11 ޑިސެންބަރު 2025 - 12:45 0
11 ޑިސެންބަރު 2025 - 12:45 0
ކްލަބް އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ)ގެ ޑީލް ނިންމައި، ވިކްޓަރީ ސްޕޯޓްސް ކްލަބުން ނޭޕާލް ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުމާރު ލިމްބޫ ވަނީ ގެނެސްފި އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އޮފާ ދޫކޮަށްލައި، ރިޒޭ، ވިކްޓަރީ އަށް ބަދަލުވަނީ މި ސީޒަނުގެ ނިޔަލަށް ހަދާފައިވާ ޑީލެއްގެ ދަށުންނެވެ. ރިޒޭގެ ޓްރާންސްފާ ފީ އަކަށް އީގަލްސް އަށް ވިކްޓަރީން ފައިސާ ހަމަޖައްސައިދީފައިވާއިރު، އީގަލްސް އާއި ވިކްޓަރީ ކުޅޭ މެޗުގައި ރިޒޭ ނުކުޅޭނެ އެވެ.
މި ފަހަރުގެ ޓްރާންސްފާގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ ލޯނަކަށް ރިޒޭގެ ސޮއި ހޯދަން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު، އެއްބަސްވުމަކަށް ނާދެވި އޮއްވައި ވިކްޓަރީން މި ވަނީ ރިޒޭ އާއެކު ޑީލު ނިންމައިފަ އެވެ.
ދެ ވަނަ ބުރުގައި ވިކްޓަރީން ކުޅޭ ފުރަތަަމަ މެޗުގައި، ހޮނިހިރު ދުވަހުގެރޭ ކުޅޭނީ އީގަލްސްއާ އެވެ.
ވިކްޓަރީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ކުރިން، ދެ ފަަހަރެއްގެ މަތިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމުގެ އިތުރުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުޅެފައިވާ ނޭޕާލުގެ ކީޕަރު ކިރަން، 35، ގެނެސްފަ އެވެ.
ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ސީރިއާގެ ކީޕަރު، މަހުމޫދު އަލް ޔޫސުފް ދޫކޮށްލައި، ވިކްޓަރީން ގެނައި ކީޕަރު ކިރަން އެންމެ ފަހުން ކުޅެފައިވަނީ، ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ޕޮލިސް ކްލަބަށެވެ. އެ ޓީމު ދޫކޮށް ކިރަން ވަނީ ވިކްޓަރީއާ ގުޅިފަ އެވެ.
ނޭޕާލް ގައުމީ ޓީމަށް 2008 ވަނަ އަހަރު ކުޅެން ފެށި ކިރަން ވަނީ އެ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީ، ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދައިފަ އެވެ.
ވިކްޓަރީން ވަނީ ސްލޮވާކިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް، މިލޯސް ލެޗްނީގެ ސޮއި ވެސް ހޯދައިފަ އެވެ. އުމުރުން 37 އަހަރުގެ ލެޗްނީ ވަނީ ސްލޮވާކިއާ، ސްކޮޓްލަންޑް، މެލޭޝިއާ، ސައުތު އެފްރިކާ، ކަޒަކްސްތާން، ޖޯޖިއާ، ޕޮލެންޑް އަދި ޗެކް ރިޕަބްލިކް ލީގުތަކުގައި ކުޅެފަ އެވެ.
ކިރަން އާއި ލެޗްނީ ވެސް ވަނީ ވިކްޓަރީ ޓީމާ ގުޅިފަ އެވެ.
Comment