29 މާރިޗު 2025 - 09:56 0
ލީވާން އަލީ ނާސިރު
ޑރ. މުހައްމަދު ޝަހީމް: އަމިއްލައަށް އީދު އިއުލާންކުރުމުން މަސްލަހަތު ގެއްލިދާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު
29 މާރިޗު 2025 - 09:56 0
އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ރޯދަ އިއުލާން ކުރުމާއި އީދު އިއުލާންކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ރޯދަ މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ކަންކަން، ޝަރުއީ ހަމަތަކާއި، ރާއްޖޭގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން މިނިސްޓްރީން ކުރަމުންދާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ އާއްމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ.
"ހާއްސަކޮށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަހްކާމްތަކެއް ތަރުތީބުވާކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް މިހެން ވިދާޅުވެފައި މި އަހަރުގެ ފިތުރު އީދު ދުވަހާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޑރ. ހަސަން ހަމީދުގެ ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގަ އެވެ. މައުމޫން ލަފާކުރައްވާ ގޮތުގައި އީދު ވާނީ މާޗު 30، ގަ އެވެ. އެކަމަކު ހަސަން ހަމީދު ލަފާކުރައްވާ ގޮތުގައި އީދު ވާނީ މާޗު 31، ގަ އެވެ.
މައުމޫން އިއްޔެ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާ މަހެއް ފެށުނީ ކަމަށެވެ.
"ހިޖުރީ މަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން. އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީ،" މައުމޫން ވިދާޅުވި އެވެ.
ނަމަވެސް ޑރ. ހަސަން ހަމީދުގެ ބްލޮގުގައި ހަނދު ނުފެންނަނީސް ހަނދު ލައްވަން ފެއްޓެވީ މައުމޫންގެ ދައުރުން ފެށިގެން ކަމަށް ލިޔުއްވާފައިވެ އެވެ.
އިސްލާމީ ދުނިޔޭގެ މަޝްހޫރު އާލިމް އަބްދުލްއަޒީޒް އިބްން އަބްދުﷲ އިބްން ބާޒްއާ ހަވާލާދީ ހަސަން ހަމީދު ވިދާޅުވީ މައްކާގައި ފެންނަ ހަނދަށް އެހެން ގައުމުތަކުގައި މީހުން ތަބާވާން ޖެހޭނެ ކަމަށް ބުނާ ބުނުމަށް ކީރިތި ގުރްއާން އަދި ހަދީސްގައި އެކަމަށް އެއްވެސް ދަލީލެއް ނުވާ ކަމަށެވެ.
"ރާއްޖޭގައި މިގޮތަށް އަމަލުކުރަން ފެށުނީ މައުމޫން ދައުރުން ފެށިގެން. އޭގެ ކުރިން އިސްލާމީ ދުނިޔޭގައި ވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ގައުމަކަށް ހަނދު ފެނުމުން. ދިވެހި ރާއްޖެ ސައުދީ އަރަބިއްޔާއަށް ވުރެ ދެ ގަޑިއިރު އިރުމަތީގައި އޮންނާތީ ސައުދީ އަރަބިއްޔާ އަށް ފެންނަ ޅަހަނދު، ރާއްޖެއަށް ފެނުމުގެ ފުރުސަތު ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.
މައުމޫން މީގެ ކުރިން ވިދާޅުވީ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަސް އިސްލާމީ ގިނަ ގައުމުތަކަށް މާޗު 29، ގައި އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާޗު 30، އަކީ ފިތުރު އީދު ދުވަސް ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް ހަސަން ހަމީދު ވިދާޅުވީ މުޅި އޭޝިއާގެ ބައްރަށް މާޗު 29، ގައި ހަނދެއް ނުފެންނާނެ އެވެ. ހަނދު ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހިސާބުތައް ފަސޭހައިން މައްކާ އަށް ވެސް ހެދިދާނެ. ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް ހަތަރު ގަޑިއިރު. މިހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ. ފުރޭފުކުރެވިފައިވާ އެއްވެސް ލިޔުމެއްގައި ފެނިފައިވާ ކަމަކަށް ވެސް ނުވޭ. ވީމާ، ޖެހިގެން އަންނަ ދުވަސް (30 މާޗު) އީދަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިފަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް މާޗު 1، ކަނޑައެޅީ ހަނދު ނުފެނުނު ނަމަވެސް، ސައުދީ އަރަބިއްޔާއަށް ހަނދު ފެނުމުންނެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment