12 މާރިޗު 2025 - 14:07 1
ލީވާން އަލީ ނާސިރު
ޑރ. މުހައްމަދު ޖަމީލް އަހުމަދު: އުޝާމް ވަނީ ރާއްޖޭގެ ޖުޑިޝަރީ ގަދަކަމަށް ރޭޕްކޮށްފައި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް
12 މާރިޗު 2025 - 14:07 1
އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއަކީ ނިސްބަތުން ބަލާނަމަ މުޅި ދައުލަތުގެ މަސްލަހަތު އެއްކޮށް ދޫކޮށްލި ބަންޑާރަނައިބު ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
އަދަދު ގެ "ކުޅިކޮށް" ޕްރޮގްރާމްގައި ޖަމީލް ވިދާޅުވީ ދައުލަތެއް ތެރޭގައި އޮންނަ ގާނޫނު އަސާސީގެ އަސާސީ އާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސްލަހަތު އުޝާމް ގެއްލުވާލާފައިވާ ކަމަށެވެ.
"އުޝާމް ވާނެ ކަންނޭގެ ދައުލަތުގެ މަސްލަހަތު އެއްކޮށް ދޫކޮށްލި ބަންޑާރަނައިބަކަށް އެނގޭތޯ. ހަމަ މުޅި ދައުލަތުގެ މަސްލަހަތު، ދައުލަތެއް ތެރޭގައި މި އޮންނަނީ މުޅި ރައްޔިތުންނާއި ގާނޫނު އަސާސީގެ އަސާސީ އާއި ރައްޔިތުންގެ މަޖިލީހާއި ދެން ސަރުކާރާ،" އޭނާ ވިދާޅުވި އެވެ.
އޭޖީ އުޝާމް މިނިވަން ވިސްނުމެއްގެ ތެރެއިން މަސައްކަތް ކުރައްވަން ޖެހޭއިރު، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލަފާ ދެއްވަން ހުންނެވީ އޭނާކަން ޖަމީލް ވިދާޅުވެއްޖެ އެވެ. އެގޮތުން އޭނާ ވިދާޅުވީ އުޝާމް ހިފަހައްޓަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ.
"މިހާރު އަޅުގަނޑަށް ހީވާކަހަލަ ހަގީގަތުގައި މި ދެންނެވިހެން އުޝާމުގެ މަސައްކަތަކަށް، ނުވަތަ މިހާރު ހުރި އޭޖީގެ މަސައްކަތަކަށް ވެފައި މި އޮތީ ވީ ގޮތެއް ހަދައިގެން ޑރ. މުއިއްޒު އާއި ޕީއެންސީ އާއި އެނގޭތޯ އަދި މަޖިލިސް ތެރޭގައި ތިބި، މަޖިލިސް މިހާރު އޮތީ އެބޭފުޅުންގެ މެޖޯރިޓީގައި. މަޖިލިސް ތެރެއިން ކުރާ ކޮންމެ ގައިރު ދުސްތޫރީ ކަމަކީ އެއީ ސައްހަ ކަމެއް ކަމަށް ކަނޑައެޅުން،" ޖަމީލް ވިދާޅުވި އެވެ.
އޭގެއިތުރުން ޖަމީލް ވިދާޅުވީ އުޝާމް ރާއްޖޭގެ ޖުޑިޝަރީ ރޭޕްކޮށްލީ ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ނުދިއުމުން، ހަގީގަތެއް ނެތް އުފައްދައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި އެނގޭތޯ މިހާރު މިއޮތީ ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަމަ ރޭޕްކޮށްފައި މިއޮތީ. ރޭޕް ކޮށްފައި އެނގޭތޯ. ހަމަ ގަދަކަމުން ހަމަ ރޭޕްކޮށްފައި މިއޮތީ. މިހާރު މި ދައްކަނީ އެތަނަަށް ދިޔައީ މި މީހުން ނުރުހުނީ. ނުރުހުނީމަ ހަމަ އެ ދިޔަ ގޮތަށް ގޮސް ބައްލަވާ ހަގީގަތެއް ނެތް ކަންތައްތަކުގައި މި ވާހަކައިގައި ސަސްޕެންޑޭ މިހުރިހާ ވާހަކައެކޭ ކިޔާނެ ކަމެއް ނެތް،" ޖަމީލް ވިދާލުވި އެވެ.
އޭޖީ އުޝާމްއަށް ޖަމީލް ފާޑު ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ފެބްރުއަރީ 26 ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކޮށްފައި ވަނިކޮށެވެ.
އެސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ނަމަވެސް އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒު ފަނޑިޔާރުގެއަށް ފޯރާފައިވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment