އެމެރިކާއިން ޓެރިފް ބޮޑުކުރި 60 ގައުމު ޓްރަމްޕް އިއުލާންކޮށްފި

3 އޭޕްރީލް 2025 - 01:41 0

ލީވާން އަލީ ނާސިރު

ލ

ޑޮނަލްޑް ޓްރަމްޕް: ޓެރިފް ބޮޑުކުރި ގައުމުތައް ވަނީ އިއުލާން ކުރައްވާފައި -- ފޮޓޯ: ރޮއިޓާސް


އެމެރިކާއިން ޓެރިފް ބޮޑުކުރި 60 ގައުމު ޓްރަމްޕް އިއުލާންކޮށްފި

3 އޭޕްރީލް 2025 - 01:41 0

އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރާ 60 ގައުމުގެ ލިސްޓު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައި، އެކަން ތަންފީޒުކުރާ އަމުރުގައި ސޮއިކުރައްވައިފި އެވެ.

ޓެރިފް ބޮޑުކުރާ ގައުމުތަކުގެ ލިސްޓު އިއުލާންކުރަން ވައިޓް ހައުސްގެ ރޯސް ގާޑަންގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް މުދާ އެތެރެކުރާ ގައުމުތަކަށް ޓެރިފް ބޮޑުކުރުމަކީ އެ ގައުމުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ދުވަހަކަށް ވާނެ ކަމަށެވެ.

އެގޮތުން އެޕްރިލް 2، އަކީ ގައުމަށް އައު އުންމީދުތަކެއް ގެނެސް އަމިއްލަ ފައިމައްޗަށް ތެދުވާން ލިބުނު ފުރުސަތަކަށް ވެގެންދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

"މީގެ ސަބަބުން ވަޒީފާތަކާއި ފެކްޓްރީތައް އެމެރިކާއަށް އަންނާނެ. މިއީ އެމެރިކާގެ ރަން ދުވަސްތައް އަނބުރާ ގެންނަން ލިބޭ ފުރުސަތެއް. އަހަރުމެން އެނބުރި އަންނާނީ ވަރުގަދަކޮށް،" އޭނާ ވިދާޅުވި އެވެ.

ޓެރިފް ބޮޑުކުރި ބައެއް ގައުމުތައް ޕަސަންޓާ އެކު:

  • ޗައިނާ - 34 ޕަސަންޓު
  • އިންޑިއާ - 26 ޕަސަންޓު
  • ދެކުނު ކޮރެއާ - 25 ޕަސަންޓު
  • ޖަޕާން - 24 ޕަސަންޓު
  • ޓައިވާން - 32 ޕަސަންޓު
  • އިނގިރޭސިވިލާތް - 10 ޕަސަންޓު
  • ވިއެޓްނާމް - 46 ޕަސަންޓު
  • ސްވިޒަލޭންޑް - 31 ޕަސަންޓު
  • ކެމްބޯޑިއާ - 49 ޕަސަންޓު
  • ދެކުނު އެފްރިކާ - 30 ޕަސަންޓު
  • އިންޑޮނީޝިއާ - 32 ޕަސަންޓު
  • ބްރެޒިލް - 10 ޕަސަންޓު
  • ސިންގަޕޫރު - 10 ޕަސަންޓު

ޓްރަމްޕް ވިދާޅުވީ ޓެރިފް ބޮޑުކުރި ގައުމުތަކަށް އެމެރިކާގައި އެއްވެސް ޓެރިފަކާއި ނުލައި ތަކެތި އުފެއްދުމުގެ ދޮރު އޮތީ ހުޅުވާލެވިފައި ކަމަށެވެ.

"ޓެރިފް ރޭޓު ސުމެއްގައި ބައިންދަން ބޭނުންވާނަމަ ގައުމުތަކުން އުފައްދާ އުފެއްދުންތައް އެމެރިކާގައި އުފައްދަން ޖެހޭނީ. އޭރުން އެއްވެސް ޓެރިފެއް ނުނަގާނެ،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޓްރަމްޕް ވިދާޅުވީ ގައުމުތަކުން ޓެރިފް ކުޑަކުރަން އަތުވެއްޖެނަމަ، އެ ގައުމުތަކުން ކަނޑައަޅާފައި އޮތް ޓެރިފްތައް ޖެހޭނީ އެ ގައުމުތަކުން ކަނޑައަޅާފައި އޮތް ޓެރިފްތައް އުވާލަން ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން 10 ޕަސަންޓު ޓެރިފް ދައްކަން ޖެހޭނެ ކަމަށާއި އެ އުސޫލު މިހާރު އިއުލާންކުރި 60 ގައުމުގެ ލިސްޓުގެ 50 ގައުމަށް ހިނގާނެ ކަމަށެވެ.

ވީހާވެސް ގިނަ ބިދޭސީން އޮންނަ އުސޫލުގެ ތެރެއިން އެމެރިކާއަށް އައުމަކީ ބޭނުންވާ ގޮތްކަން ފާހަގަކުރައްވާ ޓްރަމްޕް ވިދާޅުވީ ސްޓޮކް މާކެޓް ވެސް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.