28 މާރިޗު 2025 - 18:16 0
އަތޫފް އާތިފް
އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން މުއިއްޒު: އޭނާ ކްލަބްތަކަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ފުޓްބޯޅަ ސީޒަން އޮގަސްޓަށް ފަސްކޮށް، ވާދަވެރި މުބާރާތެއް ކްލަބްތަކަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
28 މާރިޗު 2025 - 18:16 0
އަންނަ މަހު ބާއްވަން ކުރިން ތާވަލުކުރި، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ސީޒަން، ފީފާގެ އެންގުމާ އެއްގޮތަށް، އޮގަސްޓް މަހަށް ފަސްކޮށް، ވާދަވެރި ފުޓުބޯޅަ މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްލަބްތަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންގައިފި އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން، އަހުމަދު މުއިއްޒު ސޮއިކުރައްވާ ކްލަބްތަކަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ ކްލަބްތަކުގެ އެދުމުގެ މަތިން އާ ސީޒަން އަންނަ މަހު ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އެކަމަކު، މި މަހު 16 ގައި ކްލަބްތަކާއެކު ބޭއްވުނު ބައްދަލުވުމުގައި ފީފާއިން ވަނީ ކަލަންޑަރު ތާވަލަށް ބަދަލު ގެނައުމުގެ ހިޔާލު ހުށަހަޅާފައި ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި، އެފްއޭއެމް އިން ވަނީ ޓްރާންސިސަނަލް ލީގެއް މި އަހަރުގެ އޭޕްރީލް/މެއި މަހު ބޭއްވުމަށްފަހު އޮގަސްޓު މަހު އާ ސީޒަން ފެށުމަށް ހުށަހަޅާފައި ކަމަށް އެފްއޭއެމް އިން ބުނެ އެވެ.
ކުރު ސީޒަން އެއް ފެށުމުގައި ދިމާވެދާނެ މައްސަލަތައް ފީފާއާ ހިއްސާކޮށް ލަފައަކަށް އެދުމުން ފީފާއިން ވަނީ ކުރު ސީޒަނެއްގެ ބަދަލުގައި އޮގަސްޓު މަހު ލީގު ފެށުމަށް ހުށަހަޅާފައި ކަމަށް އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެފްއޭއެމް އިން ބުނީ ސީޒަން ފަސްވުމާ އެކު ވާދަވެރި ފުޓުބޯޅަ މުބާރާތެއް ވީ އެންމެ އަވަހަށް ބޭއްވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެކަމަކު، ގިނަ ޕްރެޝަރުތަކެއް ބޮޑުވަމުން އައި ދަނޑިވަޅެއްގައި، ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު، މިސްރުގެ އަހްމަދު ހައްރާޒު އިސްވެ ހުންނަވައި، ފީފާ މެދުވެރިކޮށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފެށުން ވެސް ފަސްކޮށްފައިވާ ކަމަށް ކްލަބްތަކުން ތުހުމަތުކުރެ އެވެ.
ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
އޭގެ ފަހުން، ފުޓްބޯޅަ ސީޒަން ފަށަން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއްބާރުލުމާ އެކު، ސްޕޯޓްސް މިނިސްޓްރީން ވަނީ ފުޓްބޯޅަ ކްލަބްތަކަށް ނުވަ މިލިއަން ރުފިޔާ ފޯރުކޮށްދީފަ އެވެ. އެ ފައިސާ އިން ގިނަ ކްލަބްތަކުގައި ހުރި މާލީ ބައެއް މައްސަލަތައް ހައްލުކޮށް ޕްރީ ސީޒަން ވެސް ފަށާފައިވަނިކޮށް، ބައެއް ކްލަބްތަކުން ވެސް އެދޭތީ ކަމަށް ބުނެ، ފީފާގެ ގަވަރްނަންސް މެނޭޖަރު، ހައްރާޒު އަޑީގައި ހުރެ، މި ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފަ އެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބުން ވަނީ، ބިދޭސީ ކޯޗަކާއި ކުޅުންތެރިންގެ ކަންކަން ވެސް ހަަމަޖައްސައިފަ އެވެ. ގިނަ ކްލަބްތަކަކުން ކުޅުންތެރިން ލައްވައި ޕްރެކްޓިސް ފެށީ އެޑްވާންސް ފައިސާ ވެސް ހަމަޖައްސައިދީފަ އެެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment