28 މާރިޗު 2025 - 12:35 0
މުހައްމަދު ޝަހްޒާން
މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ބިމާ ހަމަވެފައި -- ފޮޓޯ: ދަ ހިންދޫ
28 މާރިޗު 2025 - 12:35 0
ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ، ތައިލެންޑާއި މިޔަންމާއަށް މިއަދު އައި ބިންހެލުމާ ގުޅިގެން ތައިލެންޑުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މިއަދު އައި ބިންހެލުމާ ގުޅިގެން ތައިލެންޑުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުގައި ހުންނަ ތައިލެންޑުގެ އެމްބަސީ މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ. އަދި މިހައިތަނަށް ބެލިބެލުމުން އެ ގައުމުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"މިހައިތަނަށް ބެލިބެލުމުގެ އެ ގައުމުގައި [ތައިލެންޑުގައި] ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ، އަދި މިޔަންމާފައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަސް ޑިޕްލޮމެޓިކް ޗެނެލްތައް މެދުވެރިކޮށް މި ދަނީ މަސައްކަތް ކުރަމުންނެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިއަދުގެ ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވުމާއެކު އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް އެ ގައުމުތަކުގައި ތިބި ދިވެހިން ސަމާލުވެ އެއާ އެއްގޮތަށް އަމަލު ކުރުމަށް އިސްތިމާސް ކުރާ ކަމަށެވެ.
މިޔަންމާގައި މި ވަގުތު އެއްވެސް ދިވެއްސަކު ހުރި ނަމަ، ނުވަތަ އެކަމުގެ މައުލޫމާތު އެނގޭ ނަމަ އެ މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.
އޭގެއިތުރުން ތައިލެންޑުގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް މީހަކު އެއްވެސް ކަމަކާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިއަދު ހެނދުނު ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިން ހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.
އެ ބިންހެލުމުގެ އަސަރު ތައިލެންޑަށް ވެސް ވަރަށް ބޮޑަށް ކޮށް، އިމާރާތްތައް ވެސް ބިމާ ހަމަވެފައިވެ އެވެ. ބިންހެލުމާ ގުޅިގެން ތައިލެންޑާއި މިިޔަންމާގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment