ފުޓުބޯޅަ ސީޒަން ލަސްވުމުގެ ބޮޑު ގެއްލުން ޒުވާން ކުޅުންތެރިންނަށް

30 މާރިޗު 2025 - 04:26 0

އަތޫފް އާތިފް

އ


ފުޓުބޯޅަ ސީޒަން ލަސްވުމުގެ ބޮޑު ގެއްލުން ޒުވާން ކުޅުންތެރިންނަށް

30 މާރިޗު 2025 - 04:26 0

ފާއިތުވި ހަތަރު އަހަރަށް ބަލާއިރު ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކުގެ ފުރަތަމަ އެގާރައިގައި ކުޅެފައިވަނީ އެވްރެޖްކޮށް ބަލާއިރު ޒުވާން ކުޅުންތެރިންނެވެ. ދިވެހި ފުޓްބޯޅައިިގެ މަތީ ފަޑީގެ ކަންކަން ހިންގުން އަހަރަކަށް ވުރެ އަހަރެއް ދަށަށްދާއިރު، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅޭ ހުނަރުވެރި ޒުވާން ކުޅުންތެރިން ނުހިފެހެއްޓޭ މައްސަލަ އިންތިހާ އަށް އަންނަނީ ބޮޑުވަމުންނެވެ. އެ ގޮތުން ބަލާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އަހަރަކަށް ވުރެ ގިނަ ދުވަސް ދިގުލައި ގޮސްފައިވާއިރު، ފަސް ވަނަ ފަހަރަށް ސީޒަން މި އޮތީ ފަސްކޮށްފަ އެވެ.

ކެރިއަރުގެ ދެ އަހަރު ފުޓުބޯޅަ ނުކުޅެ ހުންނަން ޖެހުމުން އެކަމުގެ ފަޅުކަން އިހުސާސް ކުރާ ހިނދު، ގިނަ ޒުވާން ކުޅުންތެރިން މި ވަގުތު ތިބީ، ސީޒަން ފަށައިގެން، އެ ކުޅުންތެރިންގެ ޕާފޯމެންސް ދައްކައި، އަލުން ގައުމީ ޓީމުތަކުގައި ހިމެނި ގައުމު ތަމްސީލްކުރަން ބޭނުންވެފަ އެވެ.

ފުރަތަމަ ޑިވިޝަން މެޗެއް ނެތި، ދެ ފަހަރެއްގެ މަތިން، ޖުމްލަ ހަތަރު މެޗު ކުޅެން ޖެހުނު، ސީނިއާ ގައުމީ ޓީމު ކުޅުންތެރިންވެސް ތިބީ ސީޒަން ފަށާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މެޗު ފިޓްނަސް ރަނގަޅަށް ލިބި، ކޮމްޕެޓިޓިވް މެޗުތަކުގައި އަދަށް ވުރެ ވަރުގަދަ ޕާފޯމެންސް އެއް ދައްކަން ބޭނުންވެފަ އެވެ.

ބޮޑު ގެއްލުން ޒުވާން ކުޅުންތެރިންނަށް: ކިހިނެއް؟

ފުޓުބޯޅަ ސީޒަން ލަސްވުމުން އޭގެ އެންމެ ބޮޑު ގެއްލުމެއް ދައްކާނެ އެއްބަޔަކީ ހަމަ ޔަގީނުންވެސް ޒުވާން ކުޅުންތެރިންނެވެ. ކެރިއަރުގެ އެންމެ މުހިންމު ހިސާބުގައި ގިނަ މެޗުތަކެއް ލިބެންޖެހޭ ހަރުފަތެއްގައި ތިބިއިރު، ފުޓުބޯޅަ ނުކުޅެ، ބޭނުންވާ ޕާފޯމެންސް ނުދެއްކި ކެރިޔަރު ނިންމާލަން ޖެހިދާނެ ކަމުގެ ބިރު ވެސް އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަށް އެބައޮތެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދެއްކި ކުޅުންތެރިޔަކު ބުނީ، އަސްލު މަންޒަރުތައް ދެނެގަންނަ ބަޔަކަށް ސާފުވާނެ ކަމަކީ ފުޓުބޯޅައިގެ ހާލަތު ދަށްވެ، މިހާރު އޭގެ އަސަރު މި ކުރަނީ އޭނާ އާއި ޒުވާން ކުޅުންތެރިންނަށް ކަމަށެވެ. އަދި މިއީ އިއްޔެ އަކު ނޫނީ މިއަދަކު ވާކަމެއް ނޫން ކަމަށާއި، ފުޓުބޯޅައިގެ ހާލަތު ދައްވަމުން އަންނަކަން އެންމެން އަށް ވެސް އެނގޭ ކަމަށެވެ. އެކަމަކު، މިއަދުގެ ހާލަތަށް އަންނާނެ ކަމަށް ހީނުކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަސްލު އަހަރެން ހިޔެއްވެސް ނުކުރަން ނުކުޅެ މިހާ ދުވަހު ހުންނަން ޖެހޭނެ ކަމަށް. އަހަރެން ކެރިޔަރު ފެށިއިރުވެސް އެނގޭ އެފްއޭއެމްގައި އޮތީ ވައްކަންކަން. އެއީ އެންމެން އަށް ވެސް އެނގޭ ބޮޑު ސިއްރެއް. އެކަމަކު އެ ވައްކަމުގެ ގެއްލުން މިހެން އަހަރެމެން އަށް ވާނެ ކަމަކަށް ހިޔެއް ނުކުރަން. ކާކު ބުނާނީ ފުޓުބޯޅަ ނުކުޅެ އަހަރެއް ވާނެއޭ." ނަން ހާމަ ނުކުރުމަށް އެދި ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޒުވާން ކުޅުންތެރިޔަކު ބުންޏެވެ.

ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިއަކު، "އަދަދު ސްޕޯޓްސް" އަށް ހިޔާލުފާޅުކުރަމުން ބުނީ ގައުމީ ޓީމުގެ ނަތީޖާ ދައްވުމުން އެންމެންވެސް އޭގެ ވާހަކަ ދައްކާ ކަމަށެވެ. އެކަމަކު، މިއަދު ގައުމީ ޓީމުގައި މިތިބީ ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިންްކަން ސާފުކަމަށާއި އެކަމަކު ކޮމްޕެޓިޓިވް މެޗުތައް ނުލިބޭތީ މޮޅު ކުޅުން ދެއްކޭނެ ހާލަތެއް ނެތް ކަމަށެވެ.

މީގެ ކުރިން، ގައުމީ ޓީމުތަކުން މުބާރާތްތަކަށް ދަނީ ރަނގަޅު ތައްޔާރީތަކާއެކު ކޮމްޕެޓިޓިވް މެޗުތަކެއް ލިބިގެން ކަމަށްވާތީ ކުޅުމުންނާއި ނަތީޖާ އިން އަދި ކާމިޔާބުން ވެސް ތަފާތު ފެނުނު ކަމަށެވެ.

"ކިހިނެތް ރަނގަޅުވާނީ. މީގަ ނެތް ރަނގަޅުވާކަށް. އަހަރެމެން މި ޖެހެނީ ނުކުޅެތިބެން. ބޮޑެތި މެޗުތަކަށް ނުކުންނަން މި ޖެހެނީ ނެތް ހިތްވަރުލާގެން." ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބުންޏެވެ.

ކްލަބެއްގެ އޮފިޝަލަކު، "އަދަދު ސްޕޯޓްސް" އަށް ބުނީ، ކޮންމެ އަހަރަކު، ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ގިނަ މުބާރާތްތަކެއް ބޭއްވިގެންދާއިރު، ރާއްޖޭގެ ފުޓްބޯޅައިގައި ރޭވުންތެރިކަމެއް ނުފެނި، މުސްތަގުބަލު ގޯސް މަގަކުން ދާތަން ފެނުމަކީ ރަނގަޅު ޒުވާން ކުޅުންތެރިން ފުޓްބޯޅަ މަތިން ފޫހިވާނެ ކަމެއް ކަމަށެވެ.

އެފްއޭއެމް އިން އެންމެ ފަހުން އިއުލާންކުރި ގޮތުން އާ ސީޒަން ފަށަން މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޮގަސްޓު މަހުގަ އެވެ، އެކަމަކު، އެ ތާރީހަށް ވެސް ސީޒަން ފެށޭނެ ކަމުގެ އުންމީދު ގިނަ ކުޅުންތެރިން ނުކުރެ އެވެ. ކަންވާން ވެސް އޮތީ މިހެންނެވެ. ގިނަ ފަހަރުތަކެއްގެ މަތިން އާ ސީޒަންގެ ތާރީހު ފަސްވެއްޖެ އެވެ. ފުޓްބޯޅަ ސީޒަން ފަށާނެ ސީދާ ތާރީހެއްގެ ޔަގީންކަން ގެއްލި، ދިވެހި ފުޓްބޯޅަ ހިންގުމުގެ ބަހުގެ އިތުބާރު ދުވަހެއް ދުވަހަކަށް އަންނަނީ ގެއްލެމުންނެވެ.