3 މާރިޗު 2025 - 22:11 0
މުހައްމަދު ޝަހްޒާން
މާލޭގައި ދުއްވާ ޓެކްސީތަކެއް؛ އަވަސް އެންޓަޕްރައިޒެސްއިން ބުނީ ބޭއަދަބީކޮށް ފަސިންޖަރާ މުހާތަބު ކުރި ޑްރައިވަރުގެ މައްސަލަ ފުލުހުންނާއި ޓްރާންސްޕޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށް -- ފޮޓޯ: އަދަދު
3 މާރިޗު 2025 - 22:11 0
ބޭއަދަބީކޮށް ފަސިންޖަރަކާ ވާހަކަދެއްކި ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ބަލައި، އެ ޑްރައިވަރަށް އަވަސް އެޕު ބޭނުން ނުކުރެވޭ ގޮތް ހަދައި އޭނާ އާމެދު އަވަސް އެންޓަޕްރައިޒެސް އިން މިއަދު ފިޔަވަޅު އަޅައިފި އެވެ.
އަވަސް އެޕުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އެޕް ބޭނުން ކުރާ ޑްރައިވަރު، މުހައްމަދު ވާފިރު (ޓެކްސީ ނަންބަރު: AB1A T7646) ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ކުރި ދަތުރެއްގައި ފަސިންޖަރާ ބޭއަދަބީކޮށް ވާހަކަދެއްކި މައްސަލަ އެ އެޕް މެދުވެރިކޮށް އެ ކުންފުންޏަށް ލިބުނު ކަމަށެވެ.
އެ ފަސިންޖަރު ދާން ބޭނުންވި ތަނަށް ވެސް ގެންގޮސްދީފައި ނުވާ ކަމަށް ބުނެ އެ ފަސިންޖަރު އެޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅި ކަމަށް އަވަސް އެންޓަޕްރައިޒެސްއިން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ދެ ފަރާތާއި ވާހަކަ ދައްކަައި ތަހުގީގު ކުރުމަށް ފަހު މާޗު 2، 2025 އިން ފެށިގެން މި ކުންފުނިން އެ ޑްރައިވަރަށް ދީފައިވާ ހުރިހާ ހިދުމަތެއް [އަވަސް ރައިޑް އެޕް، އަވަސް އެޕް، ޓެކްސީ ސެންޓަރު] ވަނީ ދާއިމީ ގޮތެއްގައި ކަނޑައިލެވިފަ އެވެ،" އަވަސްގެ ނޫސް ބަޔާނުގައި ބުންޏެވެ.
އެ ޑްރައިވަރުގެ މައްސަލަ ފުލުހުންނަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށް އަވަސްގެ ބަޔާނުގައި ބުންޏެވެ.
"މި ހިދުމަތަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި މިފަދަ އަމަލުތަކަށް އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކުރަމެވެ،" އަވަސްގެ ބަޔާނުގައި ބުންޏެވެ.
އަވަސް އެންޓަޕްރައިޒެސްއިން ވަނީ ބޭއަދަބީކޮށް ވާހަކަދެއްކި ޑްރައިވަރުގެ އަމަލުތަކަށް މައާފަށް އެދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އަމަލުތައް ހިންގާ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
Comment