ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ރިޒޭ އުފާފާޅުުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އޮފާ ދޫކޮަށްލައި، ކްލަބް އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ)، ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކުރާނެކަން އެނގިއްޖެ އެވެ.
ނިއު އިން ވަނީ ލޯނަކަށް ރިޒޭގެ ސޮއި ހޯދަން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު، އެއްބަސްވުމަކަށް ނާދެވި އޮއްވައި ވިކްޓަރީން މި ވަނީ ރިޒޭ އާއެކު ޑީލަކާ ހަމައަށް އައިސްފަ އެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ރިޒޭ، ވިކްޓަރީއާ ގުޅޭނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީ އާއި އީގަލްސް ކުޅޭ މެޗަށް ފަހު އެވެ.
މީގެ 11 ވަރަކަށް އަހަރު ކުރިން އީގަލްސް އަށް ކުޅެން ފެށި ރިޒޭ ވަނީ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ކުޅުމަށް ފަހު، މިހާރު ސީނިއާ ގައުމީ ޓީމަށް ކުޅެމުންނެވެ. އީގަލްސް އަށް 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ލަނޑު ޖެހި ރިޒޭ ވަނީ އެ ޓީމަށް 100 އަށް ވުރެން ގިނަ ގޯލު ޖަހައިދީފަ އެވެ. އޭނާ އަކީ އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަސަދުﷲ އަބްދުﷲ އަށް ފަހު، އެއް ކްލަބަކަށް އެ އަދަދަށް ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.
އީގަލްސް އަށް ކުޅެމުން ރިޒޭ ވަނީ، 2017 ވަނަ އަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް ލޯނަކަށް ކުޅެފަ އެވެ. އެއީ، އެ ފަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ގެއްލުމުން ދިވެހި ޕްރިމިއާ ލީގަށް އެ ޓީމު ކޮލިފައިނުވާތީ އެވެ. ރިޒޭ އަންނަނީ މިދިޔަ ދެ ސީޒަނުން ފެށިގެން އީގަލްސްގެ ކެޕްޓަންކަން ކުރަމުންނެވެ.
Comment