13 ފެބުރުވަރީ 2025 - 08:56 0
އަތޫފް އާތިފް
13 ފެބުރުވަރީ 2025 - 08:56 0
ކެރިޔަރުގައި މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އަނިޔާގައި ހުރިއިރު, ރ. އިނގުރައިދޫ ޓީމަށް މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެކު, ހިތްވަރުލީ މި އަހަރު ފިޓްވެ, އެނުބުރި އައިސް ކާމިޔާބު ހޯދަން ކަމަށް އިނގުރައިދޫ ޓީމުގެ ތަރި، އަލީ ހާފިޒް (ހާއްޕެ) ބުނެފި އެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތް ފެށުމަށް ކުޑަތަންވެފައި ވަނިކޮށް ހާއްޕެ އަށް ޖެހުނީ ކަކުލުގެ އޭސީއެލް އޮޕަރޭޝަން ކުރާށެވެ. އެއާއެކު، އެ މުބާރާތް ހާއްޕެ އަށް ގެއްލުނެވެ. އެކަމަކު، މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ހާއްޕެ އިނގުރައިދޫ ބެންޗުން ކުޅުންތެރިންނަށް ހިތްވަރުދިނުމަށް "އަސާގަނޑު" ހިފައިގެން އިނެވެ.
މިދިޔަ އަހަރުގެ މުބާރާތުން އިނގުރައިދޫ ކެޓީ އަތޮޅު ސެމީ ފައިނަލުގައި އަލިފުށި އަތުން ބަލިވެގެންނެވެ. އެކަމަކު އޭގެ ކުރީ އަހަރު އިނގުރައިދޫ އިން ވަނީ މި މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
"ޓީމު މިދިޔަ އަހަރު ވަރަށް ދަށްކޮށް ދިޔައީ, ސެމީ އިން ކެޓީ (އަތޮޅު ސެމީ). ހާއްޕެ ނުކުޅެން. ދެން ހިތަށް އެރީ އެންޖަރީ އިން އެބުރި އައިސް މީތި ނަގަން މަސައްކަތް ކުރާނީއޭ." ހާއްޕެ ބުންޏެވެ.
ހާއްޕެ ވަނީ، ޒޯން ދޭއްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެ ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހާއްޕެ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ބޮޑެތި ފުޓްސަލް މުބާރާތްތައް މިހާތަނަށް ކާމިޔާބުކޮށްފަ އެވެ. އަދި އެ ހުރިހާ މުބާރާތެއްގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.
އެކަމަކު ހާއްޕެގެ ކެރިއަރުގައި މިހާތަނަށް ނުލިބިވާ ހަމައެކަނި މުބާރާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެވެ. އެހެންވެ, އިތުރު ހިތްވަރެއްލައި މުބާރާތް ކާމިޔާބުކުރަން ހާއްޕެ ހުރީ ބޭނުންވެފަ އެވެ.
"މީތި (ގޯލްޑަން ފުޓްސަލް ޗެލެންޖް) ނަގަން ބޭނުންވަނީ މިހާރު މިއީ ރާއްޖޭގައި ހާއްޕެ އަށް ނުލިބޭ އެއްޗަކީ. މީތި ނަގަން މަސައްކަތް ކުރަނީ." ހާއްޕެ ބުންޏެވެ.
ހާއްޕެ ބުނީ މިފަހަރުގެ މުބާރާތައް ނުކުތީ އިނގުރައިދޫ ޓީމު އެކަތި ގަނޑަކަށްވެގެން ކަމަށެވެ. އަދި މަސައްކަތް ކުރަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށްވެސް ހާއްޕެ ވަނީ ބުނެފަ އެވެ.
ހުނަރުވެރިކަމަށް ބަލާއިރު، ފުޓްސަލް ކިންގް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ހާއްޕެ ބުނީ މުބާރާތް ކާމިޔާބުކުރަން މުޅި އިނގުރައިދޫ ޓީމުން މަސައްކަތް ކުރާނެ ކަމަށާއި، އެ ޓީމުން ފެންނަ ކޮމްބިނޭޝަންގެ އަސްލަކީ އެއީ ކަމަށެވެ.
ގަދަ 16 ޓީމު ވާދަކުރާ ބުރުގައި، އިނގުރައިދޫން ކުޅޭނީ، 2023 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު، ލ. ގަމާ ދެކޮޅަށެވެ. އެންމެ ފަހުން، މި ދެ ޓީމު ކުޅުނީ، 2023 ގެ ސެމީ ފައިނަލުގަ އެވެ. ގަން އެ މެޗުން ވަނީ އިނގުރައިދޫ އަތުން 4-1 އިން މޮޅުވެފަ އެވެ.
Comment