Advertisement

އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮއްވައި އެމްއެމްއޭގެ ހުރިހާ އެޑްވައިޒަރުން މަގާމުން ވަކިކޮށްފި

17 ފެބުރުވަރީ 2026 - 18:08 7

ޝިފާ، އިދްހާމް އަދި މަރިޔަމް ހުސެއިން ދީދީ: މީގެ ކުރިން މި ބޭފުޅުން ތިއްބެވީ އެސިސްޓަންޓް ގަވަރުނަރުންގެ މަގާމުގައި -- ފޮޓޯ: އެމްއެމްއޭ


އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮއްވައި އެމްއެމްއޭގެ ހުރިހާ އެޑްވައިޒަރުން މަގާމުން ވަކިކޮށްފި

17 ފެބުރުވަރީ 2026 - 18:08 7

ދިވެހި އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮއްވައި، މަރުކަޒީ ބޭންކުގެ އެޑްވައިޒަރުންގެ ރޯލު އުވާލައި، އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަޒީފާއިން ވަކިކޮށްފި އެވެ.

މަގާމުން ވަކި ކުރީ ގަވަރުނަރު އަަހުމަދު މުނައްވަރުގެ އެޑްވައިޒަރުންގެ ރޯލުގައި ތިއްބެވި މަރިޔަމް ހުސެއިން ދީދީ އާއި އިދްހާމް ހުސެއިން އާއި މަރިޔަމް ޝިފާ އެވެ. އެ ތިން ބޭފުޅުންނަކީ ވެސް އެމްއެމްއޭގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.

އެ ތިން ބޭފުޅުން ކުރިން ތިއްބެވީ އެސިސްޓެންޓް ގަވަރުނަރުންގެ މަގާމުގަ އެވެ. ގަވަރުނަރުގެ އެޑްވައިޒަރުންގެ ރޯލަށް ތިން ބޭފުޅުން ބަދަލު ކުރީ، އެސިސްޓަންޓް ގަވަރުނަރުންގެ ރޯލު އުވާލުމަށްފަހު އެވެ.

އެމްއެމްއޭގެ މީޑިއާ ޑިޕާޓްމަންޓުގެ އޮފިޝަލުން ފޯނަށް އަދި މެސެޖުތަކަށް ޖަވާބު ނުދެއްވާތީ، މަރިޔަމް އާއި އިދްހާމް އާއި ޝިފާ މަގާމުން ވަކި ކުރި ރަސްމީ ސަބަބެއް ނޭނގެ އެވެ.

އެކަމަކު، މަރުކަޒީ ބޭންކުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެޑްވައިޒަރުންގެ ރޯލު އުވާލީ، ގަވަރުނަރު ބޭނުންވާ ގޮތަށް އެޑްވައިޒަރުންގެ ފަރާތުން ލަފާ ލިބިވަޑައިނުގަންނަވާތީ ކަމަށެެވެ.

"ގަވަރުނަރު ބޭނުންވެވަޑައިގަންނަވާ ގޮތަކަށް ލަފާ ދެއްވާނެ ބޭފުޅުން ބޭނުންވަނީ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ސިއްރުން ކަމެއް ކުރަން ބޭނުންވެއްޖެއްޔާ، އިތުބާރު ހިފޭ މީހުން ކައިރީގައި ބަހައްޓަން ގަވަރުނަރު ބޭނުންވަނީ،" މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެމްއެމްއޭގެ އެޑްވައިޒަރުންގެ ރޯލު އުވާލިއިރު، ދިވެހިރާއްޖެ ދަނީ ބޮޑު އިގްތިސާދީ ނުރައްކަލަކާ ދިމާލަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މި އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭއިރު، މަތިބަރު، ހަރަދު ބޮޑު ސަރުކާރެއް ހިންގުން ކަމަށް މާހިރުން ބުނެ އެވެ.

ސަރުކާރުގެ އެތެރޭގެ ދަރަނި ވެސް ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ސަރުކާރުން ހަ ބިލިއަނެއްހާ ރުފިޔާ ދައްކަންޖެހެ އެވެ. އެ ދަރަނި ދައްކަން ފައިސާ ޗާކު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ، ސަރުކާރުން ބޭނުންވާ ގޮތަށް ފައިސާ ޗާޕުކޮށްފި ނަމަ އިގްތިސާދު އިތުރަށް ބަލިކަށިވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް އުފުލި، ޒަރޫރީ ތަކެތި ލިބުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.