17 ފެބުރުވަރީ 2026 - 13:13 0
އަމަން ހަލީމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އޮފީސް: ގްރޮސް ރިޒާވު ހުރީ ރެކޯޑު މިންވަރެއްގައި --- ފޮޓޯ: އަދަދު
17 ފެބުރުވަރީ 2026 - 13:13 0
ގްރޮސް ރިޒާވު ރެކޯޑު އަދަދަކަށް އުފުލި، ބޭނުންކުރެވޭ ރިޒާވު ވެސް 300 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ނިމުނު މަހުގެ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި ޖުމްލަ ރިޒާވު ހުރީ 1.03 ބިލިއަން ޑޮލަރުގަ އެވެ.
މިއީ ސެޕްޓެމްބަރު 2021 ގައި، ގްރޮސް ރިޒާވު އެއް ބިލިއަން ޑޮލަރަށް އެރި ފަހުން މި ވަރަށް ރިޒާވުގައި ފައިސާ އިތުރުވީ ފުރަތަމަ ފަހަރެވެ. އަދި، މި ދައުރުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވު 300 މިލިއަން ޑޮލަރަށް ވުރެ މަތިވީ ފުރަތަމަ ފަހަރެވެ.
ބޭނުންކުރެވޭ ރިޒާވު މިހާރު ހިސާބުކުރަނީ ޖުމްލަ ރިޒާވުން ކުރު މުއްދަތުގެ ދަރަނި (ޕްރީޑިޓާމިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް) ކަނޑާފައި އެމްއެމްއޭއިން ބޭންކުތަކުގައި ބަހައްޓާފައި ހުރި ފައިސާ (އަދާ ފޮރިން ކަރަންސީ އެސެޓްސް) ހިމަނައިގެންނެވެ. މި ފޯމިއުލާއިން ހިސާބުކުރުމުން ބޭނުންކުރެވޭ ރިޒާވުގައި 305.3 މިލިއަން ޑޮލަރު އެބަހުއްޓެވެ.
އަހަރުން އަހަރަށް ހިސާބުކުރާއިރު، ބޭނުންކުރެވޭ ރިޒާވު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. މި މުއްދަތުގެ ތެރޭގައި ރިޒާވު ވަނީ 189 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ގިނަ ދަރަނިތައް ދައްކައި އަހަރު ނިމޭއިރު ވެސް ޖުމްލަ ރިޒާވު ބިލިއަން ޑޮލަރުން މަތީގައި ހިފެހެއްޓުމަށެވެ. މިއީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ހާލަތާ ދިމާ އިދިކޮޅު ހާލަތެކެވެ.
އެ އަހަރުގެ މެދުތެރޭގައި ރިޒާވު ރެކޯޑު އަދަދަކަށް ދަށް ވެފައި އޮއްވާ، ހިންދެމިލަން ލިބުނީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއާއެކީގަ އެވެ. އަދި، އެ އަހަރުގެ ފަހުކޮޅު ޓޫރިޒަމް ދާއިރާގެ ޓެކްސް ރޭޓުތައް މަތިކޮށް، ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ބަޔެއް މާރުކުރަން މަޖުބޫކުރުމާއެކީ، އެމްއެމްއޭ އާއި ސަރުކާރަށް ވަންނަ ޑޮލަރު އިތުރުވި އެވެ.
Comment