about 11 hours 0
about 11 hours 0
އަންނަ އަހަރުގެ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެެފައިވަނީ، ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އެ ގޮތުން، ސާފް 20 އަހަރުން ދަށުގެ މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ މާޗް މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށް ކަމަށެެވެ.
މުބާރާތުގެ ކަލަންޑަރު ސާފްގެ މެމްބަރު ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައިވެ އެވެ. އެފްއޭއެމް އިން ބުނީ، ސާފް އިން އެ ފެޑެރޭޝަނުގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނުމުން އެނގިގެންދަނީ، ބައިނަލްއަގުވާމީ ރަނގަޅު ލެވަލްގެ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރުމުގެ ގާބިލުކަން އެފްއޭއެމްގައި ހުރި ކަމަށް ސާފް އިން ގަބޫލުކުރުމާއި އެ ޖަމިއްޔާގެ އިތުބާރު ލިބިފައިވުން ކަމަށެވެ.
ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އާއި ރަނަރަޕަށް ދޭން ޖެހޭ އިނާމް ފައިސާ އަށް ވާ 75000 ޑޮލަރު އެފްއޭއެމް އިން ވަނީ ދާދި ފަހުން ހަމަޖައްސައިފަ އެވެ.
މިއީ، 2019 ވަަަނަ އަހަރުގެ ފަހުން ރާއްޖޭގައި ހޯސްޓްކުރާ އުމުރުފުރާ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ވަނީ، ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފަ އެވެ. ރާއްޖޭން ވަނީ 2008 ވަނަ އަހަރާއި 2021 ވަނަަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. މީގެ ތެރެއިން، 2008 ގެ މުބާރާތް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެންނެވެ. އެކަަމަކު، 2021 ވަނަ އަހަރުގެ މުބާރާތް އޮތީ މާލޭގަ އެވެ.
ރާއްޖޭގައި ބާއްވާފައިވާ ބައިނަލްއަގުވާމީ ގައުމީ ޓީމުތަކަށް ހާއްސަ، ފުޓްބޯޅަ މުބާރާތްތަކަށް ބަލާއިރު، 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ، 2014 ގެ އޭއެފްސީ ޗެލެންޖް ކަޕް ވެސް ހިމެނެ އެވެ. އަދި، 2009 ގެ އޭއެފްސީ ޗެލެންޖް ކަޕްގެ ކޮލިފައިން މެޗުތައް ރާއްޖޭން ހޯސްޓްކުރިއިރު، ކްލަބް ފުޓްބޯޅައިގެ އިންޓަނޭޝަނަލް މުބާރާތްތަކުގެ މެޗުތައް ވެސް ރާއްޖޭން ވަނީ ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2015 ވަނަ އަހަރުގެ ޕީޕަލްސް ކަޕްގެ އިތުރުން، ކޮވިޑް-19 އަށް ފަހު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ރާއްޖޭން ދެ ފަހަރެއްގެ މަތިން ސެންޓްރަލައިޒްކޮށް ހޯސްޓްކުރި އެވެ.
އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕުން މިދިޔަ ޖުލައި މަހު، އެ އެސޯސިއޭޝަން ހިންގުމާ ހަވާލުވެ، ކުރަމުން އަންނަ މަސައްކަތަށް ފީފާގެ ތަރުހީބު ވެސް ލިބިފައިވާއިރު، ދާދި ފަހުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފަ އެވެ. މިއީ، 2006 ވަނަ އަހަރުގެ ފަހުން ފީފާގެ ރައީސަކު، މިދިޔަ 19 އަހަރު ތެރޭ ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އަދި، ފީފާގެ އެހީގައި ރާއްޖޭގައި 11 އަހަރަށް ފަހު އަންހެން ފުޓްބޯޅަ މުބާރާތެއް، ވިމެންސް ފުޓްބޯލް ލީގުގެ ނަމުގައި ކުރިއަށް އެބަދެ އެވެ.
Comment