Advertisement

މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެ އާއި އީޔޫއިން އެއްބަސްވެއްޖެ

12 ފެބުރުވަރީ 2026 - 11:33 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެ އާއި އީޔޫއިން އެއްބަސްވެއްޖެ

12 ފެބުރުވަރީ 2026 - 11:33 1

ދެ ފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ބޭއްވި ފުރަތަމަ ޕާޓްނާޝިޕް ޑައިލޮގުގައި އެއްބަސްވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ 2020 އިން ފެށިގެން ބާއްވަމުން އަންނަ ސީނިއާ އޮފިޝަލުންގެ ބައްދަލުވުންތަކުގެ މައްޗަށް ބިނާކޮށް ފެށި މަޝްވަރާތަކެކެވެ.

ޑިމޮކްރެޓިކް ގަވަނަންސް، އިންސާނީ ހައްގުތައް، މޫސުމީ ބަދަލުތައް، ކަނޑުގެ ސަލާމަތާއި ސަރަހައްދީ ރައްކާތެރިކަން، ވިޔަފާރި، މަސްވެރިކަން އަދި ދިވެހިންނާއި ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ސަލާމަތީ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ފަރާތުން އެއްބަސްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އަސާސީ ހައްގުތައް، ހާއްސަކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށާއި، މަދަނީ ޖަމިއްޔާތަކަށް ފުރުސަތު އޮތް މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ހިޔާލު ބަދަލުކޮށްފަ އެވެ.

ބައިނަލްއަގުވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާ (އައިސީސީޕީއާރު) ގެ ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖެއިން އެ މުއާހަދާއަށް އަމަލުކުރުމަށް އީޔޫއިން ބާރު އެޅި އެވެ.

ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އީޔޫގެ ބާޒާރުން ފުރުސަތު ހޯދުމާއި، ޓެރިފްގެ ހުރަސްތަކާ ބެހޭ ގޮތުން ވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފަ އެވެ.

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށާއި، ކަނޑޫފާ ރައްކާތެރިކުރުމުގެ މަޝްރޫއަކަށް އީޔޫ އިން އިތުރު ހަތަރު މިލިއަން ޔޫރޯ ދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އަނެއްކާ ވެސް ދިވެހި ސަރުކާރުން ވަނީ ޝެންގެން ވިސާ ނުލައި ޔޫރަޕަށް ދަތުރުކުރެވޭ ގައުމުތަކުގައި ރާއްޖެ ހިމަނައިދިނުމަށް އެދިފަ އެވެ.