Advertisement

ނިއު އާއި ވެލެންސިއާ އަށް ކުޅުނު ބިޗަޑް ވިކްޓަރީ އަށް

6 މާރިޗު 2025 - 22:19 0

އަތޫފް އާތިފް

އަތޫފް އާތިފް


ނިއު އާއި ވެލެންސިއާ އަށް ކުޅުނު ބިޗަޑް ވިކްޓަރީ އަށް

6 މާރިޗު 2025 - 22:19 0

ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

އެންމެ ފަހުން ކުޅުނު ދެ ވަނަ ޑިވިޝަން ފައިނަލުން ޖާގަ ހޯދި ވިކްޓަރީ އިން ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފަ އެވެ. ދަރަނީގެ މައްސަލައިގައި އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ވިކްޓްރީން މުސާރަ ނުދޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްސަލަ އެފްއޭއެމާއި ފީފާގައި އޮތުމުންނެވެ. ވިކްޓަރީގެ އާ ބޯޑުން ވަނީ އެ ދަރަނިތައް ދައްކައި، ކްލަބް ސަސްޕެންޝަނުން ސަލާމަތްކޮށްފަ އެވެ. ޖެހިޖެހިގެން ދެ ފަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުމަށް ފަހު، ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ވިކްޓަރީ މި ވަނީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

މިދިޔަ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތަށް ވިކްޓްރީ އިން ވަނީ އެ ޓީމުގެ ސްކޮޑުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޖަހައިފަ އެވެ. އޭގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަަން އަކްރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފިލްޑަރު މުހައްމަދު އުމެއިރު ވެސް ވަނީ ހިމަނައިފަ އެވެ.

އެފްއޭއެމް އިން އަންނަ މަހު އާ ސީޒަން ފަށަން ތާވަލުކޮށްފައިވާއިރު, ވިކްޓްރީ އިން ވެސް އަންނަނީ އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރަން މަސައްކަތް ފަށާފަ އެވެ. އެގޮތުން އެ ޓީމާ އެންމެ ފުރަތަމަ ގުޅުނު ކުޅުންތެރިޔަކީ ބިޗަޑް އެވެ.

ބިޗަޑް އެންމެ ފަހުން، ފުރަތަމަ ޑިވިޝަނުގައި ކުޅުނީ ވެލެންސިއާ އަށެވެ. ވެލެންސިއާއެެކު ބިޗަޑް ވަނީ 2021 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އުފަން ރަށް، މަހިބަދޫ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނުގައި، 2014 ވަނަ އަހަރު ކުޅުނުއިރު ވެސް ތަފާތު ދެއްކި ބިޗަޑް ފަހުން ވަނީ ނިއުގެ ނޫ ޖޯޒީގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވިކްޓަރީން ވަނީ ބިޗަޑްގެ އިތުރުން، ވީބީ އަށް ކުރިން ކުޅުނު، އަދި އެންމެ ފަހުން ވެލެންސިއާ އިން ފެނުނު، ހަސަން ސުފިއާން (ސޫފީ)ގެ ސޮއި ވެސް ހޯދައިފަ އެވެ.

އާ ސީޒަނަށް ފަރިތަކުރުންތައް ފެށި ފުރަތަމަ ކްލަބަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި ރޭ ވަނީ އޮޑި ސްޕޯޓްސް ކްލަބް އިން ވެސް ފަރިތަކުރުންތައް ފަށައިފަ އެވެ.

ފަރިތަކުރުންތައް ނުފަށާ ގިނަ ކްލަބްތަކުން ވެސް އަންނަނީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުތަކުގެ ސްކޮޑް ވަރުގަދަ ކުރަން ފަށައިފަ އެވެ.