށް ކުޅެގެން ސީދާ ދެ ގޭމުން މެޗު ކާމިޔާބު ކުރީ ޒެޕޯ އެވެ. މިއީ ޒެޕޯ މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި ނަތީޖާއާއެކު ސެމީ ފައިނަލުގައި ލޮރެންޒޯ ނުކުންނާނީ ޒެޕޯއާ ދެކޮޅަށެވެ. ކާސިންޖީ އާ ސެމީގައި ވާދަ ކުރާނީ ޓީއެފްޓީ އެވެ. މިއީ، މީގެ ކުރިން ބައިބަލާގެ ޗެމްޕިއަންކަން ލިބިފައި ނުވާ ހަތަރު ޓީމެވެ.
މި ފަހަރުގެ ބައިބަލާ ޗެލެންޖުގައި ޖުމްލަ އެކު، 29 ޓީމެއް ވާދަކުރި އެވެ. މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment