29 ނޮވެންބަރު 2025 - 10:13 0
29 ނޮވެންބަރު 2025 - 10:13 0
ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިން ގްރޫޕް އެފްގެ މެޗުތައް ކުޅުމަށް ފަހު، ރާއްޖޭގެ ޒުވާން ޓީމު އެނބުރި ރާއްޖެ އަންނަން އޮތް ސްރީލަންކަން އެއާލައިންސްގެ މިއަދުގެ ފްލައިޓް ކެންސަަލްވެ، މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
"ބޭ އޮފް ބެންގާލް" ގައި އުފެދިފައިވާ ތޫފާން، "ޑިޓްވާ"ގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަނީ ސްރީ ލަންކާ އަށެވެ. އަދި، ލަންކާގެ މައި އެއާޕޯޓު، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރު ފަތުރަށް ގިނަ ގޮތްގޮތުން ވަނީ އަސަރުކޮށް، ސްރީލަންކާ މަގުން އަންނަ ގިނަ ފްލައިޓްތައް ކެންސަލްކުރަން ވެސް ޖެހިފަ އެވެ.
ސަތާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން، ތައިލެންޑަށް، އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް ކުޅުމަށް ގޮސްފައިވަނީ، ސްރީލަންކަން އެއާލައިންސްގައި، ކޮލަމްބޯ މަގުންނެވެ. އަދި، އެނބުރި ރާއްޖެ އަންނަ ގޮތަށް ވެސް ހަަމަޖެހިފައި އޮތީ ކޮލަމްބޯ މަގުންނެވެ.
އެފްއޭއެމް އިން ބުނީ، ރޭގެ ވަގުތެއްގައި ވެސް އެއާލައިންސް އަށް ގުޅައިގެން ފްލައިޓްގެ ކަންކަމުގެ މައުލޫމާތު ހޯދި ކަމަށާއި އެހެން ނަމަވެސް، ފްލައިޓް ކެންސަލްވިކަން އެނގިގެންދިޔައީ، ޓީމު ފުރަން އެއާޕޯޓަށް ދިޔަ ފަހުން ކަމަށެވެ.
އެފްއޭއެމްގެ .ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރީރު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، 17 އަހަރުން ދަށުގެ ޓީމަށް މި ދިމާވި ކަންތައްތައް މެދުވެރިވުމުން، އެފްއޭއެމް އިން މި ވާހަކަތައް އޭއެފްސީއާ ވެސް ހިއްސާކޮށް، އެއާލައިނާ ވެސް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި، އެއަށް ފަހު މިހާރު ހަމަޖެހިފައިވަނީ، ބެންކޮކް އެއާވޭސްގައި ޑައިރެކްޓްކޮށް, މާދަމާ ޓީމު ރާއްޖެ އަންނަ ގޮތަށް ކަމަށް ޒަރީރު ވިދާޅުވި އެވެ.
އަދި، އޭނާ ވިދާޅުވީ، ޓީމުގެ އެކޮމަޑޭޝަން ކަންކަން، ތައިލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަނާ ވާހަކަ ދައްކައިގެން ހަމަޖައްސަމުން އަންނަ ކަމަށެވެ.
އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ބުރުގައި، ގްރޫޕް އެފްގައި ރާއްޖޭން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން މޮންގޯލިއާ އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ތުރުކުމެނިސްތާން އަތުން ބަލިވީ 6-0 އިންނެވެ. ތިން ވަނަ މެޗުގައި ތައިލެންޑް އަތުން 7-1 އިން ބަލިވިއިރު، ފަހު މެޗުގައި އިއްޔެ ކުވެއިތު އަތުން ބަލިވީ 5-0 އިންނެވެ.
ތޫފާން "ޑިޓްވާ"ގެ ސަބަބުން، ދިމާވި ކަމަކާ ހެދި، އިއްޔެ، ދުބާއީ އިން އައި ރާއްޖޭގެ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމު ވެސް ތާށިވި އެވެ. އެ ގޮތުން، ކޮލަމްބޯ އަށް ނުޖެއްސިގެން، ކްރިކެޓް ޓީމު ދަތުރުކުރި ފްލައިޓް، ޓްރިވެންޑްރަމް އަށް ދިޔައިރު، އެނބުރި ރޭ މާލެ އައީ ކޮލަމްބޯ އަށް ގޮސްފަ އެވެ.
Comment