11 މާރިޗު 2025 - 08:19 0
ސާއިފް ޝިޔާދު
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު: މި ސަރުކާރުގައި ފިނޭންސް މިނިސްޓަރެއްގެ އެޑްވައިޒަރުކަން ވެސް ކުރެއްވި މުނައްވަރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި --- އާޓްވޯކް: އަދަދު ފައިލް
11 މާރިޗު 2025 - 08:19 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ހިލާފުވެ، މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ހުށަހަޅައި އެ ނިންމުން ނިންމުމުގައި އެންމެ އިސްކޮށް އުޅުއްވީ ގަވަރުނަރު އަހްމަދު މުނައްވަރުކަން އަދަދު އަށް އެނގިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްްއޭގެ ބޯޑުން އެ ނިންމުން ނިންމި ދުވަހު ބޯޑަށް ހާޒިރުވީ ފަސް މެންބަރުންނެވެ. ޖުމުލަ ހަތް މެންބަރުން ތިބޭ ބޯޑުގައި އެ ދުވަހުގެ ބައްދަލުވުމަށް ހާޒިރު ނުވަނީ ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރެއްވި ފާތިމަތު ޝަފީގާ އާއި ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދެވެ.
އެ ދުވަހު ނެގި ވޯޓުގައި ފައިސާ ޗާޕު ކުރުމަށް ވޯޓު ދިނީ އިކޮނޮމިކް މިނިސްޓްރީ ތަމްސީލުކުރާ ޝުހާދު އިބްރާހިމް އަދި އިދުހާމް ހުސައިން އެވެ. އެ ހުށަހެޅުމާ ދެކޮޅު ހެދީ ފިނޭންސަށް ދާދިފަހުން އިސްތިއުފާ ހުށަހެޅި އަހްމަދު ޒަޔާން އަދި ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރައްވާ މަހުޒޫމް ސަލީމް އެވެ.
އެ ހުށަހެޅުން ފާސްކުރަން ނެގި ވޯޓު އެއްވަރުވުމުން ބޯޑުގެ ރިޔާސަތު ބެލެހެއްޓެވި ގަވަރުނަރު މުނައްވަރު ވޯޓު ދެއްވީ އެ ހުށަހެޅުން ފާސްކޮށް ރެކޯޑު އަދަދަކަށް ފައިސާ ޗާޕު ކުރުމަށެވެ.
އެ ގޮތަށް ބޯޑުން ނިންމިތާ މާ ގިނަ އިރުތަކެއް ނުވަނީސް އިކޮނޮމިކް މިނިސްޓްރީ ތަމްސީލުކުރާ ޝުހާދު ވަނީ އެ ގޮތަށް ފާސްކުރަން ކުރި ތާއީދު އަނބުރާ ނަގާފަ އެވެ.
އާންމު ގޮތެއްގައި ބޯޑަށް ކަމެއް ނިންމުމަށް ހުށަހެޅުމުގެ ކުރިން އެ ކަމެއްގެ ދިރާސާތަކާއި، ލިޔެކިޔުންތަކާއި، މާލީ ފޯކާސްޓްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެ އެވެ. ނަމަވެސް، އެފަދަ އެކަށީގެންވާ މަޝްވަރާއެއް ކޮށްފައި ނުވާކަން އަދަދު އަށް ވަނީ އެނގިފަ އެވެ.
މުނައްވަރަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޖޫން 22, 2016 ގަ އެވެ. ޔާމީންގެ ވެރިކަން ނިމެންދެން އެ މަގާމު އޭނާ ފުރުއްވި އެވެ.
މި ސަރުކާރުގައި އޭނާއަކީ ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެވެ. މިނިސްޓަރެއްގެ ފެންވަރުގައި އޭނާ އައްޔަނުކުރީ ޑިސެމްބަރު 12, 2023 ގަ އެވެ. އެއަށްފަހު ގަވަރުނަރުގެ މަގާމަށް ޖުލައި 31، 2024 ގައި އައްޔަނު ކުރަން ދެން މާލީ ވަޒީރަށް އޭނާ ގެންދެވީ ލަފާ ދެއްވަމުންނެވެ. މުނައްވަރު ގަވަރުނަރަކަށް އައްޔަނުކުރީ ރައްޔިތުންގެ މަޖިލީހުންގެ 78 މެންބަރުންގެ ވޯޓުންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment