Advertisement

ފުޓްސަލް ކިންގް ޔާންޓެ، ގޯލްޑަން ފުޓްސަލް ތަށި މި ފަހަރު ހޯދުން "ރަށަށްޓަކައި ހާއްސަ"

15 ފެބުރުވަރީ 2026 - 16:09 0

ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ކިންގް ޔާންޓެ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ފުޓްސަލް ކިންގް ޔާންޓެ، ގޯލްޑަން ފުޓްސަލް ތަށި މި ފަހަރު ހޯދުން "ރަށަށްޓަކައި ހާއްސަ"

15 ފެބުރުވަރީ 2026 - 16:09 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލުގައި ރޭ ގއ. ދެއްވަދޫއާ ދެކޮޅަށް ނުކުތްއިރު، ހދ. ނައިވާދޫގެ ކެޕްޓަން، ޔާމީން މުހައްމަދު (ޔާންޓެ) އަށް އޭނާގެ ފުޓްސަލް ކެރިއަރުގައި މި މުބާރާތް އޮތީ ކާމިޔާބުކުރެވިފަ އެވެ. އެއީ، 2018 ވަނަ އަހަރު މާފަންނު ޓީމުން މި މުބާރާތް ކާމިޔާބުކުރިއިިރު އެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދޭ "ކިންގް" ގެ މަގާމު ލިބުނު ޔާންޓެ ފާހަގަކުރީ، މި ކާމިޔާބީ ހާއްސަ ވަނީ އުފަން ރަށް، ހދ. ނައިވާދޫ އަށް ޓަކައި ކަމަށެވެ.

ރޭގެ ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޔާންޓެ ބުނީ، މިދިޔަ އަހަރުގެ ފައިނަލުގައި 4-1 އިން ކ. ކާށިދޫ އަތުން ނައިވާދޫ ބަލިވި ހިސާބުން އަޒުމު ކަނޑައެޅީ މި އަހަރުގެ ފައިނަލުގައި ކުޅުމަށް ކަމަށެވެ.

"މިދިޔަ އަހަރުގެ ފައިނަލުން އަސްލު ބަލިވީމަ ޓީމު އެންމެން އަޒުމު ކަނޑައެޅިން ހަމަ (މި އަހަރުގެ) ފައިނަލަށް އަންނަން، އެ ޓާގެޓަށް ރީޗްވި އަލްހަމްދުލިއްލާހި، ފައިނަލަށް ހަމަ ރެޑީވެގެން ހަމަ މިކަން މި ކުރީ، އަބަދުވެސް ބޭނުންވޭ ރަށަށް މި ކާމިޔާބީ ހޯދައިދޭން، އަލްހަމްދުލިއްލާހި ވިންވެފައި މި އޮތީ،" މީގެ ކުރިން، ގައުމީ ފުޓްސަލް ޓީމަށް ވެސް ކުޅެފައިވާ ޔާންޓެ ބުންޏެވެ.

ރޭގެ ފައިނަލަށް ފަހު މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދި ޔާންޓެ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ނައިވާދޫ އަށް މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެލެންޖު ބޮޑު އަހަރެކެވެ. އެންމެ ޓީމު ގިނައިން ވާދަކުރާ އެއް އަތޮޅުގައި، ނައިވާދޫން ކުޅެން ޖެހުނީ، ގައުމީ ފުޓްސަލް ޓީމަށް ދިޔަ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ، ގޯލްކީޕަރު، އިބްރާހިމް ނާޖިހު (ހޭޓް)، އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) ނުލަ އެވެ. އަދި، މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި، ޝާއިން އަށް އަނިޔާގެ ސަބަބުން މި ފަަހަރުގެ މުބާރާތުގައި ނުކުޅެވުނެވެ.

ޔާންޓެ ބުނީ ޗެލެންޖު ބޮޑިވެފައި އޮތުމުން ބައެއް ސަޕޯޓަރުންގެ އުންމީދުތައް ވެސް ގެއްލިގެންދިޔަ ނަމަވެސް ކުޅުންތެރިންގެ ރޫހާއި ކުރި މަސައްކަތް ރަނގަޅު ކަމަށެވެ.

"ބައެއް ސަޕޯޓަރުންގެ އުންމީދު ވެސް ގެއްލުނު، ދެން، އެކަމު ޕްލޭޔަރުންގެ ހައިސިއްޔަތުން ޓީމާ ދޭތެރޭއިން ކޮންފިޑެންސް، އަތޮޅު ނަގާލެވޭނެ ކަމުގެ، ދެން، ނެޝަނަލް ޓީމު ޕްލޭޔަރުން ޖޮއިން ކުރެވެންދެން ހަމަ ހިފަހައްޓާލެވޭނެކަން އެނގޭ، އަލްހަމްދުލިއްލާހި ޖޮއިންކުރި ހިސާބުން ޓީމު ވަރުގަދަ ވެގެންދިޔައީ،" ޔާންޓެ ބުންޏެވެ.

ރޭގެ ފައިނަލުގައި ދެއްވަދޫ އަތުން 9-3 އިން ނައިވާދޫ މޮޅުވިއިރު، މި މެޗުގައި ލީޑުނެގީ ދެއްވަދޫން މެޗު ފަށައިގެން 15 ވަރަކަށް ސިކުންތު ތެރޭގައި ޖެހި ގޯލުންނެވެ. ޔާންޓެ ބުނީ، ގޯލެއް އެ ޓީމު ކޮޅަށް އަވަހަށް ވަތް ނަމަވެސް އިތުބާރު އޮތް ކަމަށެވެ.

"ފައިނަލާ ދޭތެރޭ އަސްލު ފުރަތަމަ ސްކޯ ކުރިއިރު ވެސް އެނގޭ ވާނެކަން އަހަރެމެންނަށް އެއީ، އަހަރެމެންގެ މުބާރާުތުގެ ޕާފޯމަންސަށް ބަލާފައި އެނގޭ އަދި އެއް ގޯލު ޖެހިޔަސް، އެހާ ކުރީކޮޅުގައި ޖެހީމަ އަހަރެމެންނަށް މީތި އަނބުރާލެވޭނެކަން އެ ނަތީޖާ މިއީ،" ޔާންޓެ ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ކިންގް އޮފް ފުޓްސަލްގެ ތަހުތުގައި ޔާންޓެ އިށީނދެލައިގެން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ކުޅުމުގެ ކެރިއަރާއި ރަށަށްޓަކައި ފުޓްސަލްގެ އާ ޗެޕްޓަރުތަކެއްގައި މަސައްކަތް ކުރާ ގޮތަށް ހުރި ޔާންޓެ ބުނީ، އެ ރަށުގެ ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމުގައި އަދި ރާއްޖޭގެ މަތީ ލެވަލްގައި އަބަދުވެސް ކުޅެމުން އަންނައިރު، އުންމީދަކީ އެކަން ދެމެހެއްޓޭނެ ވަރުގެ ކުޅުންތެރިން މި ކަމަށް ނެރުން ކަމަށެވެ. އަދި، އެ މަސައްކަތުގައި އޭނާގެ ބައިވެރިވުން ބޮޑުކުރުމަށްޓަކައި ކުރެވުނު ކަމެއް ކުރަން ޔާންޓެ ހުރީ ތައްޔާރަށެވެ.

"ރަށަށް އަސްލު ބޮޑަށް މީތި (ގޯލްޑަން ފުޓްސަލް ޗެލެންޖް) ހޯދައިދޭން ބޭނުންވީ ރަށަށް ކާމިޔާބެއް ހޯދައިދޭން މިހާ ވަރަށް ފުޓްސަލްގައި ކުޅެފައި، އެހާ ވަރަށް އުޅެވުނީތީ އަސްލު ބޭނުންވީ ރަށަށް މިކަން ކޮށްލައިދޭން، ދެން އަލްހަމްުދުލިއްލާހި މިކަން ވީތީ، ދެން އަދިވެސް އެކަމު ޔަންގް ކުޅުންތެރިންނާ އެކު މިކަން ކުރަން ވިސްނުން އެބަހުރި، އެ މީހުންނަށް އެއްބާރުލުން ދީގެން ޕްލޭޔަރުން ނެރެން މި ކަމަށް،" ޔާންޓެ ބުންޏެވެ.

ނައިވާދޫ އަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 އަހަރުވީ ތާރީހުގައި ވެސް އެއް އަހަރު ފައިނަލުން ބަލިވުމަށް ފަހު، މި ގޮތަށް އުނދަގޫތަކެއްގެ ތެރެއިން އައިސް، ޖެހިގެން އައި އަހަރު މުބާރާތުގެ ތަށި ހޯދި ފުރަތަމަ ޓީމެވެ. އެ ޓީމުން މި އަހަރު ވެސް ހދ. އާއި ޒޯން އެކެއްގެ ޗެމްޕިއަންކަން ދިފާއުކުރި އެވެ.