Advertisement

ގައުމީ ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސައިފި

22 ނޮވެންބަރު 2025 - 15:43 0


ގައުމީ ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސައިފި

22 ނޮވެންބަރު 2025 - 15:43 0

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ ފުރަތަމަ މުބާރާތުގައި ކުޅޭ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސައިފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ފުޓްސަލް ޓީމުގެ ކޯޗަކަށް ގެންނާނީ ފާރޫކް ޒަކިރޯވު އެވެ. ރާއްޖޭގެ ގައުމީ ޓީމާ އޭނާ ހަވާލުވަނީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 31، 2026 ގެ ނިޔަލަށް ކަމަށެވެ.

އޭނާ މި ވަގުތު ހުރީ އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގަ އެވެ. މި އަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދު ދިނީ ވެސް ފާރޫކް ޒަކިރޯވު އެވެ.

އޭގެ އިތުރުން, އެ ގައުމުގެ ފުޓްސަލް ލީގުގައި ވާދަކުރާ ޓީމެއް ކަމަށްވާ ނެފްޗީ ފުޓްސަލް ކްލަބުގެ ކޯޗަކީ ވެސް ފާރޫކް ޒަކިރޯވު އެވެ. ރާއްޖޭގެ ޓީމާ އޭނަ ހަވާލުވަނީ އެ ކްލަބުގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

ފާރޫކް ޒަކިރޯވު ވަނީ އުޒްބެކިސްތާނުގެ ގައުމީ ފުޓްސަލް ޓީމަށް ވެސް 2001 އިން 2008 އަށް ކުޅެފަ އެވެ.

ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

ފިރިހެން ޑިވިޝަނުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ، ދުނިޔޭގެ 106 ވަނައިގަ އެވެ. މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބަލާނަމަ އެއް ވަނަ އެވެ. ނޭޕާލް، ދުނިޔޭގެ 118 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަދި ފުޓްސަލްގައި ރޭންކް ކުރެވިފައިނުވެ އެވެ.