21 ފެބުރުވަރީ 2025 - 11:32 0
މުހައްމަދު ޝަހްޒާން
ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް: އޭނާއަށް މަރުގެ އިންޒާރު ދީފައި ވަނީ ދިވެހިރާއްޖެއިން ޑީޕޯޓު ކުރި ކަމަށް ބުނާ ލަންކާ މީހެއް -- ފޮޓޯ: ރައީސް އޮފީސް
21 ފެބުރުވަރީ 2025 - 11:32 0
ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ބޭފުޅާ މަރައިލަފާނެ ކަމަށް ބުނެ ލަންކާ މީހަކު ނުސީދާ މަރުގެ އިންޒާރުތަކެއް ދިން މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މިނިސްޓަރު ހަލީލްއަށް މަރުގެ އިންޒާރު ދިން މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ހަލީލްއަށް މަރުގެ އިންޒާރު ދީފައި ވަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމް، އެކްސްގަ އެވެ. އިންޒާރު ދިނީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ ސްރީލަންކާ މީހެކެވެ. އެ މީހާގެ ދަރިޔަކު ވެސް ދިވެއްސަކަށް ހުރެ އެވެ. ނަމަވެސް އެ ކުއްޖާ ދެކިލުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރާ ގުޅޭގޮތުން ވެސް އޭނާ ގިނަ ޕޯސްޓުތަކެއް އެކްސްގައި ކޮށްފައިވެ އެވެ.
މިނިސްޓަރު ހަލީލްއަށް ދިން ނުސީދާ އިންޒާރުތަކުގެ ތެރޭގައި، ހަލީލްގެ ކާރު ސްރީލަންކާގައި އެކްސިޑެންޓުވެ، ރޯވ އަލިފާނުގެ ސަބަބުން ހަލީލް މަރުވެދާނެ ކަމަށް ބުނެ، އެ ކާރު ދުއްވާ ޑްރައިވަރު ވަރަށް ސަމާލުވުމަށް އޭނާ އިންޒާރު ދީފައިވެ އެވެ.
އެހެން ޕޯސްޓެއްގައި ހަލީލްއަށް ކޮލަމްބޯގައި ރައްކާތެރިކަން އެބައޮތްތޯ ސުވާލު އުފައްދައި އެ މީހާ ބުނެފައި ވަނީ ހަލީލް ނިދާފައި ހޭލާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް މަދުވދާނެ ކަމަށާއި ނިދި ތަން ނޫން އެހެން ތަނެއްގައި އޮއްވައި ވެސް ހޭލެވިދާނެ ކަމަށެވެ.
އިތުރު ޕޯސްޓެއްގައި ހަލީލް ހުންނަވާ ކޮޓަރިއަށް ރޯމް ބޯއިއެއް ނުވަތަ ވެއިޓަރެއްގެ ގޮތުގައި ވެސް މަރު ގޮސްދާނެ ކަމަށް ބުނެ އެ މީހާ އިންޒާރު ދީފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment